2019–2022 ދެމެދު ޑިގްރީއަށް ވަދެފައިވާ ދަރިވަރުންގެ ތެރެއިން ކޯސް ނިންމީ 50 ޕަސެންޓު: އޮޑިޓް

ދަރިވަރުންތަކެއް: 2019–2022 ދެމެދު ޑިގްރީއަށް ވަދެފައިވާ ދަރިވަރުންގެ ތެރެއިން ކޯސް ނިންމީ 50 ޕަސެންޓު ކަމަށް އޮޑިޓުން ވަނީ ހާމަވެފައި --- ފޮޓޯ/ ބިޒްނަސް ސުކޫލް

ދެހާސް ނަވާރައާއި 2022އާ ދެމެދު ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ކޯސް ނިންމީ، 50 އިންސައްތަ ދަރިވަރުންކަން އޮޑިޓު ރިޕޯޓަކުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައި ވަނީ، ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގައި ކަންކަން ހުރި ގޮތް ބަލާފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ކިޔަވައިދޭ މަރުކަޒުތަކުގެ ތަފާސްހިސާބުތަކާ ހަވާލާދީ، އޮޑިޓުގައި ބުނީ، 2019އާއި 2022އާ ދެމެދު ހިލޭ ޑިގްރީ ސްކީމުގައި 11،641 ދަރިވަރުން ބައިވެރި ކަމަށެވެ. އެކަމަކު، އޭގެތެރެއިން ކޯސް ނިންމާފައި ވަނީ، 5،833 ދަރިވަރުން ކަމަށްވާއިރު، އެއީ ބައިވެރިވި އަދަދާ ބަލާއިރު 50 އިންސައްތައެވެ.

2019އާއި 2022 ދެމެދު ޑިގްރީއަށް ވަދެފައިވާ ދަރިވަރުންގެ ތަފާސްހިސާބުތައް --- ފޮޓޯ/ އޮޑިޓް

އަށާރަ އިންސައްތަ ދަރިވަރުން އަދިވެސް ކިޔަވަމުން އަންނައިރު، 790 ދަރިވަރުން ވަނީ ކޯސް ފުރިހަމަ ނުކޮށް ކިޔެވުން ހުއްޓާލާފައެވެ. އަދި، 2،779 ދަރިވަރުންގެ މައުލޫމާތު ލިބިފައިނުވާތީ އެ ދަރިވަރުންގެ ޕްރޮގްރާމް ނިންމިކަމެއް ނުވަތަ ނޫން ކަމެއް އޮޑިޓު އޮފީހަށް ޔަގީނެއް ނޫނެވެ.

އޮޑިޓުގައި ބުނީ، ސްކީމުގެ ދަށުން ދަރިވަރަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ދޫކުރުމުން ޕްރޮގްރާމު ފުރިހަމަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު، މިނިސްޓްރީން ދަރިވަރުންނަށް ދޫކުރަނީ، ކުރިއަށް އޮތް ހަ މަހަށް ނުވަތަ ސެމިސްޓާއަކަށް އެޑްވާންސްކޮށް ކަމަށްވާތީ، ފައިސާ ދައްކާ ނިންމި ހުރިހާ ދަރިވަރުން ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ނުވުން އެކަށީގެންވާ ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން، ޕްރޮގްރާމު ފުރިހަމަކޮށްފައިވާ އަދި ނުކުރާ ދަރިވަރުންގެ މައުލޫމާތު ފުރިހަމައަށް ދެނެގެނެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް