ސައުދީގައި މަރުގެ ހުކުމް އިއްވާފައިވާ ލަންކާ މީހާގެ މައްސަލައިގައި އެހީތެރިވެދެއްވަން ނަޝީދު ހުށަހަޅުއްވައިފި

ލަންކާގެ ދެ ލޯޔަރުންނާއެކު ނަޝީދު -- ފޮޓޯ: ނިއުސް ވަޔާ

ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސިވަރާސާ އަނޯޖަން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ލަންކާ ނޫސްތައް ބުނާގޮތުގައި ނަޝީދު މިކަން ހާމަކުރެއްވީ، އަނޯޖަންގެ މައްސަލައިގައި އިންސާނީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ސްރީލަންކާގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ ފައިޒާ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމަ ރާއްޖެ ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރެއްވުމުންނެވެ.

ނޫސްތަކުން ބުނާގޮތުގައި މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވި ގޮތުގައި، އަނޯޖަން ކޮށްފައިވާ އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް އޭނާއަށް އެހީތެރިވެދެއްވަން ނިންމެވީ އިންސާނިއްޔަތަށްޓަކައެވެ.

އަނޯޖަންއަކީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވަޒީފާ އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހެކެވެ. އޭނާ ހައްޔަރުކުރީ ކުއްތާއަކާ ގުޅޭގޮތުން ފޭސްބުކްގައި ކުރިއަށްދިޔަ ބަހުސެއްގައި، އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ގޮތަކަށް ކޮމެންޓުކުރުމާ ގުޅިގެންނެވެ. މި މައްސަލައިގައި ސައުދީގެ ކޯޓަކުން ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ސައިބާކްރައިމް ގާނޫނުގެ ދަށުން ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައުދީ ރިޔާލްގެ ޖޫރިމަނާއެކެވެ.

ނަމަވެސް، ސައުދީގެ ޕްރޮސެކިއުޓަރުން އެ މައްސަލަ އިސްލާމީ ޝަރީއަތުގެ ދަށުން އިސްތިއުނާފުކުރުމުން، އެޕެލެޓް ކޯޓުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. މި ހުކުމާ ގުޅިގެން ސްރީލަންކާ ސަރުކާރުން ދަނީ އޭނާ ސަލާމަތްކުރުމަށް ޑިޕްލޮމެޓިކް އަދި ގާނޫނީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ނަޝީދުގެ އެހީތެރިކަމާއެކު ސައުދީގެ އިސް ވެރިންނާ ހަމައަށް އިންސާނީ އެޕީލެއް ހުށަހެޅުމަށް ވަނީ ރާވާފައެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ވިދާޅުވި ގޮތުގައި، ފައިޒާ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމަ ވަނީ އަމިއްލަ ހަރަދުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވަން އެއްބަސްވެވަޑައިގެންފައެވެ. އަދި އެ ބޭފުޅުން ސައުދީގެ ކަމާބެހޭ ފަރާތްތަކާއި އަނޯޖަންގެ ގާނޫނީ ޓީމާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ ސައުދީ ރަސްގެފާނަށް ފޮނުއްވާ ޚާއްސަ މައާފުދިނުމުގެ ސިޓީފުޅެއް ހިފައިގެން، ޑެޕިއުޓީ ސްޕީކަރު ރިޒްވީ ސާލިހް އިސްވެ ހުންނަވައި ޕާލަމެންޓަރީ ވަފުދެއް ސައުދީއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އިދިކޮޅު މެންބަރު މުޖީބު ރަހްމާން ވަނީ، މިއީ އެއަށްވުރެ ސީރިއަސް މައްސަލައެއް ކަމަށާއި، ވަފުދުގައި އިސްކޮށް ހުންނަވަން ޖެހޭނީ ރައީސް ނުވަތަ ބޮޑުވަޒީރު ނުވަތަ ފޮރިން މިނިސްޓަރު ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

އަނޯޖަންއަކީ ސްރީލަންކާ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމަންޓް (އެސްއެލްބީއެފްއީ) ގައި ރަޖިސްޓަރީކޮށްގެން ގޮސް ހުރި މީހަކަށް ވާތީ، މި މައްސަލައިގައި ހިނގާނެ ހުރިހާ ގާނޫނީ ހަރަދެއް ހަމަޖައްސާނީ ސްރީލަންކާ ސަރުކާރުން ކަމަށް މިނިސްޓަރު ހޭރަތު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މީގެ ކުރިން އޭނާގެ އާއިލާއިން ކޮށްފައިވާ ހަރަދުތައްވެސް ސަރުކާރުން އަނބުރާ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ހޭރަތު އިތުރަށް ވިދާޅުވި ގޮތުގައި، އަންނަ މަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، އަނޯޖަންގެ ހުކުމް ލުއިކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެއެވެ. މިހާރު އޮތީ ސައުދީގެ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް ލިބިފައިވާ އެއް މަސް ދުވަހުގެ މުއްދަތެވެ.

comment ކޮމެންޓް