ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް، މީގެ ކުރިން ކުޑަކުދިންގެ ހިޔާ ނުވަތަ 'އަމާން ހިޔާ' ހިންގި އިމާރާތަށް ބަދަލުކޮށްފިއެވެ.
އެ ހޮސްޕިޓަލުގެ ޚިދުމަތްތައް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އަމާން ހިޔާއަށް ބަދަލުކުރީ، ވަގުތީ ގޮތުންނެވެ. އެއީ، ވިލިމާލޭ ހޮސްޕިޓަލް ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމަށެވެ.
އަމާން ހިޔާއަށް ހޮސްޕިޓަލުގެ ޚިދުމަތްތައް ބަދަލުކުރީ، އެ ތަނުގެ ބައެއް މަރާމާތުތައް ކުރުމަށް ފަހުގައެވެ.
މި އަހަރުގެ މެދުތެރޭގައި ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަށައި، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވީ ނިމުނު އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.
ވިލިމާލެ ހޮސްޕިޓަލް: އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަނީ އަމާން ހިޔާއަށް ބަދަލުކޮށްފައި -- ފޮޓޯ/ ވިލިމާލޭ ހޮސްޕިޓަލްމިނިސްޓަރު އޭރު ވަނީ، ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ އެ ހޮސްޕިޓަލުގެ ބައެއް މަސައްކަތްތަކަށް ޚާއްސަ ކުރި ޓީމަކުން ޑިސެމްބަރު މަހު ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު، ފަސް މަހެއްހާ ދުވަހުގެތެރޭ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
އާ ހޮސްޕިޓަލުގެ މަސައްކަތް ނިމޭއިރު، ޒަމާނީ ހުރިހާ ވަސީލަތެއް ގާއިމުކޮށްފައި ހުންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މުއްތަލިބު އޭރު ވަނީ ދެއްވާފައެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު ސޮއިކުރީ ނިމުނު އަހަރުގެ ޖޫން މަހުގެ ކުރީކޮޅުގައެވެ.