މި އަހަރުގެ މާޗު މަހު މިސްރާ ދެކޮޅަށް ސްޕެއިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ސްޕޭނުގެ ސަޕޯޓަރުންތަކެއް މުސްލިމުންނަށް ނަފްރަތު އުފެދޭ ގޮތަށް އަޑުއުފުލި މައްސަލައިގައި ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ (ފީފާ) އިން ސްޕޭނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ފީފާއިން ވަނީ ސްޕެއިން ދެން އެންމެ އަވަހަށް ކުޅޭ ފީފާގެ އިންޓަނޭޝަނަލް މެޗުގައި ސްޓޭޑިއަމްގެ ވަކި ބައެއް ބަންދުކުރުމަށް އަންގާފައެވެ.
ސްޕެއިންގެ އާރްސީޑީއީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓާއި ދެވަނަ ހާފު ފެށުނުތަނާ، ސްޕޭނުގެ ސަޕޯޓަރުންތަކެއް ވަނީ މުސްލިމުންނަށް ދެކޮޅަށް އަޑުއުފުލާފައެވެ. މިކަމާ ގުޅިގެން ސްޓޭޑިއަމްގެ ބޮޑެތި ސްކްރީންތަކުން ވަނީ އެފަދަ ނޭދެވޭ އަމަލުތައް ހުއްޓާލުމަށް އިންޒާރުދީ މެސެޖުތައް އާންމުކޮށްފައެވެ.
ފީފާއިން ނިންމި ނިންމުމުގައިވާ ގޮތުން، ސްޕެއިން ދެން ކުޅޭ އެކުވެރިކަމުގެ މެޗުގައި ސްޓޭޑިއަމްގެ ކެޕޭސިޓީގެ 15 އިންސައްތަ ބަންދުކުރަންޖެހޭނެއެވެ. މީގެ އިތުރުން ސްޕެއިނުގެ ފެޑެރޭޝަން 20،000 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، ފީފާގެ ހުއްދައާއެކު ބަންދުކުރަން އެންގި ސީޓުތަކުގައި އިޖުތިމާއީ ޖަމްއިއްޔާތަކާއި، އާއިލާތަކާއި، ދަރިވަރުން އަދި ނަފްރަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ތިބެވޭނެ ގޮތް ހަމަޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ސްޕޭން ފެޑެރޭޝަނުން މި އަޑުއުފެލުންތަކަކީ ނަފްރަތު އުފެއްދުން ނޫން ކަމަށް ބުނެ ދިފާއުވާން މަސައްކަތްކުރި ނަމަވެސް، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެކަން ބަލައިނުގަނެފައެވެ
ސްޕެއިން ގައުމީ ޓީމުގެ ކޯޗު ލުއިސް ދެ ލަ ފުއެންތޭ އާއި މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ނަމަވެސް، މިސްރުން ވަނީ މަދު ސަޕޯޓަރުންތަކެއްގެ މި ނޭދެވޭ އަމަލުގެ ސަބަބުން ދެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ މެދުގައި އޮތް ގާތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ހާމަކޮށްފައެވެ.