މީހުން ޓްރެފިކްކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މީހުން ޓްރެފިކްކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި ގުޅޭގޮތުން މަޝްވަރާކުރުން -- ފޮޓޯ/ ފުލުހުން

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް) އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާކޯއާ، ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ އެކި ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭ ގޮތުންނެވެ.

މީގެ އިތުރުން، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމަށާއި، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ފާހަގަކުރެވޭގޮތުގައި މީހުން ޓްރެފިކް ކުރުމާއި ބޯޑަރު ހުރަސްކޮށް ހިނގާ ކުށްތަކަކީ ބައިނަލްއަގުވާމީ ގޮތުންނާއި ގައުމީ ފެންވަރުގައި ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންކަމެވެ. ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި އިގުތިސާދު ބިދޭސީންނަށް ބިނާވެފައިވާތީ، މިފަދަ ކުށްތަކުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް ބޮޑެވެ.

ބޯޑަރު ހުރަސްކޮށް ހިނގާ މައިގަނޑު ކުށްތަކުގެ ތެރޭގައި މަޖުބޫރުން މަސައްކަތް ކުރުވުމާއި ނާޖާއިޒު ފައިދާ ހޯދުމަށް ހިންގާ ހިއުމަން ޓްރެފިކިން، ފައިސާއަށް ގަވާއިދާ ހިލާފަށް މީހުން އެތެރެކުރާ ހިއުމަން ސްމަގްލިން، ކަނޑުމަގުންނާއި ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުން، އަދި ކުށްކޮށްގެން ހޯދާ ފައިސާ ގާނޫނީ ނިޒާމުގެ ތެރެއަށް ވައްދައި ކުރާ މަނީ ލޯންޑަރިން ހިމެނެއެވެ.

މިފަދަ ކުށްތައް ހުއްޓުވުމުގައި ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އޭގެ ތެރޭގައި ކަނޑުގެ ސަރަހައްދު ބޮޑުވުމުން ބޯޑަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކާއި، ބައެއް އެޖެންސީތަކުން އޮޅުވާލައިގެން ބިދޭސީން ގެނައުމާއި، ލިޔެކިޔުން ނެތް ގަވާއިދާ ހިލާފު ބިދޭސީން އިތުރުވުމުގެ ސަބަބުން ޓްރެފިކިން ނެޓްވޯކްތަކަށް އެ ފުރުސަތު ފަހިވުން ހިމެނެއެވެ.

މިކަންކަން ހައްލުކުރުމަށްޓަކައި ޕެލަމޯ ޕްރޮޓޮކޯލް ފަދަ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުމާއި، އިންޓަޕޯލް އަދި ސާކްގެ ގައުމުތަކާ ގުޅިގެން މައުލޫމާތު ބަދަލުކުރުން ކުރިއަށްދެއެވެ.

މީގެ އިތުރުން އެއާޕޯޓާއި ސީޕޯޓުތަކުގައި އިންޓެލިޖެންސް ބޭސްޑް ބޯޑަރު ކޮންޓްރޯލް ގާއިމުކުރުމާއި، ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޖޮއިންޓް އޮޕަރޭޝަންތައް ހިންގައެވެ.

comment ކޮމެންޓް