ބަރުދަން ލުއިކުރާ ބޭސްތަކަކުން ލޮލުގެ ފެނުން ގެއްލޭ ކަމަށް ބުނެ އެމެރިކާގައި ދައުވާކޮށްފި

ބަރުދަން ލުއިކުރާ ބޭސްތަކެއް --

ބަރުދަން ލުއިކުރުމަށާއި ހަކުރުބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ 'ޖީއެލްޕީ-1' ގިންތީގެ ބޭސްތަކުގެ ސަބަބުން ލޮލުގެ ފެނުން އެއްކޮށް ގެއްލޭ ކަމަށް ބުނެ، އެ ބޭސްތައް އުފައްދާ ކުންފުނިތަކާ ދެކޮޅަށް އެމެރިކާގައި ގިނަ ބަޔަކު ދައުވާކޮށްފިއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮޒެމްޕިކް އަދި މައުންޖާރޯ ފަދަ މަޝްހޫރު ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ލޮލަށް ދިމާވާ ނުރައްކާތެރި ހާލަތެއް ކަމަށްވާ 'ނައިއޯން' (އެންއޭއައިއޯއެން) މެދުވެރިވާ ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ނައިއޯން ނުވަތަ 'ނޮންއާޓެރިޓިކް އެންޓީރިއާ އިސްކީމިކް އޮޕްޓިކް ނިއުރޯޕަތީ' އަކީ ލޮލުގެ ނާރުތަކަށް ލޭ ފޯރުކޮށްދިނުން ހުއްޓި، ނާރުތަކަށް ގެއްލުންވުމުގެ ސަބަބުން ކުއްލިއަކަށް ލޮލުގެ ފެނުން ގެއްލޭ ބައްޔެކެވެ. މިއީ އާންމުކޮށް ތަދުވުމަކާ ނުލައި ދިމާވާ، އަދި ފެނުން އަނބުރާ ނުލިބޭ ފަދަ ނުރައްކާތެރި ހާލަތެކެވެ.

އެމެރިކާގެ ނިއު ޖާޒީގެ ސްޓޭޓް ކޯޓަށް 2025 ވަނަ އަހަރުން ފެށިގެން ވައިޓްސް އެންޑް ލަކްޒެމްބާގް ނަމަކަށް ކިޔާ ގާނޫނީ ފާމަކުން ވަނީ ނޯވޯ ނޯޑިސްކް ކުންފުންޏާ ދެކޮޅަށް 90 އަށް ވުރެ ގިނަ ދައުވާ ހުށަހަޅާފައެވެ. މީގެ އިތުރުން، ޕެންސިލްވޭނިއާގެ ކޯޓަކަށް ހުށަހެޅި މައްސަލައެއްގައި އަންހެނަކު ބުނެފައިވަނީ، ހަކުރުބައްޔަށް ބޭސް ކެއުމަށްފަހު އޭނާއަށް ފެންނަން ފެށީ "މަސްބޯތައްޓެއްގެ" ތެރެއިން ފެންނަ ފަދަ ގޮތަކަށް ކަމަށެވެ. އަދި އޭގެ ދެ ހަފުތާ ފަހުން އޭނާއަށް ނައިއޯން ޖެހިފައިވާ ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދިން ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ.

ވެގޯވީ އަދި އޮޒެމްޕިކް އުފައްދާ ކުންފުނި ކަމަށްވާ ނޯވޯ ނޯޑިސްކްގެ ތަރުޖަމާނަކު ވޯލް ސްޓްރީޓް ޖާނަލްއަށް މައުލޫމާތު ދެމުން ބުނީ، މި ދައުވާތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި، ކުންފުނިން ކޯޓުގައި މިކަމާ ދެކޮޅަށް ވަރުގަދަޔަށް މަސައްކަތްކުރާނެ ކަމަށެވެ. ޒެޕްބައުންޑް އުފައްދާ ކުންފުނި، އީލައި ލިލީން ދައުވާތަކާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައިނުވި ނަމަވެސް، ސިއްހީ ނުރައްކާތަކާ ގުޅޭ މައުލޫމާތު ދިރާސާކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ނޯވޯ ނޯޑިސްކުން ހަރަދުކޮށްގެން ހެދި ދިރާސާއެއްގެ އިސް މުސައްނިފު އަދި އެ ކުންފުނީގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ޓީނާ ވިލްސްބޯލް ވިދާޅުވި ގޮތުގައި، ބޭހާއި ލޮލުގެ މައްސަލައާ ގުޅުމެއް ހުރި ކަމަކަށް ނުފެނެއެވެ. ނަމަވެސް، ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ބުނެފައިވަނީ ހަކުރުބަލި ހުރެގެން ޖީއެލްޕީ-1 ބޭނުންކުރާ ކޮންމެ 10،000 މީހެއްގެ ތެރެއިން އެކަކަށް މި މައްސަލަ ދިމާވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މި ބަލި ޖެހޭ މީހުންނަށް އާންމުކޮށް ބަލި ޖެހެނީ ބޭސް ކާން ފަށާތާ 6 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްގައި ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

މި މައްސަލަތަކަކީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އަހަރަކު 100 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެ ކަމަށް ލަފާކުރެވޭ ބަރުދަން ލުއިކުރާ ބޭހުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ދައުވާތައް ކުރިއަށް ދިޔަ ނަމަވެސް، މިހާތަނަށް ޖީއެލްޕީ-1 ބޭސްތަކުގައި ލޮލުގެ ފެނުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރެއް އެމެރިކާގައި ހިމަނާފައެއް ނުވެއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދަނީ 2024 ވަނަ އަހަރު ލިބުނު ރިޕޯޓުތަކަކާ ގުޅިގެން މި ބޭސްތަކާއި ލޮލުގެ މައްސަލަތަކާ ހުރި ގުޅުން އިތުރަށް ތަހުގީގުކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު