ގިނަ އުފެއްދުންތަކެއް އެއް ތަނަކުން ފެންނާނެ، މި އަހަރުގެ 'ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒު' މިރޭ ހުޅުވައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މައުރަޒު ހުޅުވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސަރުކާރުގެ ވަޒީރުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މައުރަޒު ހުޅުވައިދެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ، މައުރަޒުގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ.
ނުވަ ދުވަހަށް ކުރިއަށްދާ މި މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓްރީކުރިއެވެ. އޭގެތެރެއިން، 419 މީހަކު ވަނީ 4،404 އުފެއްދުން ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިކުރި އަދަދާ އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސްމި އަހަރުގެ މައުރަޒުގައި އެންމެ ގިނަ އުފެއްދުންތައް ހިމަނާފައި ވަނީ، އަމިއްލަ މީހުންނެވެ. މިގޮތުން، 321 އަމިއްލަ މީހުން މި މައުރަޒުގައި ބައިވެރިވެފައިވެއެވެ. އޭގެއިތުރުން، 75 ވިޔަފާރިއަކާއި ނުކުޅެދުންތެރިކަން ހުރި 16 މީހުންނާއި ސަރުކާރު ކުންފުނިތަކާއި ޖަމިއްޔާތަކުން ވަނީ މި މައުރަޒުގައި ބައިވެރިވެފައިވެއެވެ.
ހަތްދިހަ ތިން ގިންތިއެއް ހިމެނޭ ގޮތަށް ކުރިއަށްދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުންތައް ހިމަނާފައި ވަނީ، އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 1،695 އުފެއްދުން ބައިވެރިކޮށްފައިވާއިރު، ޑިޒައިނިންއާއި އާޓުގެ ދާއިރާއިން 920 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މި ނޫނަސް، ގިނަ ދާއިރާތަކާ ގުޅޭ އުފެއްދުންތައް މައުރަޒުން ފެންނާނެއެވެ.
މި އަހަރުގެ މައުރަޒު ބާއްވަނީ ތަފާތު ހަތް ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ. އަދި މި އަހަރުގެ މައުރަޒުގައި ބައިވެރިކުރި 290 އުފެއްދުމަކަށް މިހާރު ވަނީ އެވޯޑު ދީފައެވެ.
މި މައުރަޒަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރެއެވެ.