ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދުން 24 ދަޅު ބަނގުރަލާއެކު އަތުލައިގަތް މީހަކު ކުށަށް އިޢުތިރާފުވުމުން، އޭނާގެ މައްޗަށް އައި ޖަލު އަދަބު 6،000 ރުފިޔާގެ ޖޫރިމަނާއަކަށް ކްރިމިނަލް ކޯޓުން ބަދަލުކޮށްފިއެވެ.
މި މައްސަލައިގައި ދަޢުލަތުން، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ ޅ. ނައިފަރު/ ރާނީވިލާ، މުޙައްމަދު މުބާރިކްގެ މައްޗަށެވެ.
ދަޢުލަތުގެ ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ރޭގަނޑު 19:30 ހާއިރު، ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް މުބާރިކް އެ ސަރަޙައްދުގައި ހުއްޓެވެ. ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އޮތް ރަތް ކުލައިގެ ކޮތަޅެއް އެތަނުގައި ހުރި ސައިކަލެއްގެ ކައިރީގައި ބެހެއްޓުމަށްފަހު ފިލަން އުޅުމުން ފުލުހުން ވަނީ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައެވެ.
އެ ކޮތަޅު ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި އޮތް ފޮށިގަނޑަކުން "ޓައިގާ" ބްރޭންޑްގެ 24 ދަޅު ބިޔަރު ފެނިފައިވެއެވެ. އަދި އެ ތަކެތި ތަޙުލީލުކުރުމުން ވަނީ ބަނގުއާތްވަށް ޕޮޒިޓިވްވެފައެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައާއި އަވަސް ނިޔާގެ މަޖިލީހުގައި ވެސް މުބާރިކް ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކުށަށް އިޢުތިރާފުވެފައެވެ. މި ކުށަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، ކުށަށް އިޢުތިރާފުވެ ޝަރީޢަތަށް އެއްބާރުލުން ދީފައިވާތީ އަދަބު ދެ ދަރަޖަ ދަށްކުރުމުން އައީ އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެކެވެ. މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި ބަންދުގައި ހޭދަކުރި ހަ ދުވަސް އުނިކުރުމުން ތަންފީޛުކުރަން ޖެހުނީ އެއް މަސް ދުވަހުގެ ޖަލު އަދަބެކެވެ.
މުބާރިކްގެ މައްޗަށް މީގެ ކުރިން މިފަދަ ކުށެއް ސާބިތުވެފައި ނެތުމާއި، ޖޫރިމަނާ ދެއްކޭނެ ކަމަށް އޭނާ ބުނެފައިވާތީ، ޤާޟީ މުޒައްމިލު ނާޞިރު ވަނީ ޖަލު އަދަބުގެ ބަދަލުގައި 6,000 ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށް ޙުކުމް ކުރައްވާފައެވެ.
މި ޖޫރިމަނާގެ ފައިސާ، ޙުކުމް ކުރި ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.