ދިވެހި ފުލުހުންގެ ޚިދުމަތުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް، ފުރުސަތުތައް ފަހިކުރުމަށް އެ މުއައްސަސާއިން އެސެސްމެންޓެއް ހަދައިފިއެވެ.
ފުލުހުން މިއަދު ބުނީ، އެ އެސެސްމަންޓަކީ ޔޫރަޕިއަން ޔޫނިއަން އަދި އދ. ގުޅިގެން ހިންގާ، އދ. ގެ އޮފީސް އޮފް ކައުންޓާ-ޓެރަރިޒަމްއިން ތަންފީޒުކުރާ "އީޔޫ-ޔޫއެން ގްލޯބަލް ޓެރަރިޒަމް ތްރެޓްސް ފެސިލިޓީ (ޔޫއެންއޯޓީސީ)"ގެ އެހީތެރިކަމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޚާއްސަ ޓީމަކުން ކުރިއަށްގެންދިޔަ ދިރާސާއެއް ކަމަށެވެ.
އެ މުއައްސަސާއިން ބުނި ގޮތުގައި، އެސެސްމަންޓް ކުރިއަށް ގެންގޮސްފައިވަނީ ޓެރެރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައާއި، ހަރުކަށި ފިކުރު ހުއްޓުވުމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި ކެރިއާ ކުރިއެރުންތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައެވެ.
ފުލުހުން ބުނީ، އެ އެސެސްމެންޓުގެ ހޯދުންތަކާއި ހުށަހެޅުންތައް ދިރާސާކޮށް، ވެލިޑޭޝަން ވޯކްޝޮޕެއް ވެސް ވަނީ ބާއްވައިފައިވާ ކަމަށެވެ. އެ ވޯކްޝޮޕްގައި ޔޫއެންއޯސީޓީގެ ޓީމުން އެސެސްމަންޓާ ގުޅޭ ތައާރަފެއް ދިނުމުން، ފުލުހުންގެ އެސެސްމަންޓް ޓީމުން ވަނީ ދިރާސާގެ ހޯދުންތަކާއި ހުށަހެޅުންތައް ވެލިޑޭޓްކުރުމަށްޓަކައި ހުށަހަޅައި، 30 މިނެޓުގެ ސުވާލާއި ޖަވާބުގެ ސެޝަނެއް ކުރިއަށްގެންގޮސްފައިކަން އެ މުއައްސަސާއިން ހާމަކުރިއެވެ.
އެ އެސެސްމަންޓުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ ޔޫއެންއޯސީޓީގެ ހަތަރު މާހިރުންގެ ފަންނީ އެހީތެރިކަމާއެކު، ދިވެހި ފުލުހުންގެ 13 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުންކަމަށް ފުލުހުން ބުނެއެވެ. އަދި މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ އޮގަނައިޒޭޝަނަލް ސްކޭނަކާއި، ކަމާގުޅުންހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި، ފޯކަސް ގްރޫޕް މަޝްވަރާތަކުގެ އިތުރުން ސިއްރު ސާވޭއެއް މެދުވެރިކޮށް ކަމަށްވެސް ފުލުހުން ބުނެއެވެ.
އެސެސްމެންޓާ ގުޅޭ ގޮތުން ބޭއްވި ވޯކްޝޮޕްގެ ތެރެއިން: ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުން ވަނީ އެސެސްމެންޓެއް ހަދައިފައި - ފޮޓޯ/ ފުލުހުންއެ ދިރާސާގެ ހޯދުންތަކާ ހަވާލާދީ ފުލުހުން ބުނީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ލީޑާޝިޕުން ދޭ އެއްބާރުލުމާއި، ވެލްފެއާ އިނާޔަތްތަކާއި، ވިހެއުމާ ގުޅިގެން ދެވޭ މުސާރައާއެކު ޗުއްޓީ އަދި މުއައްސަސާގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމަށް ގާއިމުކޮށްފައިވާ ހަރުދަނާ އުސޫލުތަކުގެ ފުރިހަމަކަން ފާހަގަވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން ވަނީ އެސެސްމަންޓް ޓީމުން ކުރި ބުރަ މަސައްކަތަށާއި، ހުށަހެޅި ހޯދުންތަކަށް ތައުރީފުކުރައްވާފައެވެ. އަދި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމަކީ މުއައްސަސާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމެއް ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން، ޚިދުމަތުގެ މިހާރުގެ އޮނިގަނޑުތައް ތަރުތީބުކޮށް އިތުރަށް ހަރުދަނާކުރުމަށް މި ދިރާސާގެ ސަބަބުން ފަސޭހަވެގެންދާނެކަން އެސިސްޓެންޓް ކޮމިޝަނާ ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ޔޫއެންއޯސީޓީގެ ފަރާތުން އެސެސްމަންޓް ޓީމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ވަރުގަދަކުރުމަށްޓަކައި އެ ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޔޫއެންއޯސީޓީ ޓީމުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމުގެ އަގުވަޒަންކުރައްވައި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.