ބުރުކީނާ ފާސޯގައި ރީތީގެ މުބާރާތްތައް ހުއްޓުވައި އަންހެން ކުދިންނަށް ޚާއްޞަ ސައިންސް މުބާރާތެއް ތަޢާރަފުކޮށްފި

ބުރުކީނާ ފާސޯގެ ކެޕްޓަން އިބްރާހިމް ޓްރައޯރޭ އަދި އެ ޤައުމުގެ ރީތީގެ މުބާރާތުގައި ވާދަކުރި އަންހެނެއް--ފޮޓޯ/ފޭސްބުކް

ހުޅަނގު އެފްރިކާގެ ބުރުކީނާ ފާސޯގައި ބާއްވަމުން އައި ރީތީގެ ހުރިހާ މުބާރާތްތަކެއް ވަގުތީ ގޮތުން ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުން ނިންމުމަށްފަހު، ޒުވާން އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ބޮޑު ސައިންސް މުބާރާތެއް އިފްތިތާޙުކޮށްފިއެވެ.

މިއީ ޤައުމުގެ އިޖުތިމާޢީ މިންގަނޑުތަކާއި ތަޢުލީމީ ދާއިރާއަށް ގެނައި ފާހަގަކޮށްލެވޭ ބަދަލެކެވެ.

އެ ޤައުމުގެ ކޮމިއުނިކޭޝަން، ކަލްޗަ، އާޓްސް އެންޑް ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖޫން މަހުގެ އަށް ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މުޅި ޤައުމުގައި ރީތީގެ އެއްވެސް މުބާރާތެއް ކުރިއަށް ނުގެންދެވޭނެހެން މަނާކޮށްފައެވެ.

ކެޕްޓަން އިބްރާހިމް ޓްރައޯރޭ އިސްވެ ހުންނަވާ އަސްކަރީ ސަރުކާރުން ހާމަކުރި ގޮތުގައި މި ފިޔަވަޅަކީ ޤައުމުގެ ޘަޤާފީ ސިފަތަކާއި އިޖުތިމާޢީ އަގުތައް އަދި އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ މުބާރާތްތައް ކުރިއަށް ގެންދާނަމަ، އެކަން ކުރަންވާނީ ޤައުމުގެ އާދަކާދަތަކާއި އަގުތަކާ އެއްގޮތްވާ އާ އުސޫލުތަކެއްގެ ދަށުންކަމަށް ބަޔާންކޮށް، އާ ޤަވާޢިދުތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރީތީގެ މުބާރާތްތައް މަނާކުރިތާ ދެ މަސް ފަހުން، މިދިޔަ އޮގަސްޓް މަހު އެ ޤައުމުގައި ވަނީ "ހާކިލީ މޫސޯ"ގެ ނަމުގައި ޤައުމީ ފެންވަރުގެ ސައިންސް މުބާރާތެއް ބާއްވާފައެވެ. ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީގެ ދާއިރާއިން 84 ދަރިވަރުން ވާދަކުރި މި މުބާރާތަކީ ޒުވާން އަންހެން ކުދިން ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގެ ދާއިރާތަކަށް ޝައުޤުވެރިކުރުވައި، އެ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމަށް ތަޢާރަފުކުރި އިސްނެގުމެކެވެ.

ހުޅަނގު އެފްރިކާގެ ބުރުކީނާ ފާސޯގައި ބާއްވާ ރީތީގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ ޒުވާނުންތަކެއް -- ފޮޓޯ/އިންސްޓަގްރާމް

މި މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ސްކޮލަޝިޕް ހަވާލުކޮށްދެއްވައި ރައީސް ޓްރައޯރޭ ވަނީ އެ ކުދިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އަމިއްލަ ނަފްސުގެ ޤާބިލުކަމަށް އިތުބާރުކޮށް، ސައިންސްގެ ރޮނގުން މަތީ އަމާޒުތަކަށް ވާސިލުވުމަށް އެ ދަރިވަރުންނަށް ހިތްވަރުދެއްވާފައެވެ.

މި ނިންމުމާއެކު މީސްމީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު މި ނިންމުމަށް ތާޢީދުކޮށް ބުނެފައި ވަނީ މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި ޤައުމު ބިނާކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށެވެ. އަދި އަންހެނަކަށް ތަޢުލީމު ފޯރުކޮށްދިނުމަކީ މުޅި ޢާއިލާއަށް ދެވޭ ތަޢުލީމެއް ކަމަށާއި، ރީތީގެ ވިޔަފާރީގެ ސަބަބުން ޒުވާން އަންހެން ކުދިންނަށް ލިބޭ ގެއްލުން މާ ބޮޑުކަމަށް ބުނެ ސަރުކާރުގެ ވިސްނުމަށް ވަރަށް ބޮޑަށް ތަޢުރީފު އޮހުނެވެ.

ނަމަވެސް، އަނެއްބައި މީހުން ވަނީ އަންހެނުންގެ އިޚްތިޔާރުގެ މިނިވަންކަމާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި ސައިންސާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމަކީ ރީތިކަމާއި އަންހެންވަންތަކަން ފާހަގަކުރުން ހުއްޓުވަންޖެހޭ ސަބަބެއް ނޫނެވެ. ދެ ދާއިރާ އެއްކޮށް ކުރިއަށް ގެންދިއުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށާއި، އަމިއްލަ ޝައުޤުވެރިކަން ހުރި ދާއިރާއެއް އިޚްތިޔާރުކުރުމުގެ ޙައްޤު ކޮންމެ އަންހެނަކަށްވެސް ލިބެންޖެހޭނެ ކަމަށް ބުނެ އެ ފަރާތްތަކުން ޚިޔާލު ފާޅުކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު