އުތުރާއި މެދުރާއްޖެތެރެއަށް އަދިވެސް އޮތީ ވިއްސާރަ، އެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ: މެޓް

ވިއްސާރަ ދުވަހެއްގައި ބަޔަކު މަގުމަތީގައި: އުތުރާއި މެދުރާއްޖެތެރެއަށް އަދިވެސް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް މެޓް އޮފީހުން ބުނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

އުތުރާއި މެދުރާއްޖެތެރެއަށް އަދިވެސް އޮތީ ވިއްސާރަ ކަމަށް ބުނެ، އެ ސަރަހައްދުތަކުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ބުނެފިއެވެ.

މާދަމާ ހެނދުނު 06:00އާ ހަމައަށް މެޓުން ލަފާކުރި ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ކަމަށް މެޓުން ބުންޏެވެ. ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ، ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި - ސަން ފޮޓޯ/ ނާއިޝް ނާހިދު

އެ އިދާރާއިން އިތުރަށް ބުނި ގޮތުގައި، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެއެވެ. އެކަމަކު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިޔަސް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ،

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ، ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގައި ކަމަށްވާއިރު، ދެކުނުގެ ކަނޑުތަކުގައި ރާޅު ހުންނާނީ ދެ ފޫޓާ ހަތަރު ފޫޓާ ދެމެދުގެ އުސްމިނެއްގައެވެ.

މެޓުން ކުރިން ބުނެފައިވާ ގޮތުން، ރާއްޖެއަށް މިހާރު ކުރަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ.

ފާހަގަކުރެވޭ ގޮތުގައި، މޫސުން ގޯސް ދުވަހަށް މޫސުމަށް ސަމާލުވުމަށް އަބަދުވެސް އިދާރާތަކުން އިލްސްތިމާސްކުރެއެވެ.

comment ކޮމެންޓް