އިންސާނުންގެ ކޮންޓްރޯލުން އޭއައި ނެއްޓިދާނެކަމުގެ އިންޒާރު ކުންފުނިތަކުގެ ވެރިން އދ. އަށް ދީފި

އޭއައިގެ އެންމެ ވަރުގަދަ ކުންފުނި އޯޕަންއޭއައިގެ ވެރިޔާ ސޭމް އޯލްޓްމަން --- ފޮޓޯ: ރޮއިޓާސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް އަމިއްލައަށް ކުރިއަރައި، އިންސާނުންގެ ކޮންޓްރޯލުން ނެއްޓި، ބައިނަލްއަޤްވާމީ ރައްކާތެރިކަމަށް ނުރައްކާވެދާނެކަމުގެ ސީރިއަސް އިންޒާރުތަކާއެކު އޭއައި އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ވެރިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް މައުލޫމާތު ދެއްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، އޯޕަންއޭއައިގޭ ސީއީއޯ ސޭމް އަލްޓްމަން އާއި، އެންތްރޯޕިކްގޭ ސީއީއޯ ދާރިއޯ އަމޮޑެއީގެ އިތުރުން ހަގިންގ ފޭސްގޭ ހިއްސާދާރު ކްލެމެންޓް ދެލާންގޫ، 15 މެންބަރުން ހިމެނޭ ސެކިއުރިޓީ ކައުންސިލަށް މައުލޫމާތު ދެއްވިއެވެ. މީގެއިތުރުން "އޭއައިގެ ކާފަ" އިންގެ ގޮތުގައި މަޝްހޫރުވެފައިވާ ކެނެޑާގެ ސައިންސްވެރިޔާ އަދި އދ. ގެ ސައިންޓިފިކް ޕެނަލްގެ ކޯ-ޗެއާ ޔޯޝުއާ ބެންޖިއޯވެސް މި ބައްދަލުވުމުގައި މައުލޫމާތު ދެއްވިއެވެ.

ފްރާންސުގެ ޚާރިޖީ ވަޒީރު ޜޯން-ނޮއެލް ބާރޯ ރިޔާސަތު ބެލެހައްޓެވި މި ބައްދަލުވުމުގައި، އޯޕަންއޭއައިގެ ސީއީއޯ ސޭމް އަލްޓްމަން ގޮވާލެއްވީ ދުނިޔޭގެ ވެރިން އޭއައިގެ ގާބިލުކަން ވަޒަންކުރާނެ މިންގަނޑުތަކަކާއި، ކުންފުނިތަކުން އެކުލަވާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަޒަންކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށެވެ. މީގެއިތުރުން، އޭއައިގެ ދާއިރާގައި އެންމެ ވާދަވެރި ދެ ޤައުމު ކަމަށްވާ އެމެރިކާ އާއި ޗައިނާއިންވެސް މި ކައުންސިލްގައި ވާހަކަދެއްކިއެވެ.

https://sun.mv/227734

ވިލާތުގެ ޑިޕްލޮމޭޓަކު ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އޭއައި އިންސާނުންގެ ކޮންޓްރޯލުން ނެއްޓި، ބައިނަލްއަޤްވާމީ އަދި ވަކިވަކި ޤައުމުތަކުގެ ސެކިއުރިޓީއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް އަލިއަޅުވާލުމެވެ. އަދި އެކި އެލްގޮރިޒަމްތައް އެކަތި އަނެކައްޗާ މުއާމަލާތްކޮށްގެން ހަނގުރާމައެއް ފެށިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެތޯ ބެލުމަކީ ސެކިއުރިޓީ ކައުންސިލުން އެންމެ ބޮޑަށް ސަމާލުކަންދިން ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވޮޝިންޓަންގައި ބާއްވަވާ ބައްދަލުވުމުގެ ކުރިން، ދެ ޤައުމުން ވަނީ ޤައުމީ ސަލާމަތަށް އަސަރުކުރާ ފަދަ އޭއައި ހާދިސާތަކުގައި މައުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް ގާއިމުކުރުމާމެދު މަޝްވަރާކޮށްފައެވެ.

ނަމަވެސް، ރައީސް ޓްރަމްޕް އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އޭއައި ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ ރޭވުމެއް ރޭވުމަށް ދެކޮޅު ހައްދަވާ ކަމަށާއި، އެމެރިކާއިން ބޭނުންވަނީ އޭއައިގެ ކުރިއެރުމަށް ހުރަސްއެޅުމުގެ ބަދަލުގައި އެ ދާއިރާ އިތުރަށް ކުރިއެރުވުން ކަމަށެވެ. އަދި އެމެރިކާ އުޅެނީ ޗައިނާއަށްވުރެ މާ ކުރީގައި ކަމަށާއި، ސިނާއީ އިންގިލާބަށްވުރެ ބޮޑު މި ވަސީލަތް ހުއްޓުވުމުގެ ބަދަލުގައި ޖަސްޓިސް ޑިޕާޓްމަންޓް މެދުވެރިކޮށް ގާތުން ފާރަވެރިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވިސްނުމާ ޚިލާފަށް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ އޭއައިގެ ނުރައްކާތަކަށް އަޅާނުލައި ދޫކޮށްނުލެވޭނެ ކަމަށް ވިދާޅުވެފައެވެ. ގުޓެރޭސް ވަނީ އޭއައި ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ފެންވަރުގައި ގަވާއިދުތަކެއް ހެދުމަށް ގޮވާލައްވައި، 2023 ވަނަ އަހަރު 39 މެންބަރުންގެ މަޝްވަރާ މަޖިލީހެއް އެކުލަވާލައްވާފައެވެ. އަދި މިދިޔަ އަހަރު އދ. އިން ވަނީ މިކަމާ ގުޅޭ ސައިންޓިފިކް ޕެނަލެއްވެސް އުފައްދާފައެވެ.

އޭއައިގެ ނުރައްކާތަކާ ބެހޭގޮތުން އދ. ގެ ސެކިއުރިޓީ ކައުންސިލުން އެންމެ ފުރަތަމަ ބައްދަލުވުމެއް ބޭއްވީ 2023 ވަނަ އަހަރުއެވެ. އެ ބައްދަލުވުމުގައި ޗައިނާއިން ވަނީ އޭއައި އަކީ ކޮންޓްރޯލުން ނެއްޓިގެންދާ އެއްޗަކަށް ވެގެންނުވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާއިން ވަނީ އިންސާނުންގެ މިނިވަންކަން ނިގުޅައިގަތުމަށް އޭއައި ބޭނުންކުރުމާ ދެކޮޅަށް އިންޒާރުދީފައެވެ.

އޭގެފަހުން 2024 ވަނަ އަހަރުވެސް އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންގެ ރިޔާސަތުގައިވެސް އޭއައިއާ ބެހޭ ޚާއްޞަ ބައްދަލުވުމެއް ސެކިއުރިޓީ ކައުންސިލްގައި ބޭއްވުނެވެ.

comment ކޮމެންޓް