މިދިޔަ ހޮނިހިރު ފުވަހުގެ ރޭ މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާއި ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި އެކްސިޑެންޓަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެން ހިނގި ހާދިސާއެކެވެ.
"ސަން" އަށް މައުލޫމާތުދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓާއި ގުޅީގެން މީހަކުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހުގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަންއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.
އެއީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުންނެވެ. މީގެއިތުރުން، އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރު ތެރޭ ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓައި ޖޫރިމާނާކޮށްފައިވާ މީހެކެވެ.
މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވެއެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މި ހާދިސާއާ ގުޅިގެން ދައުރުވާ ވީޑިއޯއަކުން ފެންނަނީ، އަންހެން މީހާ ވެއްޓި، އޭނާގެ ބޮލުން ވަރަށް ގިނައިން ލޭ ފައިބައިފައި އޮތް ތަނެވެ. އެ ވަގުތު ވެސް އޭނާގެ ހަރަކާތެއް ނެތްއިރު، ދެ ފިރިހެނުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ހުރި މަންޒަރު ފެނެއެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލެއާއި ހުޅުމާލެ އަދި ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެކެވެ. މިފަދަ ހާދިސާތައް އިތުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމާއި، ގަވާއިދާ ހިލާފަށް އޯވަޓޭކް ކުރުމާއި، ރެޑް ސިގްނަލަށް މަޑުނުކުރުމުގެ އިތުރުން ދުއްވަމުން ފޯނު ބޭނުންކުރުމާއި ލައިސަންސް ނެތި އަދި ތަޖުރިބާ ނެތި ދުއްވުން ހިމެނެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އޭގެ ތެރޭގައި މަގުމަތީގެ ޗެކްޕޮއިންޓްތަކާއި ޕެޓްރޯލްކުރުން އިތުރުކުރުމާއި، ލައިސަންސާއި ރަޖިސްޓްރީ ނެތް އުޅަނދުތައް ޓޯކުރުމާއި، ސްޕީޑް ކެމެރާ މެދުވެރިކޮށް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުން ހިމެނެއެވެ.
މީގެއިތުރުން އެކްސިޑެންޓް ގިނައިން ހިނގާ ސަރަހައްދުތަކުގައި ބަމްޕަރު ބެހެއްޓުމާއި، މަގުމަތީގެ ނިޝާންތަކާއި މަގުބައްތިތަކުގެ އަލިކަން ރަނގަޅުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އަދި ހެލްމެޓް އެޅުމަށާއި މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭންތައްވެސް ދަނީ ހިންގަމުންނެވެ.
އެހެންނަމަވެސް، މި ކުޑަ މާލޭގައި އުޅަނދުތައް އިންތިހާއަށް ގިނަވުމާއި، ދުއްވާ މީހުންނާއި ހިނގާ މީހުން ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ނުހިތުމަކީ އެކްސިޑެންޓުތައް ހުއްޓުވުމަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތައްކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2,100 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.