ރޫމް 7...05 (ފަހުބައި)

"އަހަންނަށް އެނގޭ، މަންމަ އަމިއްލައަށް މަރުވީ ނޫންކަން.... އެ ހުރިހާ ކަމެއް ފަޅާ އަރުވާލަން އުޅުނީމަ ދޯ މަންމަ މަރާލީ؟..." އަހަރެން ބޭނުންވީ އިބްރާހީމްގެ ދުލުން ހަގީގަތް ބުނުވާށެވެ.

********

އަހަންނަށް ބަލަން ހުރިއިރު، އިބްރާހީމްގެ ދެލޮލުން އާދަޔާ ހިލާފު ވިދުވަރެއް ފެނިގެން ދިޔައެވެ. ހާސްކަމާއި، އެއްވަރަށް އެ މޫނުން ހައިރާންކަން ފެންނަން ހުއްޓެވެ. އަހަރެން ކަހަލަ އާދައިގެ މީހަކަށް އިބްރާހީމްގެ ހުރިހާ ސިއްރެއް އެނގުނީ ކިހިނެއްހޭ އެ ދެލޮލުން ބުނާ ކަހަލައެވެ.

"މިތަނުގެ ހަގީގަތް މަންމައަށް އެނގުނީމަ، މަންމަ މަރާލީ... އެހެންނު؟..." އަހަރެން އަނެއްކާވެސް އަހައިލީމެވެ.

"ތި އެއްޗެހި ގެނޭ..." އަހަރެންގެ އަތުގައި އޮތް ފޮށްޓަށް އިޝާރާތް ކުރަމުން އިބްރާހީމް އަމުރު ކުރިއެވެ.

"ނޯ..." އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ.

"ކަލޭމެން ދެމީހުން ތީ އެއްކަހަލަ ދެމީހުން... ގޮތެއް ދުލެއް ނުކުރާނަމެއްނު..." ފުން ނޭވާއެއް ބޭރުކޮށްލަމުން އިބްރާހީމް ބުންޏެވެ. "މިތަނުން ސަލާމަތްވެގެން ދެވޭނެކަމަށް ހީނުކުރައްޗޭ!..."

"ތި ދިނީ އިންޒާރެއްތަ؟... މަންމަ މަރާލީ އެހެންވެތަ؟..." އަހަރެން ބޭނުންވީ އެއް ސުވާލެއް ކޮށްގެން އިބްރާހީމް ރުޅި އަރުވައިލާށެވެ.

"ތި އުޅެނީ އެ މަރްޔަމް އުޅުނު ފާޑަށް..." އިބްރާހީމް ހަޅޭއްލަވައިގަތެވެ. "އޭނައަށް ވެސް ނުވިސްނުނީ ކިހާ ނުރައްކާތެރި ކަމަކަށް ކަން އޭނައަށް ވަދެވުނީ...."

އިބްރާހީމް މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. އަހަރެން ފަހަތަށް ޖެހިލީމެވެ.

"މިހާރު އެނގެއެއްނު އަހަރެންގެ ކިބައިން ސަލާމަތް ނުވާނެކަން...." އިބްރާހީމް ދެލޯ ހަނިކޮށްލިއެވެ. "ގެނޭ ތި އެއްޗެހި..."

"ނުދީފިއްޔާ، އަހަރެންވެސް މަރާލާނީތަ؟..." އަޑަށް ބާރުލަމުން އަހައިލީމެވެ.

"ކީކޭ ކިޔަން ތިއުޅެނީ؟..." ސިންގާއެއްހެން އަހަރެންގެ ކުރިމައްޗަށް ޖެހިގަންނަމުން އިބްރާހީމް ބުންޏެވެ.

ހަނިގޮތަކަށް އިބްރާހީމްގެ އަތްދަށުން ދެމިގަނެގެން ދުރަށް ދިޔައީމެވެ.

"ގެސްޓުން ބްލެކްމެއިލް ކޮށްގެން އެމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާކަން މަންމައަށް އެނގުނީމަ މަންމަ މަރާލީ..."

އެއް އަތް ފުރަގަހަށް ލައިގެން ހުރިއިރު، އަހަރެންގެ ފޯނަށް އެ ހުރިހާ އަޑެއް ރެކޯޑުވަމުން ދިޔައެވެ. އެފަދަ ބިރުވެރި ވަގުތުކޮޅެއްގައިވެސް އަހަންނަށް ހިތްވަރު ލިބުނީ، މަންމަދެކެ އަހަރެންވާ ސާފު ލޯބީގެ މަތިވެރިކަމުންނެވެ. އެ މަންމަގެ އަބުރު ރައްކާތެރިކޮށް، އިންސާފު ހޯދައިދޭން އަމިއްލަ ނަފުސަށް ވީ ވައުދު އެހެން ހުރިހާ ކަމަކަށްވުރެ ވަރުގަދައެވެ.

"މަރްޔަމް އެކަން ނުހުއްޓީ..." ދަތްތަކަށް ބާރުކޮށްލައިގެން ހުރެ، އިބްރާހީމް ބުންޏެވެ.

"ސޯ ޔޫ ކިލްޑް ހާރ؟..." އަހަރެން އަނެއްކާވެސް އަހައިލީމެވެ.

އިބްރާހީމް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ.

"ޓެލް މީ... މިތާކު އެހެން މީހަކު ނެތެއްނު..." އެފަހަރު ކުރިއަށް ޖެހުނީ އަހަންނެވެ. އިބްރާހީމް ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ.

"މަރްޔަމް އުޅުނީ ޕޮލިހަށް ދާން... ތަކުރާރުކޮށް އަހަންނަށް އިންޒާރު ދެމުން އޭނަ ދިޔައީ..." އިބްރާހީމް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ދެން؟.. އެކަން ހުއްޓުވަން މަރާލީތަ؟..."

"ބުނެފީމެއްނު މަރާލީކީ ނޫނޭ..." އަހަރެންގެ ޖުމުލަ ފުރިހަމަ ނުވަނީސް އިބްރާހީމް ހަޅޭއްލަވައިގަތެވެ. "އެއީ އެކްސިޑެންޓެއް... އަހަރެން އޭނަ ކޮށްޕާލީ މަރާލުމުގެ ގަސްތަކު ނޫން... ވެއްޓުނުގަޑީ ކަބަޑުގަ ބޯ ޖެހުނީ... އެއީ އަހަރެން ކުރާނެ ކަމެއް ނޫން..." އިބްރާހީމް އަހަރެންގެ މޫނަށް ބަލައިލިއެވެ.

އަހަރެން ގަނޑުވިއެވެ. ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. އެ މަންމަގެ ގައިގައި އަޅާނޭ ވޭނާއި، އެވަގުތުކޮޅު ސިހުން ލިބި، އެކަނިވެރިވާނޭވަރު އިހުސާސްވުމުން، އިސާހިތަކު ދެލޮލުން ކަރުނަ ހިލުނެވެ. އިބްރާހީމްގެ ދުލުން ހަގީގަތް އެނގެމުންދިޔަ ވަރަކަށް އަހަރެންގެ އެތެރެހަށީގައި އަނދަމުންދިޔަ އަލިފާނުގެ ހުޅުގަނޑު ވަރުގަދަ ވިއެވެ.

"މަންމަ މަރުވީމަ، އަމިއްލައަށް މަރުވިކަން ދައްކަން......" އަހަރެންގެ ދެފައިން ބާރު ދޫވިއެވެ. ޖުމުލައިގެ ބާކީބައި ފުރިހަމަކުރާނޭ ހިތްވަރެއް ނުލިބުނެވެ.

އިބްރާހީމް ވަކި އެއްޗެއް ނުބުނެއެވެ. އެ ހަމަހިމޭންކަމުން އަހަރެންގެ ސުވާލުގެ ޖަވާބު ލިބުނެވެ. ލިބުނު އަނިޔާއިން މަންމައަށް ސަލާމަތްވާނޭ ފުރުސަތު ނުލިބި، އިބްރާހީމްގެ ޝިކާރައަށް ވީއެވެ. ދުނިޔެ ދޫކުރީ ލޯބިވާ އެންމެންނާއި އެތައް މޭލެއް ދުރުގައެވެ.

"ނޭނގޭތަ ތި ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން..." އަހަރެންގެ އަޑު ނުކުތީ ކުރެހިގެންނެވެ. "މަންމަ އަމިއްލަ ފުރާނަ ނަގާލީކަމަށް ހީކޮށް، މިއޮއް ހުރިހާ ދުވަހު އަހަރެންގެ އާއިލާ ކުރި ހިތާމައާމެދު ވިސްނާލިންތަ؟..."

"މިހާރު ހަގީގަތް އެނގިއްޖެއެއްނު..." ރަހުމެއް ކުލުނެއް ނެތް ގޮތަކަށް އިބްރާހީމް ބުނެލިއެވެ. "އެކި މީހުން ވިޔަފާރި ކުރާނީ ވެސް، ފައިސާ ހޯދާނީ ވެސް އެކި ގޮތަށް... އަހަރެންގެ ވިޔަފާރި ހަލާކު ކުރަން މަސައްކަތްކުރުން އެއީ އޭނަގެ މައްސަލަ... މަރްޔަމްގެ ކަންތައް އެހެންވީމަ އަހަރެންވެސް އެކަމާ ހިތާމަ ކުރިން.... އެކަމަކު މަރުވި މީހަކު އެނބުރިއެއް ނާންނާނެ... އެކަން އެ ނިމުނީ... މައްސަލަ ވެސް އޮތީ ނިމިފަ... އިތުރަށް ތިވާހަކަ ދައްކައިގެން އައިލިޝްއަށްވެސް ލިބޭނެ މޮޅެއް ނޯންނާނެ... ދެން ވެސް ތި އެއްޗެހި އަހަންނާ ހަވާލުކޮށްފަ، އަނބުރާ ރަށަށް ދޭ..."

"ހިތަށްވެސް ނާރުވާތި!..." ރެކޯޑަށް ޖައްސާފައި އޮތް ފޯނު އިބްރާހީމަށް ދައްކަމުން އަހަރެން ބުނީމެވެ. އޭރުވެސް އަހަރެމެންގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަ ދިޔައީ ރެކޯޑުވަމުންނެވެ.

"ޔޫ..." އިބްރާހީމްގެ މޫނުން ނުރުހުމުގެ އަސަރު ފެނިގެން ދިޔައެވެ.

"އަހަންނަށް އެނގޭ، މިނޫން ގޮތަކަށް ހަގީގަތް ނޭނގޭނެކަން... އަހަރެން މިކަން މުޅި ދުނިޔެއަށް ފަޅާ އަރުވާލާނަން...." އެ ނާޒުކު ވަގުތުގައިވެސް އަހަރެން ހިނިތުންވެލީމެވެ.

އިބްރާހީމް ފުންމައިގެން ކަހަލަ ގޮތަކަށް އަހަންނާއި ދިމާއަށް އައެވެ. އޭނާ އަހަންނާއި ހަމައަށް ފޯރުމުގެ ކުރިން ވަރަށް ބާރަށް ދޮރު ހުޅުވައިލި އަޑު އިވުނެވެ. ޔުނީފޯމުގައި ތިބި ދެ ފުލުހަކު އެތެރެއަށް ވަނެވެ. ފުލުހުންނާއިއެކު އެތެރެއަށް ވަނީ ކޮޓަރީގައި ކެމެރާ ހަރުކޮށްފައިވާކަމަށް ބުނި ފަތުރުވެރިޔާއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް، އަހަރެންގެ ގައިގައި ބައްދައިލިއެވެ. އަހަރެންގެ ހަށިގަނޑުގެ ވަރު ދޫވީ ދެނެވެ.

********

އިބްރާހީމް ހައްޔަރުކުރިތާ ހަފްތާއެއް ފާއިތުވެގެން ދިޔައެވެ. ހުރިހާ ހެއްކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އިބްރާހީމްގެ ރޭވުންތެރިކަމާއި، ބްލެކްމެއިލް ކޮށްފައިވާ މީހުންގެ ތަފްސީލްތައް މަންމަގެ ކުޑަ ފޮށީގައި އޮތް ކަރުދާހުގައި ސާފުކޮށް ލިޔެފައި އޮތެވެ. ކޮޓަރިތަކުގައި ހަރުކޮށްފައިވާ ކެމެރާތަކާއި، އަހަރެންގެ ރެކޯޑިންގް އަދި މަންމަ އެއްކޮށްފައި ހުރި ހެކިތަކުން އިބްރާހީމަށް ސަލާމަތްވެވޭނެ ހުރިހާ މަގެއް ބަންދުވިއެވެ.

ތަހުގީގުން އެނގުނީ މަންމަ ރާއްޖެ އައީ އިބްރާހީމްގެ ހަގީގަތް ފަޅާއަރުވައިލަން ކަމެވެ. އިބްރާހީމްގެ މަކަރުވެރިކަން މުޅި ދުނިޔެއަށް އަންގާ، އޭނާގެ ޝިކާރައަކަށްވި އެންމެންނަށް އިންސާފު ހޯދައިދިނުމަށް މަންމަ ކުރި ދަތުރު ކާމިޔާބުނުވެ ނިމުނީ އެ ދަތުރުގެ އެންމެ މުހިއްމު ހިސާބުންނެވެ. އިބްރާހީމަށް އެކަން ފަޅާއެރުމުން، އޭނާގެ މަގުން އެ މަންމަ އެއްފަރާތްކޮށްލީއެވެ. ރަހުމެއް ކުލުނެއް ނެތް ވަކިތަކުގެ ޝިކާރައަކަށްވެ، އެ މަންމަ ދުނިޔެ ދޫކުރީއެވެ. މަންމަ މަރާލުމަށްފަހު، އަމިއްލައަށް މަރުވިކަން ދެއްކުމަށް، އިބްރާހީމް ގިނަ މަސައްކަތްތަކެއް ކުރިކަން ތަހުގީގުން ފަޅާއެރިއެވެ.

އެނބުރި ގައުމަށް ދިޔުމުގެ ކުރިން އަދި އެއްފަހަރު "ރޫމް ސެވަން" އަށް ވަނީމެވެ. ކޮޓަރީގައިވީ ހިމޭން ކަމެވެ. ހަގީގަތް އެނގި ހާމަވުމުން، އެ ކޮޓަރިވެސް، ހިތާމައިގައި ބައިވެރިވާ ކަހަލައެވެ. ކަރުނުން ފުރިފައިވާ ދެލޮލުން، ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގައިލީމެވެ. ތިން އަހަރު ދުވަސް ވަންދެން އެ ކޮޓަރީގެ ހަގީގަތް ވީ ވަޅުލެވިފައެވެ. އެތައް ބަޔަކަށް އިންސާފު ހޯދައިދޭން މަސައްކަތްކުރި މީހާ އާއި އެކުގައެވެ. އެހެނަސް، މިއަދު އެ ކޮޓަރި އާއިމެދު މީހުން ދެކޭ ގޮތް ބަދަލުވެއްޖެއެވެ. މަންމައަށް ބަދު ބަސްތައް ބުނި މީހުން އެކަމާއި ހިތާމަކުރާކަން ފާޅުކުރަން ފަށައިފިއެވެ. ފަނޑުވެގެންދިޔަ މަންމަގެ ނަން ރަން އަކުރުން ފެވިއްޖެއެވެ. ތައުރީފާއި ސަނާތަކުން، ޝޯޝަލް މީޑިޔާ ފުރި ބަންޑުންވިއެވެ.

ކުޑަދޮރުގެ ކައިރީގައި ހުއްޓި، ފޮތިގަނޑު ކަހައިލީމެވެ. އެތެރެއަށް އެޅުނު އިރުގެ ރަން ދޯދިތަކުގެ ހަމަލާ އަމާޒުވީ މޫނަށެވެ. މޫނުމަތީގައި އަތް ހުރަސްކޮށްލަން މަޖުބޫރު ކުރުވިއެވެ.

"މަންމައަށް ފުރިހަމަ ނުކުރެވުނު ކަންތައް ފުރިހަމަ ކުރެވިއްޖެ މަންމާ..." އަހަރެން ދެލޯ މަރައިލީމެވެ. "މިއަދު އެންމެންގެ ތައުރީފުން މަންމަގެ ހިތް އުފަލުން ބަންޑުންވާނެކަން ޔަގީން...."

ދެލޮލުގައިވި ކަރުނަތައް ކޯތާފަތުގައި ބީހިލިކަމުގެ އިހުސާސް ވިއެވެ. މަންމައަށްޓަކައި މިއަދު އަހަރެން ފަހުރުވެރިވަމެވެ. އެ މަންމަގެ އަގުހުރި މަސައްކަތް މުޅި ދުނިޔެ ބަލައިގެންފިއެވެ. އެތައް ބަޔަކަށް އިންސާފު ލިބިއްޖެއެވެ. އެ މަންޒަރު ދެކެން މިއަދު މަންމަ ދުނިޔޭގައި ހުރިނަމަ ކިހާ އުފާވީސް ހެއްޔެވެ؟ އެހެނަސް، ވެ ނިމުނު ކަމެއް އަނބުރާ ބަދަލެއް ނުކުރެވޭނެއެވެ. ތަގުދީރުގެ ނިޔާ އާއިމެދު އަހަރެމެން ޖެހޭނީ ރުހޭށެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދެލޯ ހުޅުވައިލީމެވެ. ކަރުނަ ފޮހެލަމުން، ފަހު ފަހަރަށް ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގައިލީމެވެ. ކޮޓަރިއަށް ފުރަގަސްދީ އެނބުރި ހިނގައިގަތްއިރު، އަހަރެންގެ ހިތަށް ލުއި ކަމެއް ލިބިފައިވިއެވެ. ފުލުސްމީހާ "ރޫމް ސެވަން"ގެ ދޮރު ލެއްޕީ އަހަރެން ބަލަން ހުއްޓައެވެ. މިއަދު އެ ކޮޓަރި އާއިމެދު މީހުން ދެކުނު ގޮތް ބަދަލުވެއްޖެއެވެ. ސިއްރުތަކުން ފުރިގެންވީ އެ ކޮޓަރީގެ ހަގީގަތް ނޭނގޭ މީހަކު މިއަދު ނެތެވެ.

(ނިމުނީ)

الحمد لله

ކިޔުންތެރިން ޝައުގުވެރިވާ ގޮތަށް ވާހަކަ ގެނެސްދެވުނުކަމަށް އުއްމީދު ކުރަން. ހުރިހާ ކިޔުންތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. ހާއްސަކޮށް، ވާހަކައަށް ކޮމެންޓްކުރި ކިޔުންތެރިންނަށް. ތިޔަ ކިޔުންތެރިންގެ ސަބަބުން، މި ރޮނގުން އިތުރަށް ކުރިއަށް ދާން ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދޭ. އެކަމަށްޓަކައި، އަދިވެސް އެއްފަހަރު ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ކުރިއަށް އޮތް ތަނުގައިވެސް ތިޔަ ކިޔުންތެރިންގެ ފަރާތުން ބިނާކުރަނިވި ހިޔާލުތަކާއި، ކޮމެންޓްތަކެއް ލިބެމުންދާނެކަމަށް އުއްމީދުކުރަން.

..ޝުކުރިއްޔާ....

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު