ޑަޔާނާއަށް ކުރެއްވި އެންމެ ފަހު ފޯނު ކޯލާ މެދު ޕްރިންސް ހެރީ އަދިވެސް ހިތާމަކުރައްވާކަން ހާމަކުރައްވައިފި

ޕްރިންސަސް ޑަޔާނާ، ޕްރިންސް ހެރީ އަދި ޕްރިންސް ވިލިއަމް --

މަންމާފުޅު ޕްރިންސަސް ޑަޔާނާއަށް ކުރެއްވި އެންމެ ފަހު ފޯނު ކޯލާ މެދު އަދިވެސް ހިތާމަކުރައްވާކަން ޕްރިންސް ހެރީ ހާމަކުރައްވައިފިއެވެ.

ޖީކިއުގެ "ވަން މޯ ކުއެޝަން" ޕްރޮގްރާމުގައި، އުމުރުފުޅުން 42 އަހަރުގެ ހެރީ ވިދާޅުވި ގޮތުގައި، މަންމާފުޅު އަވަހާރަވިތާ އެތައް އަހަރެއް ފަހުން ވެސް އެ ހިތާމައަށް ނިމުމެއް ނާދެއެވެ. އަދި މަންމާފުޅު ދުނިޔޭގައި ހުންނެވި ނަމަ އެ މަނިކުފާނުގެ އާއިލާ އޮންނާނެ ގޮތާ މެދު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ވިސްނާވަޑައިގަންނަވާ ކަމަށް ހެރީ ވިދާޅުވިއެވެ.

ހެރީ މި ވާހަކަފުޅުތައް ހިއްސާކުރެއްވީ ޑރ. މޭރީ-ފްރާންސިސް އޯކޮނާއާ އެކު "ރީޑިފައިނިން ގްރީފް: ބިލްޑިން ރެޒިލިއަންސް ތްރޫ ލޮސް" ގެ ނަމުގައި މާސްޓާކްލާސް މެދުވެރިކޮށް އާ ކްލާހެއް ފައްޓަވާފައި ވަނިކޮށެވެ.

ޕްރިންސަސް ޑަޔާނާ އުމުރުފުޅުން 36 އަހަރުގައި އޮގަސްޓް 31، 1997 ގައި ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި އަވަހާރަވީއިރު، ހެރީގެ އުމުރުފުޅަކީ 12 އަހަރެވެ. އޭރު ޕްރިންސް ވިލިއަމްގެ އުމުރުފުޅަކީ 15 އަހަރެވެ.

ހެރީ ކިޔައިދެއްވި ގޮތުގައި، ޑަޔާނާ އަވަހާރަވުމުގެ ގަޑިއިރުތަކެއް ކުރިން، ކުއީން އެލިޒަބަތުގެ ސްކޮޓްލެންޑްގެ ބެލްމޯރަލްގައި ދެ ބޭފުޅުން ތިއްބަވަނިކޮށް ޑަޔާނާ ގުޅުއްވިއެވެ. ނަމަވެސް އެހެން ކުދިންނާއެކު ކުޅުއްވަން ދުރުވާން ބޭނުންފުޅުވެފައި ތިއްބެވުމުން އެ ފޯނު ކޯލު ވަރަށް ކުރުކޮށްލެއްވިކަން، 2017 ވަނަ އަހަރުގެ ޑޮކިއުމެންޓަރީއެއްގައި ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޖީކިއުއަށް ދެއްވި އިންޓަވިއުގައި ހެރީ ވިދާޅުވީ، އެއީ މަންމާފުޅުގެ އަޑު އިވިވަޑައިގަންނަވާނެ އެންމެ ފަހު ފަހަރުކަން އެނގިވަޑައިގެންނެވި ނަމަ އެ ފޯނު ކޯލް ވަރަށް ތަފާތުވީސް ކަމަށެވެ. ނަމަވެސް އެ ފޯނު ކޯލް ކުރިކޮށްލެވުމުން، އެ ހިތާމަައިގައި އަބަދުވެސް އުޅުއްވަން ޖެހޭނެ ކަމަށް ޕްރިންސް ހެރީ ވިދާޅުވިއެވެ.

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން --

ހެރީ ވިދާޅުވި ގޮތުގައި، 20 އަހަރު ވަންދެން އިހުސާސްތައް ފޮރުއްވައިގެން އުޅުއްވުމަށް ފަހު، އެ ހިތާމައާ ކުރިމަތިލައްވަން މަގުފަހިވީ ތެރަޕީގެ އެހީގައެވެ. އެ ތަޖުރިބާ ހިއްސާކުރެއްވުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް އެހީތެރިކަން ލިބޭ ކަމަށް ގިނަ ބަޔަކު ބުނާތީ، އެންމެ މީހަކަށް ނުވަތަ މިލިއަނެއްހާ މީހުންނަށް ނަމަވެސް އެކަން ފަސޭހަކޮށްދެއްވަން އަބަދު ވެސް މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ކެލިފޯނިއާގައި ގިނަ ވަގުތު ހޭދަކުރައްވައި ކުރެއްވި މަސައްކަތްތަކަށް ފަހު، ޑަޔާނާގެ ހަނދާންތައް އިތުރަށް އާލާވާ ކަމަށް ޕްރިންސް ހެރީ ވިދާޅުވިއެވެ. އަދި މިފަދަ އިހުސާސްތަކުގެ މުހިންމުކަން ފުރިހަމައަށް ވިސްނިވަޑައިގަތީ އަނބިކަނބަލުން މޭގަން މާކަލްއާއި އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ދަރިކަލުން ޕްރިންސް އާޗީ އުފަންވެވަޑައިގަތުމުން ކަމަށް ވެސް ޕްރިންސް ހެރީ ފާހަގަކުރެއްވިއެވެ.

https://sun.mv/228880

ޕްރިންސް ހެރީ 2018 ވަނަ އަހަރު ކައިވެނި ކުރެއްވި ފަހުން، އެ މަނިކުފާނާ އާއިލާގެ އެހެން މެންބަރުންގެ ގުޅުން ގޯސްވި ކަމަށް އަޑު ފެތުރުނެވެ. އެއަށްފަހު، ޝާހީ ޒިންމާތައް ދޫކޮށްލައްވައި، އެ އާއިލާ ވަނީ 2020ގައި އެމެރިކާއަށް ބަދަލުވެފައެވެ.

ވޭތުވެދިޔަ ހަ އަހަރު ދުވަސް އެމެރިކާގައި ހޭދަކުރެއްވުމަށްފަހު، ހަތް އަހަރުގެ ޕްރިންސް އާޗީ އާއި ފަސް އަހަރުގެ ޕްރިންސެސް ލިލިބެތު ގޮވައިގެން އެ ބޭފުޅުން މިހާރު ވަނީ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު