މަސްތުވާތަކެތި ކަމަށް ބެލެވޭ 43 ކަރުދާސްކޮޅު ހޯދައި، 3 ޒުވާނުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ޅ. އަތޮޅުން ހައްޔަރުކުރި ތިން މީހުން --- ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ކަމަށް ބެލެވޭ 43 ކަރުދާސްކޮޅު ހޯދައި ޅ. އަތޮޅުން ތިން ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައ ވަނީ ނައިފަރާއި އޮޅުވެލިފުށީގައި ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ހިތްވަރު، އުމުރުން 19 އަހަރުގެ އަނަސް އަބްދުﷲ އާއި ޅ. އޮޅުވެލިފުށި، ކޮތަރިވިލާ، އުމުރުން 25 އަހަރުގެ މުޙައްމަދު މިފްޒާލްގެ އިތުރުން ޅ. އޮޅުވެލިފުށި، ޑައިމްވިލާ، އުމުރުން 20 އަހަރުގެ އަޙްމަދު އާދިލް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މަހު 23 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް ހައްޔަރުކުރީ އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހުގެ އިތުރުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 3.93 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެވަނަ އޮޕަރެޝަން ހިންގީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ނައިފަރުން ޕޮލިހުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ އޮޕަރޭޝަންގައި އަޙްމަދު އާދިލް ނައިފަރުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 10.79 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް އަށް ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވާއިރު އަޙްމަދު އާދިލް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް