ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލީޓަށް އާ ބޯޓުތައް އިތުރުކުރުމާއެކު، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މިހާރު ރާއްޖެއާ ޕާކިސްތާނާ ދެމެދު، ޝެޑިއުލް ދަތުރުތަކެއް ނޯވެއެވެ.
ދަތުރުތައް ފަށަން އުޅޭކަން ހާމަކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްވެ ހުންނަވައި ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޕީއައިއޭގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. ޕީއައިއޭގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ފްލީޓަށް އާ ބޯޓުތައް ގެނެވުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވައިގެ މަގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ޕީއައިއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސީދާ ދަތުރުތައް ފެށުމުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ވައިގެ ދަތުރުފަތުރުގެ ގުޅުން ރަނގަޅުވުމަކީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިއާއި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީއައިއޭގެ ފްލީޓު ޒަމާނީކޮށް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. މިގޮތުން، ޕާކިސްތާނުގެ މާލީ ވަޒީރު މުހައްމަދު އައުރަންގްޒޭބް ވަނީ ބޮއިންގް ގްލޯބަލްގެ ރައީސް ޑރ. ބްރެންޑަން ނެލްސަންއާއެކު ޕީއައިއޭގެ ފްލީޓު އާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި، އާ ބޯޓުތައް ހޯދުމަށް ބޮއިންގް ކުންފުނިން އިސްލާހުކޮށްފައިވާ ހުށަހެޅުމެއް ޕީއައިއޭއާ ހިއްސާކުރާނެކަން ކަށަވަރުކޮށްދީފައިވާތީ މާލީ ވަޒީރު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، އަވަހަށް ބޯޓުތައް ލިބޭނެ ގޮތްތަކާއި ވަގުތީ ގޮތުން ބޯޓުތައް ކުއްޔަށް ނެގުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުމާ ދިމާކޮށް ރާއްޖެއަށް އާ އެއާލައިންތަކަކުން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފަހު ކުއާޓަރުގައި ބައިނަލްއަގުވާމީ ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ. މީގެ ތެރޭގައި ރަޝިޔާ، ބަލްގޭރިއާ، ވިއެޓްނާމް އަދި އާމީނިއާގެ އެއާލައިންތަކުގެ އިތުރުން އިތިއޯޕިއަން އެއާލައިންސް، ފްރެންޗް ބީ އަދި ކުވައިތު އެއާވޭސް ހިމެނެއެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.49 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ކުރިއަށް އޮތް ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.