އިންޓަނެޓް ސަފްޙާތަކަށް ޒިޔާރަތްކޮށްލުމުން ނުވަތަ އެޕްލިކޭޝަނެއް ރީފްރެޝްކޮށްލުމުން ފޯނާއި ކޮމްޕިއުޓަރުގައި ހުންނަ އަމިއްލަ މައުލޫމާތު ވަގަށް ނެގޭފަދަ ނުރައްކާތެރި 'ޒީރޯ ކްލިކް' މެލްވެއާ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އެއްވެސް ލިންކަކަށް ކްލިކްކުރަން ނުޖެހި، އޮންލައިން އިޝްތިހާރުތައް މެދުވެރިކޮށް ދޭ މި ހަމަލާތަކުގެ ފަހަތުގައި ވަނީ އިސްރާއީލްގެ ސުޕައިވެއާ ކުންފުންޏެއް ކަމަށްވާ ކެންޑިރޫއާއި އިޝްތިހާރު ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވާ އިސްރާއީލްގެ ޑިސްކަވާ-ޓެކް ކުންފުންޏެވެ. މި ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކާއި ކޮމްޕިއުޓަރުތަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކެނެޑާގެ އެކަޑެމިކް ރިސާޗް ޔުނިޓެއް ކަމަށްވާ ސިޓިޒަން ލެބުން ހާމަކުރި ގޮތުގައި އަލްޖަޒީރާގެ މުވައްޒަފުން ބޭނުންކުރާ 45 އާލާތަކަށް 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ މި ސުޕައިވެއާ އިންސްޓޯލްވެފައެވެ.
އަލްޖަޒީރާގެ އިން-ހައުސް ޓެކްނޮލޮޖީ ޓީމަށް 2024 ވަނަ އަހަރު ބައެއް ނޫސްވެރިންގެ ފޯނުތަކުން އާދަޔާޚިލާފު ކަންތައްތަކެއް ފާހަގަކުރެވިގެން ސިޓިޒަން ލެބަށް ފޮނުވި ނެޓްވޯކް ލޮގްތަކުން އެނގުނު ގޮތުގައި، މި ހަމަލާތައް ދީފައި ވަނީ އިޝްތިހާރު ނެޓްވޯކްތައް މެދުވެރިކޮށެވެ.
ކެންޑިރޫއަކީ 10 ގައުމެއްގެ އެކްޓިވިސްޓުންނާއި ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުގެ ފޯނުތައް ހެކްކޮށްގެން ފާރަލީ މައްސަލައިގައި 2021 ވަނަ އަހަރު އެމެރިކާ ސަރުކާރުން ބްލެކްލިސްޓްކޮށްފައިވާ ކުންފުންޏެކެވެ. ނަމަވެސް، ޑިސްކަވާ-ޓެކް ކުންފުނިން ވަނީ ގޫގުލް، ޔަންޑެކްސް އަދި ބީސްވެކްސް ފަދަ ބޮޑެތި އިޝްތިހާރު ނެޓްވޯކްތަކުގެ ތެރެއިން ސެޓިފައިޑް ވެންޑަރެއްގެ ގޮތުގައި ހިމެނި، އަލްޖަޒީރާގެ މުވައްޒަފުން ދެނެގަނެ، އެ މީހުން ކެންޑިރޫގެ އިންފެކްޓެޑް ސާވަރަށް ރީޑައިރެކްޓްކޮށްފައެވެ.
މި ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވަނީ އިންޓަރނެޓްގައި އިޝްތިހާރު ޖަހާ ވަގުތު އޮޓޮމެޓިކުން ހިނގާ ނީލަންތަކުގެ ތެރެއިން ލިބޭ މައުލޫމާތެވެ. ޔޫޒަރުގެ އައިޕީ އެޑްރެސް، ޑިވައިސް އައިޑީ އަދި ހުރި ތަން ފަދަ މައުލޫމާތު ބޭނުންކޮށްގެން، ޑިސްކަވާ-ޓެކް ކުންފުނިން ވަނީ އިޝްތިހާރުގެ ޖާގަ ކާމިޔާބުކޮށް، ސިއްރުން މެލްވެއާ ފޮނުވާފައެވެ.
ސައިބާ ސެކިއުރިޓީ އެނަލިސްޓް އެޑީ ވިލެމްސް ބުނި ގޮތުގައި ބްރައުޒާގެ ތެރޭގައި ކޯޑު ހިންގުމުން އެކަނި މުޅި ސިސްޓަމް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. ނަމަވެސް ބްރައުޒާގެ ސެކިއުރިޓީ ނިޒާމު ފަހަނައަޅައި ދިއުމަށްޓަކައި ސެކިއުރިޓީގެ އިތުރު ނާޒުކުކަންކަން ބޭނުންކޮށްގެން ސިސްޓަމް މުޅިން ކޮންޓްރޯލް ކުރެއެވެ.
މި ސުޕައިވެއާ ފޯނަށް ނުވަތަ ކޮމްޕިއުޓަރަށް ވަނުމުން ފައިލްތަކާއި ޑޮކިއުމަންޓްތަކާއި ބްރައުޒާ ކުކީސްއާއި ސޭވްކޮށްފައިވާ ޕާސްވާޑްތައް ވަގަށް ނަގައެވެ. އަދި ކީބޯޑުން ފިތާ ގޮތާއި، ސްކްރީންޝޮޓްތަކާއި، މައިކްރޯފޯނާއި ކެމެރާގެ އަޑާއި މަންޒަރު ރެކޯޑްކޮށް، މެސެޖުތަކާއި އީމެއިލްތައް އެކްސްޓްރެކްޓް ކުރެއެވެ. ސެކިއުރިޓީ ނިޒާމުތަކަށް ނޭނގޭނެހެން މި މައުލޫމާތުތައް ބޭރަށް ފޮނުވަނީ އެންކްރިޕްޓްކޮށްގެން ކުދިކުދި ބައިބަޔަށް ބަހާލައިގެންނެވެ.
ސިޓިޒަން ލެބާއި އިޝްތިހާރުގެ ސެކިއުރިޓީއާ ބެހޭ ކުންފުނި ކޮންފިއަންޓުން ހާމަކުރި ގޮތުގައި މިފަދަ އިޝްތިހާރުތައް ދުނިޔޭގެ 24 ގައުމެއްގެ ސަރުކާރުތަކުގެ ނެޓްވޯކްތަކުންވެސް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އެމެރިކާ، އިޓަލީ، ޑެންމާކް، ނޯވޭ، އޮސްޓްރޭލިއާ، ރަޝިއާ، މެކްސިކޯ އަދި އިސްރާއީލް ހިމެނެއެވެ. އަދި އދ.، ނޭޓޯ، ޔޫރަޕިއަން ޕާލަމެންޓް، ޔޫރަޕިއަން ކޮމިޝަން، އެމެރިކާގެ ޕެންޓަގަން، އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ފަދަ ތަންތަނުގެ ނެޓްވޯކްތަކުންވެސް މިފަދަ ހަރަކާތްތައް ވަނީ ފާހަގަކުރެވިފައެވެ.
ޔޫސީއެލްއޭގެ ޕްރޮފެސަރު ރާމޭޝް ސްރީނިވާސަން ބުނި ގޮތުގައި މިއީ ފަރުދުންނަށް ވަކިވަކިން އަމާޒުކޮށްގެން ދޭ ހަމަލާތަކުގެ އައު ވައްތަރެކެވެ.
ޑަބްލިންގެ ޓީޔޫގެ ލެކްޗަރާ ސްޓީވަން އޯޝޯނެސީ ބުނި ގޮތުގައި އާންމު މީހުންނަށް މިފަދަ ހަމަލާތަކުގެ ނުރައްކާ ކުޑަވިނަމަވެސް، ނޫސްވެރިންނާއި ސަރުކާރުގެ އިސްވެރިން ފަދަ ނުރައްކާ ބޮޑު ފަރާތްތަކުން އެޑް ބްލޮކަރު ބޭނުންކުރުމާއި، ފޯނުގެ އެޑްވަޓައިޒިން އައިޑީ އޮފްކުރުމާއި، ސިސްޓަމްތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުމާއި، ލޮކްޑައުން މޯޑު ނުވަތަ އެންޑްރޮއިޑްގެ އެޑްވާންސްޑް ޕްރޮޓެކްޝަން އޮންކުރުން މުހިންމެވެ.