މީސްމީޑިއާގައި މިހާރު އާންމުވަމުންދާ 'ގެޓް ރެޑީ ވިތު މީ' ފަދަ ވީޑިއޯތަކުގެ ސަބަބުން، ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށްޓަކައި އެތައް މަރުހަލާތަކެއް އެކުލެވޭ އުނދަގޫ ފަރުވާތަކަށް ފުރާވަރުގެ ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ސިއްހީ ތަޖުރިބާކާރުންގެ ލަފަޔަށްވުރެ ބޮޑަށް، މިފަދަ ކަންކަމުގައި ކުދިން އިސްކަންދެނީ ސޯޝަލް މީޑިއާ އިންފްލުއެންސަރުންގެ ބަސްތަކަށެވެ. ނަމަވެސް، ފުރާވަރުގެ ޒުވާން ޢުމުރުގައި މިފަދަ ގިނަ ބާވަތްތަކާއި މަރުޙަލާތައް އެކުލެވޭ ހަމުގެ ފަރުވާއެއް ހަގީގަތުގައި ބޭނުންވޭ ހެއްޔެވެ؟
ހަމުގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރު (ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް) ޑރ. ޖޮނަތަން ކެންޓްލީ ފާހަގަކުރައްވާ ގޮތުގައި، މީސްމީޑިއާގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޙަޤީޤަތާ ޚިލާފު ރީތިކަމުގެ މިންގަނޑުތައް ކުދިންގެ ހިތްތަކުގައި އަށަގަތުމެވެ.
"އަޅުގަނޑުގެ ތަޖުރިބާގައި އެތައް ހާސް ބަލިމީހުންނެއް ބަލާފައިވާއިރު، އެއްވެސް މީހެއްގެ ކިބައިން މި ފެންނަ 'ގްލާސް ސްކިން' ނުވަތަ ބިއްލޫރިގަނޑެއްހެން ބަބުޅާ ހަމެއް ފެނިފައެއް ނެތް. މިއީ މުޅިންވެސް ފިލްޓަރުތައް ބޭނުންކޮށްގެން އުފައްދާފައިވާ ތަސްވީރުތަކެއް. މީގެ ނަތީޖާއެއްގެ ގޮތުން ކުދިންނަށް ހީވަނީ އެއީ ހާސިލުކުރެވިދާނެ ކަމެއް ކަމަށް، އެކަމަކު އެއީ ހަގީގަތެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ގިނަ މާއްދާތައް ބޭނުންކޮށްގެން ހަންގަނޑު "ގްލާސް ސްކިން" އަކަށް ހެދުމަށް ކުރާ މަސައްކަތްތައް ދަނީ އިތުރުވަމުން--ފޮޓޯ/ބީބީސީޑރ. ކެންޓްލީ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މޫނުމަތިން 'ޕޯސް' ފެންނަން ހުރުމާއި، ބްލެކްހެޑްސް، ކުދި ބިހިތައް، ހަންގަނޑުގެ ކުލަ އެއްވަރުނުވުން، ރަތްވުން އަދި ކުދި ލަކުނުތައް ހުރުމަކީ މި ޢުމުރުފުރާގެ ހަމުގެ ތަބީޢަތުން ފެންނާނެ ވަރަށް އާންމު ކަންކަމެވެ. މިއީ އާދަޔާ ޚިލާފު ކަންތައްތަކެއް ނޫނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ %80 އަށްވުރެ ބޮޑު ބަޔަކަށް ބާލިޣުވުމުގެ ދުވަސްވަރު އޮށާޅައިގެ ނުވަތަ 'އެކްނޭ' މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.
ޑާމަޓޮލޮޖިސްޓް ޑރ. ޒައިނަބް ލަފްތާ ވިދާޅުވި ގޮތުގައި، ބާލިޣުވާ ދުވަސްވަރު ދިމާވާ ގިނަ މައްސަލަތަކަކީ ހަށިގަނޑުގައި ޓެސްޓޮސްޓެރޯން ހޯމޯން އުފެދޭ މިންވަރާ ގުޅިފައިވާ ކަންކަމެވެ. މި ހޯމޯންގެ ސަބަބުން ހަމުން ތެޔޮ އުފައްދާ މިންވަރު އިތުރުވެ، އޮށާޅަ ނަގަން މެދުވެރިވެއެވެ. ފިރިހެން ކުދިންގެ ކިބައިން މިކަން ބޮޑަށް ފާހަގަކުރެވުނު ނަމަވެސް، އަންހެން ކުދިންގެ ހަށިގަނޑުގައިވެސް މި ހޯމޯން ހުރުމާއެކު މިފަދަ ޢަލާމާތްތައް ފެނެއެވެ.
"ތެޔޮ ގިނަވުމުގެ ސަބަބުންނާއި، އިސްތަށި ފަޅާ ބޯވަޅުތައް ބެދުމުގެ ސަބަބުން ބްލެކްހެޑްސް، ވައިޓްހެޑްސް އަދި ދުޅަވެފައި ހުންނަ އޮށާޅަ ނަގާ. މިއީ ވަރަށް އާދައިގެ އަދި އެކަށީގެންވާ ފަރުވާއިން ރަނގަޅުކުރެވޭނެ ކަންކަން،" ޑރ. ލަފްތާ ވިދާޅުވިއެވެ.
ހަމުގެ ބޯވަޅުތަކުގެ ތެރެއަށް ފުންކޮށް ވަދެ، މަރުވެފައިވާ ސެލްތަކާއި އިތުރުވާ ތެޔޮ ސާފުކޮށްދޭ "ސެލިސިލިކް އެސިޑް" އަކީ އޮށާޅައަށް ފައިދާހުރި މާއްދާއެކެވެ. އެހެންނަމަވެސް، ބޭނުމެއް ނެތި ނުވަތަ މިންވަރަށް ވުރެ ގިނައިން މިފަދަ މާއްދާތައް ބޭނުންކުރުމަކީ ހަންގަނޑު ހިކި، ދުޅަވެ، ހަލާކުވާން މެދުވެރިވާނެ ކަމެއް ކަމަށް ޑރ. ލަފްތާ އިންޒާރު ދެއްވައެވެ.
ފުރާވަރުގެ ކުދިންގެ ހަންގަނޑަށް ފަރުވާކުރުމުގައި، މާ ގިނަ މާއްދާތައް ބޭނުންކޮށްގެން ހަންގަނޑު ރައްކާތެރިކޮށްދޭ ބޭރު ފަށަލަ (ސްކިން ބެރިއަ) ހަލާކުވެގެންދޭ ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/ޕިންޓްރެސްޓްއޮށާޅައިގެ މައްސަލަ ބޮޑުވާނަމަ، މީސްމީޑިއާގެ ލަފާތަކަށް ބަރޯސާވުމުގެ ބަދަލުގައި، އާންމު ބަލިތަކުގެ ޑޮކްޓަރެއްގެ ނުވަތަ ހަމުގެ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޑރ. ކެންޓްލީ ބާރުއަޅުއްވައެވެ.
ފުރާވަރުގެ ކުދިންގެ ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް 5 އިރުޝާދު
1- ހަމުގެ ފަރުވާ ވީހާވެސް ސާދާކުރުން
އަސާސީ ތިން ކަމަކުން ފުދޭނެއެވެ. އެއީ ވަރަށް އާދައިގެ ފޭސް ވޮޝް ނުވަތަ ކްލެންޒަރެއް، ސެންޓު ނުވަތަ ވަސް ނުހިމެނޭ (ފްރެގްރެންސް-ފްރީ) މޮއިސްޗަރައިޒަރެއް، އަދި އެސް.ޕީ.އެފް 30 ނުވަތަ އެއަށްވުރެ މަތީގެ އަވިން ރައްކާތެރިކޮށްދޭ ސަންސްކްރީނެކެވެ.
2- ގިނަ އުފެއްދުންތައް ބޭނުންކުރުމުން ދުރުހެލިވުން
ގިނަގިނައިން އެކްސްފޯލިއޭޓް ކުރުމާއި ބާރުގަދަ ކެމިކަލް އެސިޑްތައް ބޭނުންކުރުމަކީ ޒުވާން ހަންގަނޑަށް ގެއްލުންދޭ ކަމެކެވެ. މި ޢުމުރުގައި ހަމުގެ ރައްކާތެރިކަމުގެ ފަށަލަ (ސްކިން ބެރިއަ) ދަނީ އުފެދެމުންނެވެ. ހައިޑްރޮކްސީ އެސިޑްސް އަދި ރެޓިނޮއިޑްސް ފަދަ ބާރުގަދަ މާއްދާތައް ބޭނުންކުރުމުގެ ސަބަބުން އަނގަކައިރި ރަތްވެ ހަލާކުވާ ބައްޔެއް ކަމަށްވާ "ޕެރިއޯރަލް ޑާމަޓައިޓިސް" ޖެހޭ ކުދިން އިތުރުވަމުންދާ ކަމަށް ޑރ. ކެންޓްލީ ފާހަގަކުރައްވާފައިވެއެވެ.
3- ފުރިހަމަ ނިންޖާއި ދުޅަހެޔޮ ކާނާ އިޚްތިޔާރުކުރުން
ހުދު ބަތާއި ޕާސްތާ ފަދަ ކާބޯހައިޑްރޭޓްސް ގިނަ ބާވަތްތަކާއި، ހަކުރު ގިނަ ތަކެތި ކެއުމުގެ ސަބަބުން އަދި ނިދި މަދުވުމުން، ހަށިގަނޑުގެ ކޯޓިސޯލް (ސްޓްރެސް ހޯމޯން) މަތިވެ، އޮށާޅަ ނެގުން އިތުރުވެއެވެ. ކޮންމެ މީހެއްގެ ހަށިގަނޑުގެ ތަބީއަތު ތަފާތުވުމުން، މިކަންކަމުގެ އަސަރު ފެންނަ މިންވަރުވެސް ތަފާތުވާނެއެވެ.
4- އޮށާޅަ ނުކޮއްޓުމާއި ނުފިއްތުން
އޮށާޅަ ކޮއްޓައި ފިއްތުމަކީ އޭގެ ތެރޭގައިވާ ޖަރާސީމުތައް ހަމުގެ ފުންމިނަށް ފެތުރި، ދުޅަވުން އިތުރުވެ، ދާއިމީ ލަކުނު އުފެދުމަށް މަގުފަހިވާ ކަމެކެވެ. އޮށާޅައިގައި އަތްނުލާ ހުރުމަށްޓަކައި "ޕިމްޕަލް ޕެޗް" ބޭނުންކުރުމަކީ ރަނގަޅު ހައްލެކެވެ.
5- ތަޖުރިބާކާރު ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން
ތަދުވާ ބޮޑެތި އޮށާޅަ ނަގާނަމަ ނުވަތަ ހަންގަނޑުގައި ލަކުނުލާން ފަށައިފިނަމަ، އަމިއްލައަށް ފަރުވާ ހޯދުމުގެ ބަދަލުގައި، ހަމުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން ރަނގަޅު ފަރުވާއެއް ފެށުން ވަރަށް މުހިންމެވެ.
ފިރިހެން ކުދިންގެ ހަށިގަނޑުގައި އެންޑްރޯޖަން ހޯމޯން މަތިވުމުގެ ސަބަބުން ހަންގަނޑު މާބޮޑަށް ތެޔޮވެ، އޮށާޅަ ނެގުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން ތުނބުޅި ބާލާއިރު ހަންގަނޑަށް ގެއްލުންވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ތުނބުޅި ބާލާއިރު ސަމާލުކަންދޭންވީ ކަންކަމުގެތެރޭ، ފެންވަރައިގެން ހަންގަނޑު މަޑުވެފައި ހުންނަ ވަގުތު ތުނބުޅި ބޭލުން، ޝޭވިން ބުރުހެއް ބޭނުންކުރުން، ޝޭވިން ފޯމް ނުވަތަ ޖެލް ބޭނުންކުރުން އަދި އިސްތަށި ފަޅާފައި ހުންނަ މިސްރާބަށް ބޭލުން ހިމެނެއެވެ.