ބޮޑުތިލަދުންމަތި ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

މާލެއަށް ބޯކޮށް ވާރޭ ވެހެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ތިލަދުންމަތި ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ނެރުނު ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ދަންމާލައިފިއެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރުނީ، 08:10ގައެވެ. އެ ސަމާލު އޭރު ނެރެފައި އޮތީ، 14:00އާ ހަމައަށެވެ.

އޭގެފަހުން، މެޓުން ވަނީ އެ ސަމާލު މިރޭ 20:00އާ ހަމައަށް ދަންމާލާފައެވެ.

މިއަދު 18:00އާ ހަމައަށް މެޓުން މޫސުން ލަފާކޮށް ނެރެފައިވާ މައުލޫމާތުގައި ވަނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ބުނެފައެވެ.

މީގެއިތުރުން، ހުރިހާ ސަރަހައްދަކަށް ވައި ޖެހޭނީ، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 35 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

https://sun.mv/229171

ބޯކޮށް ވާރޭ ވެހުނަސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އެކަމަކު، ވިލާގަނޑުގައި ކަނޑުތައް ގަދަވާއިރު، ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާ ފަސް ފޫޓާ ދެމެދުގައެވެ.

މެޓުގެ ރެކޯޑުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ބ. ދަރަވަންދުއަށެވެ. އެ ރަށަށް 81 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ފ. ނިލަންދުއަށް 51.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

comment ކޮމެންޓް