މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާ ފަންޑުގެ ދަށުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ހިލޭ އެހީއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ފަންޑަކީ ޢިލްމީ ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތު ބައްޓަންކުރުމަށް ބާރުއެޅުމާއި، ރާއްޖޭގެ އިގްތިޞާދީ އަދި މާލީ ހަމަޖެހުމަށް މަގުދައްކައިދޭ ފެންވަރު ރަނގަޅު ދިރާސާތައް ކުރިއެރުވުމުގެ މަގްސަދުގައި ގާއިމުކޮށްފައިވާ ފަންޑެކެވެ.
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ހިލޭ އެހީއަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ އިންޑިޕެންޑެންޓް ދިރާސާ އެހީ އަދި ފޮތް ލިޔުމުގެ އެހީއެވެ.
މި ފުރުސަތުގައި އަމިއްލަ ފަރުދުންނަށާއި، ތަޢުލީމީ މުއައްސަސާތަކުގެ އިތުރުން ތިންކް ޓޭންކުތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެމްއެމްއޭއިން މަޢުލޫމާތު ދެއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އެހީއަށް އެދި ހުށަހަޅާ ޓީމުތައް ލީޑުކުރާ އިސް ފަރާތަކީ މަދުވެގެން މާސްޓާސް ޑިގްރީ ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް ފަރާތަކަށް ވާން ޖެހޭނެއެވެ. އަދި ޕީއެޗްޑީ ޙާޞިލުކޮށްފައިވާ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ޚާއްސަ ގޮތެއްގައި ބާރުއަޅައެވެ.
މި އެހީ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެމްއެމްއޭގެ ލަނޑުދަނޑިތަކާ ގުޅުންހުރި އަދި ގައުމަށް އެންމެ ބޭނުންތެރި ދާއިރާތަކަށެވެ.
އެގޮތުން އިގްތިސާދީ ހަމަޖެހުމާއި މަނިޓަރީ ސިޔާސަތު، މާލީ ދާއިރާގެ ވިލުންވެރިކަން، ޑިޖިޓަލައިޒޭޝަނާއި ފިންޓެކް، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގްތިސާދު، އިސްލާމީ މާލިއްޔަތު، ވަޒީފާގެ ބާޒާރާއި ތަޢުލީމީ ދާއިރާ، ބޯހިޔާވަހިކަމާއި އާބަން ޑިވެލޮޕްމަންޓް، އަދި ސިއްޙީ ދާއިރާއާއި ދައުލަތުގެ ޚަރަދު ހިމެނޭ ދާއިރާތަކަށް އިސްކަންދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ އިތުރުން އެހެން ދާއިރާތަކުން ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް ބުންޏެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި ތަޢާރަފުކުރި މި ފަންޑުގެ ފުރަތަމަ ބުރު 2025 ގައި ހިންގާފައިވާއިރު، އެ ބުރުގައި ހަ ރިސާޗް ޕްރޮޕޯސަލަކާއި އެއް ފޮތް ގްރާންޓް ވަނީ ދޫކޮށްފައެވެ.
މި އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 13 އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އެމްއެމްއޭގެ ރިސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.
އެމްއެމްއޭ ރިސަޗް ގްރާންޓަކީ ރާއްޖޭގެ އިގްތިޞާދީ، މާލީ އަދި ބޭންކިން ދާއިރާއިން ކުރެވޭ ދިރާސާތައް އިތުރުކޮށް، ދިރާސާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ދޫކުރާ މާލީ އެހީއެކެވެ.
މި ގްރާންޓް މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ މަނިޓަރީ ޕޮލިސީ، ފައިނޭންޝަލް ސްޓެބިލިޓީ، މެކްރޯ-އިކޮނޮމިކްސް، ބޭންކިން އަދި އިސްލާމިކް ފައިނޭންސް ފަދަ ދާއިރާތަކަށެވެ.
މީގެ މައިގަނޑު ބޭނުމަކީ ޢިލްމީ ދިރާސާތަކުގެ އެހީގައި އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރުމަށް މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުމުގެ މާހައުލެއް ގާއިމުކުރުމެވެ.
މި ފުރުޞަތުގައި ދިރާސާވެރިންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ދަރިވަރުން އަދި އެކަޑެމިކް ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.