ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވައިލަން ހުށަހެޅި ހުށަހެޅުން ބަލައިގެންފި

ފަތުރުވެރިންތަކެއް -- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު އުވައިލަން ސަރުކާރުން ހުށަހެޅި ހުށަހެޅުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިލައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ހުށަހެޅުން ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފާސްވީ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހެވެ. އެއަށްފަހު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަދަށް އަމަލުކުލަރަން ފެށީ ޓުއާ އޮޕަރޭޓަރުންނާއި ކަމާ ގުޅުންހުރި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ގާނޫނަށް ގެނައި ބަދަލާއެކު، އަދި އޭގެ ކުރިން ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ އާއި އިންޑިއާ ފަދަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ޓެކްސް ނަގަން ފެށުމާއެކު ފަރަންސޭސިވިލާތުގެ 'ލޭޒް އަންޓްރްޕްރީޒް ޑޫ ވޮޔާޖް' (އީޑީވީ) އާއި 'ސިންޑިކާ ޑެޒް އަންޓްރަޕްރީޒް ޑޫ ޓުއާ އޮޕަރޭޓިން' (ސެޓޯ) އާއި އިޓަލީވިލާތުގެ އެސްޓޯއީ ކޮންފިންޑޫސްޓްރިއާ ވިއާގީ ފަދަ ވިލާތުގެ ގައުމުތަކުގެ ޖަމިއްޔާތަކުން ވަނީ މިކަމުގެ ސަބަބުން ކުރިމަތިވާނެ މާލީ އަދި އިދާރީ ދަތިތައް ބަޔާންކޮށް މީރާއަށް ސިޓީ ވެސް ފޮނުވައިފައެވެ.

އެ ސިޓީގައި ވަނީ އެ ބަދަލަށް އަމަލުކުރުން އަންނަ އަހަރަށް ފަސްކޮށްދިނުމަށް އެދިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޓްރެވަލް އޭޖެންޓުންގެ ފަރާތުން ހުށަހެޅި ގިނަ ކަންބޮޑުވުންތަކާއި އެދުންތަކަށް ރިއާޔަތްކުރެއްވުމަށް ފަހު، ރައީސް ވަނީ އެ ނިންމެވުން ބަދަލުކުރައްވަން ނިންމަވައިފައިވާކަން އިއުލާނު ކުރައްވައިފައެވެ.

comment ކޮމެންޓް