ގޭބިސީތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި، އަންހެނުންނާއި ފިރިހެނުންގެ ސިއްހަތާއި ދުޅަހެޔޮކަމާ ބެހޭ މުހިންމު މައުލޫމާތު އެއްކުރުމަށް ޓަކައި އަންނަ އަހަރު ކުރިއަށްގެންދަން ހަމަޖެހިފައިވާ ސާވޭގެ ކުރިން، ޓެސްޓު ސާވޭއެއް މާލެ ސަރަހައްދާއި ކ. ގުޅީގައި ފަށައިފިއެވެ.
ސިއްހީ ވުޒާރާއިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އަންނަ އަހަރު ރާއްޖޭގައި މަލްޓިޕަލް އިންޑިކޭޓަ ކްލަސްޓަ ސާވޭ (މިކްސް) ކުރިއަށްގެންދާނެ ކަމަށެވެ. އެ ސާވޭ މެދުވެރިކޮށް ސިއްހަތާއި، ކާނާއާއި، ދުޅަހެޔޮކަމާ ގުޅޭގޮތުން އެއްކުރެވޭ މައުލޫމާތުތަކަކީ ގައުމީ ސިޔާސަތުތަކާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ބައްޓަންކުރުމަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދޭނެ މައުލޫމާތުތަކެއްކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ސާވޭ ކުރިއަށްގެންދިޔުމުގެ ކުރިން، ޕްރީޓެސްޓް ސާވޭއެއް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް ސިއްހީ ވުޒާރާއިން ބުންޏެވެ. އެ ޕްރީޓެސްޓްގެ މަސައްކަތް ކުރިއަށްދަނީ މާލެ، ހުޅުމާލެ އަދި ކ. ގުޅީގެ ކަނޑައެޅޭ ވަކި ޚާއްސަ ގޭބިސީތަކެއްގައިކަމަށް އެ ވުޒާރާއިން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ސާވޭ ޓީމުތަކުން ކަނޑައެޅިފައިވާ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރަމުން ގެންދާނެކަމަށް ބުންޏެވެ.
ސިއްހީ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މިފަދަ ޕްރީޓެސްޓެއް ކުރިއަށްގެންދިއުމުގެ މައިގަނޑު ބޭނުމަކީ، އަންނަ އަހަރު ބާއްވާ ބޮޑު ސާވޭ ފެށުމުގެ ކުރިން ސާވޭގެ ސުވާލު ކަރުދާސްތަކާއި މައުލޫމާތު އެއްކުރުމުގެ މަރުހަލާތައް ޓެސްޓުކޮށް، ދިމާވެދާނެ މައްސަލަތައް ދެނެގަނެ އިސްލާހުކުރުމެވެ.
ސާވޭ ޓީމުތަކުން ހޮވާލެވިފައިވާ ގޭބިސީތަކަށް ޒިޔާރަތްކުރުމުން، ސާވޭ ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ސިއްހީ ވުޒާރާއިން ވަނީ އެދިފައެވެ.
https://x.com/MoHmv/status/2114345708203733281
މި ސާވޭއާ ގުޅޭ އިތުރު މައުލޫމާތު 301445 ނަންބަރު ފޯނަށް ގުޅުމުންނާއި [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މަލްޓިޕަލް އިންޑިކޭޓަ ކްލަސްޓަ ސާވޭ އަކީ ޔުނިސެފްގެ އެހީތެރިކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ގޭގެއަށް ޒިޔާރަތްކޮށްގެން ހިންގާ ސާވޭ ޕްރޮގްރާމެކެވެ. މި ސާވޭގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާއި އަންހެނުންގެ ދިރިއުޅުމުގެ ޙާލަތާއި، ޞިއްޙަތާއި، ތަޢުލީމާއި ރައްކާތެރިކަމާ ގުޅޭ އިތުބާރުހުރި މަޢުލޫމާތު އެއްކޮށް، ގައުމުތަކުގެ ތަރައްގީގެ ލަނޑުދަނޑިތައް ޙާޞިލުވަމުންދާ މިންވަރު ދެނެގަތުމެވެ.
މި ސާވޭގައި މައިގަނޑު ގޮތެއްގައި ދިރާސާކުރާ ދާއިރާތަކުގެ ތެރޭގައި، ކުޑަކުދިންގެ ސިއްހީ ޙާލަތާއި، ވެކްސިން ފުރިހަމަކުރޭތޯއާއި، މައިންގެ ޞިއްޙަތާއި، ސްކޫލް އުމުރުގެ ކުދިންނަށް ލިބޭ ތަޢުލީމީ ފުރުޞަތުތަކާއި އުނގެނުމުގެ ފެންވަރު ހިމެނެއެވެ. އަދި ސާފު ބޯފެން ލިބޭ މިންވަރާއި ޢާންމު ސާފުތާހިރުކަމުގެ ޙާލަތުގެ އިތުރުން ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމާއި އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ މިންގަނޑުތައް ވެސް ސާވޭގައި ބަލާނެއެވެ.