"ކޮންމެ ދުވަހަކީވެސް އާ ފެށުމެކެވެ. އަޅުކަމަށްފަހު ﷲއަށް ތަވައްކުލްކޮށްގެން ހިތްވަރާއެކު ދުވަސް ފަށާށެވެ. އިރާދަކުރެއްވިއްޔާ ރީތި މަންޒަރުތައް އޮތީ ކުރިއަށެވެ."

***

ސިފްރާން މައި ސިޑިން ތިރިއަށް ފައިބަމުން ދިޔައީ އަތްދަށަށް އިމާރާތުގެ ޗާޓުތަކެއް ޖަހައިގެން އަދި އަނެއް އަތުން ބޯ ފައިލެއް ހިފަހައްޓައިގެން ހުރެއވެެ. އެވަގުތު ނޫކުލަ ވިދުވަރެއްހެން އޭނާއާ ދިމާލަށް އައިތަން ފެނުނެވެ. އޭނާއަށް އެންމެ ފަހު ކަރުދާސް ފައިލުގެ ތެރެއަށް ކޮއްޕާލެވުނީ ހަމަ އެވަގުތުއެވެ.

"ބަލައިގެން ......." އިންޒާރު އައީ މާ ލަހުންނެވެ. އޭނާ މީހެއްގެ ގައިގާ އަޅައިގަތެވެ. ފައިލު އޭނާގެ އަތުން ދޫވެގެން ދިޔައެވެ، އަދި ފަރުވާތެރިކަމާއެކު އަތުރާފައިވާ ކަރުދާސްތައް ސިޑިމައްޗަށް އުކިގެންދިޔައެވެ. ބައެއް ކަރުދާސްތައް ސިޑީގެ ދަނޑިތަކުގެ ދަށަށް ދިޔައިރު، އަނެއްބައި ކަރުދާސްތައް ދޮރާއި ދިމާލަށް އުދުހެމުންދިޔައެވެ.

"ޤަބޫލެއްވެސް ނުކުރެވޭ......."އޭނަ ކަރުދާސްކޮޅުތައް ނަގަން ގުދުވެލަމުން މަޑުމަޑުން ބުނެލިއެވެ.

މިލްހާ އޭނާއަށް ބަލައިލީ އުނދަގޫކުރަން ކުއްލިއަކަށް ކޮންމެވެސް ތަނަކުން ފުންމައިލި މީހަކަށް ބަލާފަދަ ނަޒަރަކުންނެވެ. ބިރުގަނެ އަދި ތުހުމަތުކުރާ ކަހަލަ ނަޒަރެކެވެ. އަދި ހެދުން ރަނގަޅުކޮށްލަމުން އަވަސް އަރުވާލާފައި ދުވެލާފައި ދިޔައެވެ. އެންމެ ބަހެއްވެސް ނުވަތަ މާފަށް އެދުމުގެ ލަފުޒެއްވެސް ބުނުން ފާފައެއްފަދައެވެ.

ސިފްރާން ތެދުވެ އެއްކުރެވުނު ކަރުދާސްތައް ބޭނުންވާވަރަށްވުރެ ބޮޑަށް ބާރުލާފައި އެއްކޮށްލިއެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. މަތިން އިވެމުންދިޔައީ މިލްހާގެ އަވަސް ފިޔަވަޅުތަކުގެ އަޑެވެ. އަސްލު އެކުއްޖާއާއި އެއްޗެއް އަވަލާފައިވަނީހެއްޔެވެ؟

މިއީ ފަރުވާކުޑަކުރުމުގެ މުޅިން އާ މިންގަނޑެކެވެ. އެކުއްޖާ ގޭތެރޭގައި އުޅޭ އުޅުމުގައި ކުޑަކުދިންގެ ސިފަތަކެއް ހުރެއެވެ. ހިތަށް އަރާ ކޮންމެ އެއްޗަކަށް ވަގުތުން ޢަމަލުކުރަންޖެހޭ ފަދައަކުންނެވެ.

އެ ޚިޔާލުގެ ސަބަބުން ހަނދާން ނައްތާލަން ބޭނުންވި ވާހަކައެއް އަނެއްކާވެސް ހަނދާނަށް އައެވެ.

ސިފްރާންގެ މަންމަ ވަނީ އޭނާއާއި އެކަށީގެންވާކަމަށް ޤަބޫލުކުރާ އަނބިމީހާގެ ސިފަތައް ވަރަށް ސާފުކޮށް ބުނެދީފައެވެ. އެއީ އޭނާގެ މަޤާމުގެ ޒިންމާތައް ދަންނަ، ކޮންމެ ފެނިލުމަކީ ބޮޑު އުނދަގުލަކަށް ނަހަދައި ރަސްމިއްޔާތުތަކަށާއާއި ވިޔަފާރީގެ ކެއުންތަކަށާއި ހެޔޮއެދޭ ފަރާތްތަކުގެ ހަފްލާތަކަށާއި އަދި އެހެނިހެން އިޖްތިމާޢީ ޒިންމާތަކަށް އޭނާއާއެކު ދެވޭނެ އަންހެނެކެވެ. ވާހަކަދައްކަންވީ ވަގުތާއި ހިމޭނުން ހުންނަންވީ ވަގުތު ދަންނަ ކުޅަދާނަ އަދި އަޚުލާގު ރަނގަޅު މީހެކެވެ. ނުފޫޒުގަދަ މީހުން ތިބި ކޮޓަރިއެއްގައި އޭނާގެ ގާތުގައި ހުރެ ކޮންމެ ހާލަތަކަށް އެންމެ ފުރިހަމައަށް ފެތެން ޖެހޭނެއެވެ. ސިފްރާންގެ ދުނިޔެއަކީ އަމިއްލަ ތަނެއްގެ ގޮތުގައި ދެކެ އެދުނިޔެއަށް ހޭނެންވެސް ޖެހޭނެއެވެ. ސިފްރާނަށް ވިސްނުނުގޮތުން މިލްހާގެ ކިބައިގައި އޭނާގެ މަންމަ ސިފަކުރި އެއްވެސް ސިފައެއް ނެތެވެ.

މިލްހާ ރަސްމީ ވިޔަފާރީގެ ކެއުމަކަށް ގެންދިއުން ސިފްރާނަށް ޚިޔާލުކޮށްލަންވެސް ދައްޗެވެ. އެ އަންހެން ކުއްޖާ ކާން ބޭނުންކުރާނީ އޫކަމެއް ސަމުސާ ކަމެއް ހަނދާންނެތިދާނެއެވެ، އައިސިން ކޭކު ހޫނު ސައިތަށްޓަކަށް ޖަހައިގެން ކާންފަށާފާނެއެވެ. މެހުމާނަކާއި ދިމާލަށް ބުނަން ނުޖެހޭ އެއްޗެއް ބުނަންވެސް ފަހެއްނުޖެހޭނެއެވެ. ފޫހިވެއްޖެނަމަ މޭޒުމަތީގައި ހުންނަ ކާތަށީގެ ޑިޒައިންތައް ޝައުގުވެރިކަމާއިއެކު ބަލަން އިނދެފާނެއެވެ.

އޭނާގެ ސަމާލުކަން ދޭން ޖެހޭ އެތައް މުހިއްމު ކަމެއް އެބަހުއްޓެވެ. އޭނާއަށް އެންމެ ބޭނުންނުވާ ކަމަކީ ސިޑިއަކީ ރޭސް ޖަހާ ތަނެއްގެ ގޮތުގައި ދެކޭ އަންބެކެވެ.

***

މިލްހާ އޭނާގެ ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ލައްޕާލިއެވެ.

އޭނާއަށް ކަރުދާސްތަކާއެކު ސިފްރާން ވައްޓާނުލެވުނީ ކިރިޔާއެވެ. އެއަށްވުރެ ގޯހީ އޭނާ އެތަނަށް ދޫކޮށްލާފައި އާދެވުނު ކަމެވެ. މިލްހާ ލަދުގަތްވަރުން ނިތްކުރީގައި އަތްއަޅާބާރުކޮށްލިއެވެ. އޭނާ މާފަށް އެދެން ގަސްދުކުރިއެވެ. ނޫނީ މާފަށް އެދެން ޟަމީރު އެންގިއެވެ. ނަމަވެސް ނަމާދުގެ މަތިން ހަނދާންވެ އަވަސްކުރަން ހަދައިގެން އޭނާގެ ސިކުނޑިން އެހެން ހުރިހާ ކަމެއް ފިލައިގެން ދިޔައީއެވެ. މިހާރު އޭނާއަށް ޚިޔާލުކޮށްލެވުނީ ސިފްރާންގެ މޫނުމަތީގެ ކުލަވަރު ހުންނާނެ ގޮތެވެ. ރުޅި އަންނާނެ ވަރެވެ.

"ފަހުން މާފަށް އެދޭނީ......." އޭނާ އަމިއްލަ ނަފްސަށް މަޑުމަޑުން ބުނެލިއެވެ.

އޭނާގެ ފިރިމީހާއާމެދު ކަންބޮޑުވާން ފަހުންވެސް ވަގުތު ލިބޭނެއެވެ. މިވަގުތު ނަމާދަށްވުރެ މުހިއްމުކަމެއްނެތެވެ. "ފިރިމީހާ. ސީރިޔަސްލީ؟"

އޭނަ ހަށިގަނޑު ސީދާކޮށްލުމަށްފަހު ނަމާދަށް ތައްޔާރުވުމަށް އަވަސްވެގަތެވެ.

އޭނާ ނަމާދު ޚުޝޫއަތްތެރިކަމާއެކު ކުރަން މަސައްކަތްކުރިއެވެ. އިރުކޮޅަކަށް މުސައްލަމަތީގައި ހުރީ ސިކުނޑިން ހުރިހާ ޚިޔާލުތައް ނެރެލުމަށެވެ. ކޮޓަރީގެ ހިމޭންކަމުން އެކަމަށް އެހީތެރިވެދޭންޖެހޭނެއެވެ، ނަމަވެސް އޭނާގެ ސިކުނޑި އަރައިރުންވިއެވެ. ސިކުނޑި ދައްކަނީ އެހެން މަންޒަރެކެވެ. ސިފްރާންގެ އަތުން ފައިލު ދޫވި މަންޒަރެވެ. ސިޑިމައްޗަށް އުކިގެންދިޔަ ކަރުދާސްތަކެވެ.

އޭނާ ސޫރަތުލް ފާތިޙާ ކިޔަވަން ފެށިއެވެ. އޭނާގެ ޚިޔާލުތައް އަނެއްކާވެސް އެހެން ދިމާލަކަށް ދިޔައެވެ. އޭނާއަށް މި އިޙްސާސް އެނގެއެވެ. ﷲ ގެ ހަޟްރަތުގައި ހުންނަ މަދު މިނިޓުކޮޅަކީ ސަމާލުކަން ބޭނުންވާ އެހެން ހުރިހާ ކަމަކަށް އޮތް ހުރަހެއް ފަދައިން ނަމާދުގައި ހުންނައިރު ސިކުނޑި އެހެން ކަންކަމުގެ ފަހަތުން އެކި ދިމާދިމާލަށް ދަތުރުކުރަނީއެވެ.

އޭނާ އެތައް ފަހަރަކު އަޑުއަހައި، ކިޔަވާފައިވާ އާޔަތެއް ހަނދާނަށް އައެވެ. فَوَيْلٌ لِلْمُصَلِّينَ ...الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ "ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެތިބެ ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ." (ސޫރަތުލް މާޢޫން 4-5)

މި އާޔަތްތައް ކުޑައިރު ދަސްކުރި ހަނދާނެއްވިއެވެ. އޭނާގެ އެދުރު ބުނެދިނީ މިއީ ނަމާދަށް ފަރުވާކުޑަކޮށް ނަމާދާމެދު ފަރުވާކުޑަކޮށް ކަންތައްކުރާ މީހުންނަށް ﷲ ތައާލާ ދެއްވާފައިވާ އިންޒާރެއް ކަމަށެވެ. އެއީ ސިކުނޑި އެއްވެސް ވަރަކަށް އެހެން ދިމާލަކަށް ނުދާނެ ފަދަ ނުކުރެވޭނެ ހާލަތެއް ހޯދުމަށް ކުރެވުނު އަމުރެއް ނޫނެވެ، ނަމަވެސް ނަމާދާމެދު ޣާފިލުނުވުމަށް—ފަރުވާތެރިކަމެއް ސަމާލުކަމެއް ނުވަތަ ކަންބޮޑުވުމެއް ނެތި ކުރެވޭ ކަމަކަށް ނަމާދު ބަދަލުވިޔަނުދިނުމަށް ދެވުނު ހަނދާންކޮށްދިނުމެކެވެ.

ނަމާދަކީ ކޮންމެހެން ކުރަން ޖެހޭ ތާވަލްގެ ކަންކަމުގެ ދޭތެރެއިން ލިބޭ ހުސް ވަގުތުކޮޅުގެ ތެރެއަށް ކޮއްޕާލާ ކަމެއް ނޫންކަން އޭނާ އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ. އެންމެ އިސްކަން ދޭންވީ ނަމާދަށެވެ. މަސައްކަތާއި އާއިލާއާއި ދުނިޔަވީ ކަންތައް އަންނަނީ އޭގެ ފަހުންނެވެ. ދުނިޔޭގައި ހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީއެވެ.

އޭނާ މަަޑު ނޭވާއެއްލުމަށްފަހު ކިޔަވަމުންދިޔަ ބަސްތަކަށް އަނެއްކާވެސް ސަމާލުކަން ދިނެވެ. އެހެން އެންމެހައި ޚިޔާލުތައް ފިލުވާލަން ބާރުނުފޯރުވުނު ނަމަވެސް، ސިކުނޑި އެހެން ދިމާލަކަށް ދިޔަކަން ދެނެގަނެ މަޑުމަޑުން އަލުން ސަމާލުކަން ގެނެވޭނެއެވެ. އަވަސްއަރުވާލައިގެން ކިޔެވުމުގެ ބަދަލުގައި ކޮންމެ އާޔަތެއްގެ މާނައާމެދު ވިސްނައި އޭނާ ވާހަކަދައްކަނީ ކޮންފަރާތަކާއި ކަން ވިސްނާލުމުގެ ވަގުތުކޮޅެއް އަމިއްލަ ނަފްސަށް ދިނެވެ.

***

މެހުމާނުން އަންނަން ފެށިއިރު މިލްހާ ހުރީ ނަސްރީން އޭނާއަށްޓަކައި ނިންމާފައިވާ ލެވެންޑަރ ކުލައިގެ ހެދުމަށް ބަދަލުވެގެންނެވެ. އެއީ ހިތްގައިމު މަޑު ކުލައެކެވެ. ލައިލެކް ކުލައަލަށްވެސް ދާ އެ ހެދުން އޮތީ ގަޔަށް ދޫކޮށެވެ. އެ ހެދުން އޭނަގެ އަތުކުރިއާއި ހަމައަށް ނިވާވެފައިވާއިރު ގުޅޭ ޝޯލްއެއް އޭނާގެ އިސްތަށިގަނޑުގައި އޮޅައިލެވުނެވެ.

ލޯގަނޑުން އަމިއްލަ ނަފްސަށް ބަލައިލިއިރު ހެދުމުގެ ކައިރިފަށް ބިންމަތީގައި ކޭއްތޭތަން އޭނާއަށް ފެނުނެވެ. އޭނާގެ އަތުގައި ހުންނަ ހުރިހާ ހެދުންވެސް ކުޑަ ތަންކޮޅެއް ދިގެވެ.

އޭނާ ޝޯލްގެ ކައިރިފަށް ރަނގަޅުކޮށްލަނިކޮށް ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ.

ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ނަސްރީން އެތެރެއަށް ވަނީ އެގޭގެ ވެރިމީހާގެ ފުރިހަމަ އިއްޒަތާއި ފަރިކަމާއެކުގައެވެ. ނަސްރީނު ލައިގެން ހުރީ ގަދަ ފިޔާތޮށި ކުލައެެއްގެ ހެދުމެކެވެ. އަތުކުރިއާއި ކަރުވަޅުގެ ވަށައިގެން ނާޒުކުކޮށް ޖަރީކުރެވިފައިުއްޓެވެ. ރީތި ހާރެއް އޭނާގެ ކަނދުރާގައި އޮތްއިރު ބޯ އަނބުރާލާ ކޮންމެ ފަހަރަކު އެ އަލިމަސްތަކަށް އަލި އެޅި ވިދާބަބުޅައެވެ. ނަސްރީނުގެ ނަޒަރު އޭނަގެ މައްޗަށް ދަތުރުކުރިއެވެ. އަދި އޭނާގެ ހުސް ދެއަތަށް ބަލައިލިއެވެ.

"ތައްޔާރުވީ؟" ނަސްރީން އަހައިލިއެވެ. "ހިނގާ....ފުރަތަމަ ދާނީ އަހަރެންގެ ޑްރެސިންގ ރޫމަށް."

ނަސްރީނުގެ ޑްރެސިންގ ރޫމްްވެސް މިލްހާގެ ރަށުގައި ހުންނަ ގެއަށް ބޮޑެވެ. މުޅި އެއް ފާރުގައިވަނީ ހަރުކުރެވިފައިވާ އަލަމާރިތަކެވެ. އަދި ރަންކުލައިގެ ފްރޭމްކުރެވިފައިވާ ބޮޑު ލޯގަނޑެއްގެ ތިރީގައި ދިގު ޑްރެސިންގ މޭޒެއް ހުއްޓެވެ. އޭގެ މަތީގައި ތަރުތީބުން ކުދިކުދި މަޚްމަލް ފޮށިތައް އަތުރާފައިުއްޓެވެ. އަދި ބިއްލޫރި ކަބަޑެއްގެ ތެރޭގައި ކްރީމް ކަޅު އަދި ބާގަންޑީ ފަދަ ކުލަތަކުގެ ތަފާތު ދަބަސްތައް އަތުރާލާފައި ހުއްޓެވެ. އެ ކޮޓަރިން މަޑުމަޑުން ފިނިފެންމަލުގެ މީރުވަހާއި އޮފުކޮށްފައިވާ ލަކުޑީގެ ވަސް ދުވަމުންދިޔައެވެ. މިލްހާ ދޮރުގެ އެތެރެއަށް ވަންގޮތަށް އާޝޯޚުވިއެވެ.

އޭނާ ދުވަހަކުވެސް އެއްތަނަކުން އެހާ ގިނަ ގަހަނާއެއް ނުދެކެއެވެ. ނަސްރީން ވަތްގަނޑެއް ހުޅުވާލުމަށްފަހު މަޚްމަލް ތަބަކެއް ނެގިއެވެ. އޭގެ އެތެރޭގައި އަނގޮޓިތަކާއި ކަރާއި އަތް އަދި ކަންފަތް ފަޅުފުލިވައިލާފަދަ ގަހަނާތައް ވިއެވެ. ކޮންމެ އެއްޗެއްވެސް އޭގެ އަމިއްލަ ޖާގައިގައެވެ.

ނަސްރީން ފަނޑު ކުލައެއްގެ ބޮޑު ޖަވާހިރެއް ޖަހާފައިވާ އަނގޮޓިއެއް ނަގައި މިލްހާގެ ކަނައަތަށް ހެޔޮވަރުކޮށްލިއެވެ. އަދި އަނެއް އަތަށް ދެވަނަ އަނގޮޓިއެއް ލައްވައި އަތުކުރީގައި އަޅާ ފަށެއްނަގަން އަތްދިއްކޮށްލިއެވެ. މިލްހާ އެ މަންޒަރު ދެކެންހުރިއިރު ނުތަނަސްވަސަކަން އިތުރުވަމުން ދިޔައެވެ.

ނަސްރީން ފަހަތަށް ޖެހިލައި އޭނާގެ މަސައްކަތުގެ ފުރިހަމަކަން ވަޒަންކުރަން އުޅުނުފަދައެވެ. އެއާއެކު ބުމަ ގާތްކޮށްލައި އަނެއް ފޮއްޓަށް އަތްދިއްކޮށްލިއެވެ.

އޭނާ ނެގީ ޝޯލްގައި ޖަހާ ދަތްޗެކެވެ. ރަންކުލައިގެ މަތީގައިވާ ކުދިކުދި ކުލަކުލައިގެ ޖަވާހިރުތައް ވިދާ ބަބުޅައެވެ.

"މިއިން ތިޔަ ޝޯލް ހިފަހައްޓައިދޭނެ......" މިލްހާ އިއުތިރާޟުކުރުމުގެ ކުރިން ނަސްރީން އޭނާގެ ކޮނޑާއި ދިމާލުން ޝޯލްގައި އެދަތި ޖަހާލަދިނެވެ.

އެ ދަތި ކިތަންމެހާވެސް ރީއްޗެވެ. ނަމަވެސް އޭގެ ބުރަދަނުން ވަގުތުން ފޮތިގަނޑަށް ދަމައިގަތެވެ.

މިލްހާ އޭނާގެ ދެއަތް ހިއްލާލުމަށްފަހު އަލިކަމުގެ ތެރޭގައި އަނގޮޓިތައް ވިދަމުންދިޔަތަން ބަލަން ހުއްޓެވެ. އޭނާއަށް ހީވީ އެހެން މީހެއްގެ އިނގިލިތަކެއް އަތުލައިގެން އުޅޭހެންނެވެ.

އެދެމީހުން ޑްރެސިންގ ރޫމުން ނުކުތްއިރު މިލްހާ ލޯގަނޑާއި ދިމާލަށް ބަލައިލިއެވެ. އެ ހެދުމާއި އެ ހުރިހާ އެއްޗަކުން އޭނާ ފެންނަނީ މުޅިން އެހެން މީހެއްގެ ގޮތުގައެވެ.

***

މިލްހާމެން ދިޔައިރު ބޯލްރޫމް އޮތީ ފުރެން ފަށާފައެވެ. ކްރިސްޓަލް ޗަންދަލިއާތަކުން އަލިކަން އޮއްސެމުންދިޔައެވެ. އޮމާންކޮށްފައިވާ ބިންމައްޗާއި އައިވަރީ ފޮތިގަނޑުތައް އަޅާފައިވާ ދިގު މޭޒުތަކަށްވެސް އަލިކުރަމުންނެވެ. ހުދު ފިނިފެން މަލާއި ފެހިކުލަަތަކުން ކޮޓަރި ޒީނަތްތެރިކުރެވިފައިވާއިރު ޚާދިމާއިން މެހުމާނުންގެ މެދުގައި ބުއިންތަކާއި ކާނާތަކުގެ ތަބައްތައް ހިފައިގެން ހިނގަމުންދިޔައެވެ. މިއުޒިކެއްގެ މަޑު އަޑުގެ ތެރެއިން ވާހަކަތަކުގެ އަޑު އުފުލި ތިރިވަމުންދިޔައެވެ. މިލްހާ އެތަނަށް ވަންނަ ދޮރުމަތީގައި މަޑުކޮށްލިއެވެ. އޭނާއަށް ހަފްލާ ބޮޑުވާނެކަން އެނގުނެވެ، ނަމަވެސް މިހާ ގިނަ މީހުން އަންނާނެކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. ފުރިހަމައަށް ފަހާފައިވާ ސޫޓުލައިގެން ތިބި ފިރިހެނުން ކުދި ގުރޫޕްތައް ހަދައިގެން މުހިންމު ކަންތައްތަކާއިމެދު މެދު ވާހަކަދައްކަމުންދިޔައެވެ. މިލްހާއަށް ސިފްރާން އޭނާގެ ބައްޕައާއެކު ހުއްޓައި ފެނުނެވެ. ދެމީހުންގެ ވަށައިގެންވެސް ފިރިހެނުން ތިއްބެވެ.

ކުލަކުލައިގެ ސްޓައިލިޝް ހެދުންތަކުގައި ތިބި އަންހެނުން އެކަކު އަނެކަކަށް ކޯތާފަތުގައި ބޮސްދީ ނުހަނު އުފަލާއެކު ސަލާމްކުރަމުންދިޔައެވެ. ކޮންމެ މަދު މިނެޓުކޮޅަކުން މީހަކު ހީނގަންނައިރު އަނެކަކުގެ އަޑު އެކަމުގައި ބައިވެރިވެއެވެ.

އޭނައަށް ޔަގީނުންވެސް ބީރައްޓތެި ސަގާފަތެކެވެ. އެއާއެކު އެތަނުގައި ކުޅެވެމުންދިޔަ ރާގުންވެސް ބޮލަށް އުދަގޫވިއެވެ.

ނަސްރީން މިލްހާ އެ މީހުންތަކުގެ ތެރެއަށް ގެންދިޔައެވެ. މެހުމާނުންނަށް ސަލާމްކުރުމަށާއި އުފާވެރި ވާހަކަތައް ބަދަލުކުރުމަށް މަޑުކޮށްލަމުންނެވެ. ނަންތައް ތަޢާރަފުކުރެވުނެވެ، އަތާއި އަތް ޖޯޑުކުރެވުނެވެ. މިލްހާ ކޮންމެ މީހެއްގެ މޫނާއި ނަން ހަނދާންބަހައްޓަން ވީވަރަކުން މަސައްކަތްކުރިއެވެ. އޭނާގެ ހާސްކަމާއި ނުތަނަވަސްކަން ހަމަޔަކަށް އެޅި މީހާ ހަމަޖެހިލިތަނާހެން ދުވަސްވީ އަންހެނަކު އެމީހުންނާ ދިމާލަށް އައެވެ.

"ނަސްރީން، ޑާލިން....." އެ އަންހެންމީހާ ނަސްރީންގެ ގައިގައި އޯގާތެރިކަމާއެކު ބައްދާލުމަށްފަހު ފަހަތަށް ޖެހިލައި މިލްހާއަށް ތަޢުރީފުކޮށްލިއެވެ.

"ބަލާބަލަ. އެއްވެސް ވަރަކަށް ބަދަލެއް ނުވޭ."

އެއާއެކު އެމީހާ ހިނިތުންވެލިއެވެ. "މިހާ ގިނަ އަހަރުތަކަކަށްފަހު އަނެއްކާވެސް ފެނުމުން ވަރަށް އުފާވެއްޖެ...."

މިލްހާ ދެލޯ ބޮޑުކޮށްލިއެވެ. "ކީކޭ؟"

އެ އަންހެންމީހާގެ ހިނިތުންވުން ކުޑަކޮށް ފަނޑުވި ނަމަވެސް، އަވަހަށް ހަމައަކަށް އަޅުވާލިއެވެ. "ޔާ ﷲ. އަހަރެން އެންމެ ފަހުން ދުށްއިރު ތިއީ ކުޑަކުއްޖެއް. އަހަރެން ހަނދާންއެބަހުރި ހާދަ ވައްތަރޭ........."

އެއާއެކު އެ އަންހެންމީހާ ގެ ޖުމްލަ މެދުކެނޑުނެވެ. މިލްހާގެ އަތުގައި މަޑުމަޑުން އަތްތިލަ ޖައްސާލައިގެން ހުރި ނަސްރީންވެސް ހުއްޓުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު