ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި މިއަދު ކުޅުނު ރާއްޖޭގެ ގްރޫޕް ސްޓޭޖު ފަހު މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ މެޗުގެ ފުރަތަމަ ސެޓު ރާއްޖޭގެ އެއް ނަމްބަރު ބީޗް ޕެއާ، އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މި ސެޓު ދިވެހި ޕެއާއިން ގެންދިޔައީ 13-21 އިންނެވެ. އެކަމަކު ފަހަތުން އަރައި ބަންގްލަދޭޝްގެ ޕެއާ ވަނީ ފަހު ދެ ސެޓުވެސް ކާމިޔާބުކޮށްފައެވެ. އެއީ 21-19 އަދި 17-15 އިންނެވެ.
އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ބީޗް ވޮލީ ޓީމުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މޮންގޯލިއާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހެވެ.
އޭޝިއާ ބައްރުގެ 45 ޤައުމަކުން އެތުލީޓުން ވާދަކުރާ މި ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ސާފިން، އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީބޯޅައިގައެވެ.