މި މަހު 96 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ހިނގައިފައިވާ ޖުމުލަ އެކްސިޑެންޓުތަކުގެ އަދަދު 2،000އަށް ވުރެ އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް 9,912 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު، ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތައް ކަމަށް އެ ތަފާސްހިސާބުން އެނގެއެވެ. އެގޮތުން ވައްކަމުގެ 2,753 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 2,379 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާ ކަމަށް ވެބްސައިޓުގައިވެއެވެ.
ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތަކުގެ ތެރޭގައި، މި މަހު އެކަނި ވެސް ރިޕޯޓުކޮށްފައިވާ 96 ހާދިސާއެއް ހިމެނެއެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެ، ނުރައްކާތެރިކޮށް ދުއްވުން މަދުކުރުމަށް ފުލުހުން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެޜޭގައި، މަގުމަތީގެ ގަވައިދުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކުރެވޭ އެއްގަމު ދަތުރުފަތުރުގެ ގާނޫނު މި މަހުގެ އެއްވަނަ ދުވަހު ވަނީ ތަންފީޒު ކުރަން ފަށައިފައެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، އުޅަނދެއް ރަޖިސްޓަރީނުކޮށާއި ގަވާއިދާ ޚިލާފަށް ދުއްވުމުން، އެއީ ފުރަތަމަ ފަހަރަށް ކުރި ކަމެއްވާނަމަ -/500 ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި ދެވަނަ ފަހަރަށްނަމަ -/750 ރުފިޔާއިން ޖޫރިމަނާކޮށް، ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/1,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެއެވެ.
ފުލުހުން މީގެ ކުރިން "ސަން"އަށް ދިން މައުލުމާތުގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ އުޅަނދުތަކެއް ޓޯކޮށް، ގިނަ ބަޔަކަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ހަތް ދުވަހުގެ ތެރޭ ޖުމްލަ 183 އުޅަނދު ޓޯކޮށްފައިވާއިރު، 653 މީހަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމަށް މާލެއާއި ހުޅުމާލޭގެ ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ، ގާނޫނާއި ގަވައިދުތަކާ ޚިލާފުވާ މީހުންނަށް މެސެޖަކުން އަންގާނެ ކަމަށް ވެސް ބުނެފައެވެ.