ކޮންމެ ބަހެއްގައި ވެސް އެ ބަހެއްގެ އަސްލު މާނަ އެހެން ބަހަކަށް ފުރިހަމައަށް ބަދަލުކުރަން ދަތި ލަފުޒުތަކެއް ހުރެއެވެ. އެއީ އެކަށީގެންވާ ލަފުޒުތައް ނެތުމަކުން ނޫނެވެ. އެހެނެއްކަމަކު، އެ ލަފުޒުތަކުގެ ފަހަތުގައިވާ އިޙްސާސްތަކާއި ޖަޒުބާތުތަކުގެ ފުންމިނަކީ އެހެން ބަހަކުން ބަޔާންކުރަން އުނދަގޫ އެއްޗަކަށް ވާތީއެވެ.
ދިވެހި ބަހުގައި ބޭނުންކުރާ "ވަރަށް ލޯބިވޭ" އަކީ މިފަދަ ފުން އަސަރުތަކެއް އެކުލެވިފައިވާ އިބާރާތެކެވެ. އާންމު ގޮތެއްގައި މި އިބާރާތުގެ މާނައަކީ "އިންތިހާއަށް ލޯބިވުން" ކަމަށް ބެލެވުނު ކަމުގައި ވިޔަސް، ކޮންމެ ދިވެއްސެއްގެ ހިތުގައި މި ލަފުޒު ރަމްޒުކޮށްދެނީ އެއަށްވުރެ މާ މަތިވެރި އަދި މާނަފުން މަފުހޫމެކެވެ.
"ވަރަށް ލޯބިވޭ" އަކީ ކުއްޖާގެ ހިތާމައިގެ ވަގުތު، މައިމީހާގެ ފަރާތުން ލިބޭ ފިރުމުމުގައިވާ ހޫނުކަމެވެ. އެއްވެސް އެއްޗެއް ނުބުނެ ދަރިފުޅުގެ ކައިރީގައި ހިމޭނުން ހުންނަ ބައްޕަގެ ފަރާތުން ލިބޭ ހިތްވަރާއި ޔަގީންކަމެވެ. ދަތިހާލެއް ދިމާވެގެން އުޅޭކަން ބުނެނުދިނަސް އެކަން ދަނެގަންނަ އިޚްލާޞްތެރި ރަޙްމަތްތެރިޔާގެ ފަރާތުން ލިބޭ ސަމާލުކަމެވެ.
ދަރިވަރަކު އަމިއްލަ ނަފުސަށް އިތުބާރު ކުރުމުގެ ކުރިން، އެ ކުއްޖާއަށް އިތުބާރުކުރާ މުދައްރިސްގެ ފަރާތުންލިބޭ އުންމީދެވެ. އަދި ކުށެއް އިސްލާޙުކުރާއިރު ވެސް އަނެކާގެ ކަރާމާތާއި ގަދަރު ހިމާޔަތްކޮށްދޭ ވެރިޔާގެ އޯގާތެރިކަމެވެ. އެއީ އެކަކު އަނެކަކަށް ފޯރުކޮށްދޭ، ތިމާއަކީ ބޭނުންތެރި މީހެއްކަމުގެ އިޙްސާސެވެ. ބަލައިގަތުމެވެ. ކައިރީގައި ހުރުމެވެ. އަދި ނަފުސާނީ ރައްކާތެރިކަމާ އަމާންކަމުގެ އިހުސާސެވެ.
ލޯތްބަކީ ހަމައެކަނި ހިތުގައި އުފެދޭ ޝުޢޫރެއް ނޫނެވެ. ލޯތްބަކީ އޭގެ ސަބަބުން ރައްކާތެރި މާޙައުލެއް އުފައްދައިދޭ ހަކަތައެއްވެސް މެއެވެ. މީހަކަށް ޙަޤީޤީ ލޯބި ލިބެމުންދާކަން އިޙްސާސްވުމުން، ހަގީގަތް ފޮރުވައިގެން އުޅުމުގެ ބަދަލުގައި ތިމާގެ ހަގީގީ ކެކުޅުންތައް ފެންނަ ދިރިއުޅުމެއް އުޅެން ފަށައެވެ. ތިމާގެ ހަކަތަ އަމިއްލަ ނަފުސު ދިފާޢުކުރުމަށް ހޭދަކުރުމުގެ ބަދަލުގައި، އައު ޚިޔާލުތައް ހިއްސާކޮށް، ގޯސްތައް ޤަބޫލުކޮށް، ސުވާލުކޮށް، އަދި އެހީތެރިކަމަށް އެދެން ފަށައެވެ.
މިއީ ނަފުސާނީ ގޮތުން ލިބޭ ރައްކާތެރިކުގެ ނަތީޖާއެވެ. މި ރައްކާތެރިކަމަކީ އަޅުގަނޑުމެން ހަދާ ގާނޫނަކުން ގަވާޢިދަކުން އުފެއްދޭނެ އެއްޗެއް ނޫނެވެ. މިއީ ހިތްހެޔޮކަމާއި، އޯގާތެރި ގުޅުންތަކުން ބިނާކުރެވޭ އެއްޗެކެވެ. އެއީ ވާހަކަ ދެކެވޭގޮތުން، ދެވޭ ހިނިތުންވުމަކުން، ނުވަތަ ނިންމުމެއް ނިންމުމުގެ ކުރިން އަނެކާގެ ވާހަކަ އަޑުއެހުމުން އުފެދޭ އެއްޗެކެވެ.
ލޯތްބަކީ ހަމައެކަނި ހިތަށް އަރާ ފައިބާ ޖަޒުބާތަކަށް ވުރެ މާބޮޑު ކަމެކެވެ. ލޯތްބަކީ ކުރާކަމެއްވެސް މެއެވެ. މީހަކު މާޔޫސްކޮށްލާ ވަގުތު ކެތްތެރިކަން އިސްކޮށްގެންނެވެ. ކުށް ދެއްކުމުގެ ކުރިން އެ މީހާގެ ވާހަކަ އަޑުއެހައިގެންނެވެ. ރުޅިވެރިކަން އިސްކުރުމަށްވުރެ މަޢާފުކުރުން އިޚްތިޔާރު ކޮށްގެންނެވެ. އަދި އަމިއްލަ އަގު ވަޒަންކުރަން ނޭނގިފައިވާ މީހަކަށް ހިތްވަރު ދީގެންނެވެ. އިޙްސާސްތައް މުހިންމު ނަމަވެސް، ދިރިއުޅުން ބަދަލުކޮށްލަނީ އަޅުގަނޑުމެން ކަންކުރާ ގޮތުންނެވެ.
އަޅުގަނޑުމެން ކަންކުރާގޮތުގެ ސަބަބުން އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލު އެކީ ބަދަލުވެގެންދެއެވެ. ބިރުވެރިކަން ހިތްވަރަށް ބަދަލުވެއެވެ. ހިމޭންކަން ބިނާކުރަނިވި ވާހަކަތަކަށް ބަދަލުވެއެވެ. އަދި އެކަހެރިކަން ގުޅިފައިވާ އެކުވެރިކަމަކަށް ބަދަލުވެގެންދެއެވެ.
މި ޒަމާނުގެ ނަފުސާނީ އިލްމާއި އިޖުތިމާޢީ ސައިންސްގެ ދިރާސާތަކުން ބުނެދޭގޮތުގައި، އިންސާނާގެ ސިކުނޑި އުފެދިފައިވަނީ ގުޅުންތަކާއި އަޅާލުމަށް ބަރޯސާވާ ގޮތަށެވެ. އެމެރިކާގެ ހާވަޑް ޔުނިވާސިޓީން ގާތްގަނޑަކަށް 85 އަހަރު ވަންދެން ކުރިއަށްގެންދިޔަ މަޝްހޫރު "ހާވަޑް ސްޓަޑީ އޮފު އެޑަލްޓް ޑިވެލޮޕްމަންޓް" ދިރާސާއިން ދައްކާފައިވަނީ، ދިގު އުމުރެއްގައި ދުޅަހެޔޮކަމާއި އުފާވެރިކަމާއެކު ދިރިއުޅުމުގެ އެންމެ މުހިންމު ސިއްރަކީ އޯގާތެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުންތައްކަމެވެ.
އަޅާލުމާއި ރައްކާތެރިކަން އިޙްސާސްވާ މާޙައުލެއްގައި އުޅޭ މީހުންގެ ހަށިގަނޑުގައި ސްޓްރެސް ހޯމޯންތައް ދަށްވެ، ހިތުގެ ބަލިތަކާއި ނަފުސާނީ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
ހަމައެއާއެކު، މަސައްކަތުގެ މާޙައުލާއި ތަޢުލީމީ ދާއިރާގައި "ނަފުސާނީ ރައްކާތެރިކަމާއި އަމާންކަން" (ސައިކޮލޮޖިކަލް ސޭފުޓީ) ގެ މުހިންމުކަން ހާމަކޮށްދިން އެންމެ ފާހަގަކޮށްލެވޭ އެއް ދިރާސާއަކީ ގޫގުލް ކުންފުނިން ކުރިއަށްގެންދިޔަ "ޕްރޮޖެކްޓް އެރިސްޓޯޓަލް" އެވެ. އެތައް ސަތޭކަ ޓީމެއް ދިރާސާކުރުމަށްފަހު އެ މީހުން ފާހަގަކުރި އެންމެ މުހިންމު ހަގީގަތަކީ، އެންމެ ކާމިޔާބު ޓީމުތަކަކީ އެންމެ މޮޅެތި މީހުން ތިބި ޓީމުތައް ނޫން ކަމެވެ. އެއީ މީހަކު ކުށެއް ކުރެވިދާނެތީ ބިރުނުގަންނަ، އަދި އެކަކު އަނެކަކަށް ޖެހިލުމަކާނުލާ އިތުބާރުކޮށް ސުވާލުކުރެވޭ ފަދަ ނަފުސާނީ އަމާންކަން އޮތް ޓީމުތައްކަމެވެ.
ހާވަޑް ބިޒްނަސް ސްކޫލުގެ ޕްރޮފެސަރ އެމީ އެޑްމަންޑްސަންގެ ހޯދުންތައް ބަޔާންކުރާ ގޮތުގައި، ކުށްތައް ދެނެގަނެ އިސްލާޙުކުރެވޭނީ އަދި އުފެއްދުންތެރި އީޖާދީ ވިސްނުންތައް ނެރެވޭނީ ބިރުވެރިކަމެއް ނެތް، އެކަކު އަނެކަކަށް ޤަދަރުކުރާ ލޯތްބާއިއަޅާލުމުގެ މާޙައުލެއް އޮވެގެންނެވެ.
ޕޮޒިޓިވް ސައިކޮލޮޖީގެ މާހިރުންގެ ދިރާސާތަކުން ސާބިތުވާ ގޮތުގައި، އަޅުގަނޑުމެންގެ ފަރާތުން މީހުން ތަޖުރިބާކުރާ އޯގާތެރިކަމަކީ އެ މީހުންގެ ސިކުނޑީގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާ ކަމެކެވެ. މީހަކަށް ހިނިތުންވުމެއް ދިނުމާއި، އެއްވެސް ޝަރުތަކާ ނުލައި އެހީތެރިކަން ފޯރުކޮށްދިނުމުން، ސިކުނޑީގައި 'އޮކްސިޓޯސިން' (ލޯތްބާއި ގުޅުން ވަރުގަދަކޮށްދޭ ހޯމޯން) އުފެދުން އިތުރުވެއެވެ. މިއީ ހަމައެކަނި އެ އެހީތެރިކަން ލިބޭ މީހާއަށް އުފާވެރިކަން ގެނެސްދޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން އެ އޯގާތެރިކަން އިސްކުރި މީހާގެ ނަފުސަށް ވެސް ހިތްހަމަޖެހުމާއި، މާނަފުރިހަމަ ދިރިއުޅުމެއްގެ އިޙްސާސް ލިބިގެންދެއެވެ.
"ވަރަށް ލޯބިވޭ" މި އިބާރާތަކީ އަނެކާއަށް އެ ލޯތްބާއި ރައްކާތެރިކަން އިޙްސާސްކޮށްދިނުމަށް ދެވޭ ދަޢުވަތެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަނެކުންގެ އަޑުއަހާ، އެ މީހުންގެ އިހުސާސްތަކާ އުންމީދުތަކަށް ސަމާލުކަންދީ، ބަދަލަކަށް އުއްމީދުކުރުމަކާނުލާ ކުޑަ ނަމަވެސް ހެޔޮކަމެއް ކޮށްދޭމީހަކަށް ވަމާތޯއެވެ. އަދި އަޅުގަނޑުމެން ތިބޭ ކޮންމެ ތަނަކީ އެހެން މީހުންނަށް އަމާންކަމާއި އިޙްތިރާމާއި އުންމީދު އާކޮށްދޭ، ރައްކާތެރި މާޙައުލަކަށް ހަދަމާތޯއެވެ.
އިންސާނާއަށް ރައްކާތެރިކަމާއި ލޯބި ލިބިއްޖެނަމަ، އޭނާގެ ހަޔާތުގައި ކުރިފަޅައި ފޯދިގެންދާނެއެވެ.