ފާތިރުގެ މަރު: އިރުފާންގެ މައްޗަށް ކުށް ސާބިތެއް ނުވި

މ. ކުރިރުއްގޭ އިރުފާން ރުޝްދީ --

މީގެ 10 އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގެ ތެރެއިން، އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު މަރާލި މައްސަލައިގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީގެ މައްޗަށް އުފުލި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އިރުފާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ. މި މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު ކްރިމިނަލް ކޯޓުން ކަނޑައެޅީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އިރުފާންގެ މައްޗަށް މި ދައުވާ ސާބިތުނުވާ ކަމަށެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ކްރިމިނަލް ކޯޓުން ޝަރީއަތުގެ ރިޕޯޓު އާންމުކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމެވި ގޮތުގެ ތަފްސީލީ ސަބަބުތަކެއް އަދި ސާފުވާ ގޮތެއް ނުވިއެވެ.

އިރުފާން ރުޝްދީއަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ހޯދުމަށް އިޢުލާންކުރި މީހެކެވެ. އެ ކޮމިޝަނުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އިރުފާން 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން ރަސްމީކޮށް ރާއްޖެ އައިސްފައި ނުވި ނަމަވެސް، 2016 ވަނަ އަހަރު ހިނގި މަރުގެ ސީންއަކުން އޭނާ ފެނިފައިވެއެވެ.

އިރުފާން އަތުލައިގަނެވުނީ ގދ. ތިނަދުއާ 15 މޭލު ބޭރުން ދަތުރުކުރި "ބުލޫވޭވް" ނަމަކަށް ކިޔާ ލޯންޗެއްގެ ޕެޓްރޯލް ހުސްވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިގެން، ފަތިހު 4:22 އެހައިކަންހާއިރު އެ ލޯންޗު ތިނަދުއަށް ގެނެސް ބެލިބެލުމުގެ ތެރޭގައެވެ. ފުލުހުންނަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ ލޯންޗުގައި ތިބި ހަތަރު މީހުން ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލިބެލުމުން، އޭގެ ތެރޭގައި އިރުފާން ރުޝްދީ ހުރިކަން ވަނީ ކަށަވަރުވެފައެވެ.

comment ކޮމެންޓް