ރާޖަޕަކްސަ އާއިލާގެ މައްސަލަތައް: ސިއްހީ ފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް ގޮތާބަޔާ އެދިވަޑައިގެންފި

ކުރީގެ ރައީސް ގޮތާބަޔާ: ސިއްހީ ފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް ގޮތާބަޔާ އެދިވަޑައިގެންފައިވޭ -- ފޮޓޯ/ އޭއެފްޕީ

ސްރީލަންކާގެ ކުރީގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން އުވާލަދިނުމަށް އެދި، ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުން، ގޮތާބަޔާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި، އޭނާ ބޭނުންފުޅުވަނީ ސިންގަޕޫރުގައި ކުރެއްވި ހިތުގެ އޮޕަރޭޝަނަކަށް ފަހު ހަދަންޖެހޭ އިތުރު ފަރުވާތަކެއް ހޯއްދެވުމަށް ސިންގަޕޫރަށް ވަޑައިގަތުމަށެވެ. އެހެންކަމުން، މިހާރު އޭނާގެ މައްޗަށް އޮތް، ފުރުން މަނާކުރުމުގެ އަމުރަށް ލުޔެއް ދިނުމަށް އެދިފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކޯޓުން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ލަންކާގެ މީޑިއާތަކުގައިވެއެވެ.

ގޮތާބަޔާގެ މައްޗަށް ގައުމުން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ނެރެފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހެވެ. އެ އަމުރު ނެރެފައިވަނީ 2019 ވަނަ އަހަރު ސްރީލަންކާގައި ދިން "އީސްޓާ ސަންޑޭ" ބޮމުގެ ހަމަލާތަކާ ގުޅިގެން ކުރިއަށްދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން އެދުމުންނެވެ.

ސްރީލަންކާގެ ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް އަމާޒުކޮށް ދިން އެ ހަމަލާތަކުގައި 270 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ގޮތާބަޔާގެ އިތުރުން އަސްކަރިއްޔާގެ ކުރީގެ ދެ އޮފިސަރެއް ކަމަށްވާ ކާނަލް މުހައްމަދު އަންސާރާއި ކުރީގެ އިންޓެލިޖެންސް އޮފިސަރު ޕްރޭމާނަންދަ އުދަލަގަމަގެ މައްޗަށް ވެސް މި މައްސަލައިގައި ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވެއެވެ.

https://sun.mv/229019

އީސްޓާ ސަންޑޭގެ ހަމަލާތަކުގެ ތަހުގީގު ސްރީލަންކާގެ މިހާރުގެ ސަރުކާރުން އަލުން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެ ތަހުގީގު އަލުން ފެށީ ކުރިން އެ މައްސަލަ އޮއްބާލުމަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރުމަށްފަހުގައެވެ.

ގޮތާބަޔާ ސިއްހީ ފަރުވާއަށް ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާއިރު، ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ވަނީ ގާނޫނީ ގޮތުންނާއި ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން މަހިންދަގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން މިދިޔަ ހަފުތާގައި ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހިއެވެ. އޭގެ ފަހުން، މި ހަފުތާގައި މަހިންދަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް އިއްޔެ ވެސް މަހިންދަގެ ޕާޓީން ބުނެފައިވެއެވެ.

އެ ގޮންޖެހުންތައް ދިމާވެފައި ވަނިކޮށް، މަހިންދަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ރިޝްވަތުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކޮށް، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، ޝިރަންތީ ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަންނަވާތީ، ބަންދުން ދޫކޮށްލަން މިއަދު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް