ފޮށި ނުކަނޑައި އައިފޯނުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ އާ ނިޒާމެއް އެޕަލް ސްޓޯރުތަކުގައި ބޭނުންކުރަން ފަށައިފިއެވެ.
އެޕަލް ސްޓޯރުތަކަށް އަނބުރާ ރައްދުކުރާ އައިފޯނުތަކުގެ ފޮށި ނުކަނޑައި، އޭގެ އެތެރޭގައިވާ ފޯނާއި، ފޯނާގުޅޭ އެހެނިހެން ސާމާނު ހަމައަށް ހުރިތޯއާއި އޭގެ ސައްހަކަން ކަށަވަރުކުރެވޭނެ ހާއްސަ އާ ޑިވައިސްއެއް އެޕަލްއިން ތައާރަފުކޮށްފައި މިވަނީ ރީޓެއިލް ފިހާރަތަކުގައި ބޭނުންކުރާ ޚާއްޞާ ނިޒާމެއްގެ ގޮތުގައެވެ.
ބްލޫމްބާގްގެ މާކް ގުރްމަންގެ 'ޕަވާ އޮން' ނިއުސްލެޓާގައި ބުނެފައިވާ ގޮތުގައި، މި އާ ނިޒާމު މި އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އެޕަލްގެ ފިހާރަތަކަށް ފޯރުކޮށްދޭން ފަށާފައިވާއިރު، މިހާރު ވަނީ އަމަލީ ގޮތުން ބޭނުންކުރަން ފަށާފައެވެ.
މިފަދަ ނިޒާމެއް ގާއިމުކުރަން އެޕަލްއިން ނިންމީ އައިފޯނާއި އެޕަލްގެ އެހެނިހެން އުފެއްދުންތައް ގަތުމަށްފަހު، ފޮށީގައިވާ އެކްސެސަރީޒް ނުވަތަ ފޯނުގެ އެތެރޭގެ ބައިތައް ނެގުމަށްފަހު، ނުވަތަ މުޅި ފޯނު ނެގުމަށްފަހު ފޮށި ބަންދުކޮށްގެން އަނބުރާ ފިހާރައަށް ރައްދުކޮށް ފައިސާ ހޯދަން އުޅޭ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދިއުމާ ގުޅިގެންނެވެ. ކުރިން މިފަދަ ހާލަތްތަކުގައި އެޕަލްގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވަނީ އަނބުރާ ގެންނަ ފޮށިތައް ކަނޑައިގެން އެތެރޭގައި ތަކެތި ހަމައަށް ހުރިތޯ ބެލުމަށެވެ.
އެޕަލްއިން މި ނިޒާމް ތައާރަފުކޮށްފައި ވަނީ ރީޓެއިލް ފިހާރަތަކުގައި ބޭނުންކުރާ ޚާއްޞާ ނިޒާމެއްގެ ގޮތުގައި ---ނަމަވެސް، އަލަށް ތައާރަފުކުރި ޑިވައިސްގެ އެހީގައި ފޮށި ނުކަނޑައި، ފޮށީގެ ބޭރުން ސްކޭންކޮށްގެން ފޯނުގެ ޑަޔަގްނޯސްޓިކްސް ހިންގައި، ފޯނުފޮށީގައި ހުންނަންޖެހޭ ސާމާނު ފުރިހަމައަށް ހުރިތޯ ކަށަވަރުކުރެވޭނެއެވެ. މި ޑިވައިސް ތައްޔާރުކޮށްފައިވަނީ ފޮށި ނުކަނޑައި އައިފޯނުތަކުގެ ސޮފްޓްވެއާ އަޕްޑޭޓްކުރުމަށް އެޕަލްއިން ބޭނުންކުރާ 'ޕްރެސްޓޯ' ޓެކްނޮލޮޖީއާ ގުޅޭގޮތުންނެވެ.
މި ނިޒާމުގެ ސަބަބުން، އަނބުރާ ރައްދުކުރާ ފޯނުތައް ޗެކްކުރުމުގައި ހޭދަވާ ވަގުތު ސަލާމަތްވެ، މަކަރާއި ހީލަތުން ސަލާމަތްވުމުގެ އިތުރުން، ފޮށި ނުކަނޑައި ސައްހަކަން ކަށަވަރުކުރެވޭ ފޯނުތައް އަލުން އިންވެންޓްރީއަށް ލައި ވިއްކުމަށް ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ ކުރިން ފޮށި ކަނޑަންޖެހުމުގެ ސަބަބުން ތަކެތި އިސްރާފުވުމަށް މެދުވެރިވި މައްސަލައަށް މިކަމުގެ ސަބަބުން ހައްލެއް ލިބިގެންދާނެއެވެ.