އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯވްއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއާއި ބެލަރޫސްގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވެވޭނެއެވެ. އަދި އެއް އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ދަތުރުކުރާ ނަމަ، ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ހުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ޓްރާންސިޓްކުރުމުގައި ވެސް މި ލުއިފަސޭހަ ލިބިގެންދާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ. އަދި ބެލަރޫސް ސަރުކާރުން ރާއްޖެއާ މެދު ބާއްވާ ގާތް ގުޅުމަށް އެކަމަނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި އެއްބަސްވުމަކީ ބެލަރޫސްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. ހާރިޖީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބެލަރޫސްގެ މެޑިކަލް ޔުނިވާސިޓީތަކުގައި 140 އެއްހާ ދިވެހި ދަރިވަރުން މިހާރު ވެސް ތައުލީމު ހާސިލުކުރަމުންދެއެވެ. މީގެ ކުރިން މި ދަރިވަރުންނާއި އެ ކުދިންގެ އާއިލާތަކުން ދަތުރުކުރުމުގައި ވިސާގެ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އާ އެއްބަސްވުމާއެކު އެކަމަށް ނިމުމެއް އަންނާނެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާ ދިމާކޮށް ބެލަރޫސްގެ ގައުމީ އެއާލައިން، ބެލާވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތަކާއި ވިސާގެ ލުއިފަސޭހަކަމާއެކު، ބެލަރޫސްއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ބެލަރޫސްއަކީ ރާއްޖެއަށް އަލަށް ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ގައުމުން 7،443 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ބެލާވިއާގެ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ.