ޕްލާސްޓިކް ހޮޅި އެތެރެކުރުން އަލުން ހުއްދަކުރަން ސަރުކާރުން ނިންމާފައި ވަނީ އެކަށީގެންވާ ސަބަބުތަކެއް ހާމަކުރުމަކާ ނުލާ ކަމަށް ބުނެ، ސަރުކާރުގެ އެ ނިންމުމަކީ ތިމާވެށީގެ ރޮނގުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ކުރާ މަސައްކަތަށް ކުރާ ގޯނާއެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީން މިއަދު ސިފަކޮށްފިއެވެ.
ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން އަލުން ހުއްދަކޮށް އެއް ލީޓަރާއި ބައި ލީޓަރާ ދެމެދުގެ ފުޅި މަނާކުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ފަސްކުރެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، އެ ޕާޓީގެ ދެވަނަ ސަރުކާރުގައި 2020ވަނަ އަހަރު ތައާރަފުކުރި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ސިޔާސަތުގެ ދަށުން ޕްލާސްޓިކް ހޮޅި ހިމެނޭހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބައެއް ބާވަތްތައް އެތެރެކުރުން މަނާކުރުމަށް އަމަލުކުރަން 2021 ވަނަ އަހަރުގެ ޖޫން މަހު ފަށައި، އެ ސިޔާސަތު ތަންފީޒުކުރަމުންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކޮށްފައެވެ.
އެ ސިޔާސަތާއެކު ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި އާންމު ތަންތަނުން ޕްލާސްޓިކު ކުނިބުނި ފެންނަ މިންވަރު ވެސް ކުޑަވެފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ނިންމި ނިންމުމަކީ އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން ތަންފީޒުކޮށް އެކަމަށް އާދަވެފައިވާ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސައިލުން ކަމަށް އެމްޑީޕީން ވަނީ ސިފަކޮށްފައެވެ ސަރުކާރުން މިގޮތަށް އެކަށީގެންވާ ސަބަބެއްނެތި ސިޔާސަތުތައް ބަދަލުކުރުމުގެ ސަބަބުން ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ފިހާރައެއްގައި މީހަކު ޕްލާސްޓިކް ކޮތަޅެއް ހިފައިގެން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙުސައިންމީގެ އިތުރުން އެމްޑީޕީން ބުނީ، ޕްލާސްޓިކް ހޮޅިއާއި ފުޅި އެތެރެކުރުން ހުއްދަކޮށް 2031ވަނަ އަހަރުގެ ނިޔަލަށް އެ ތަކެތި ހުއްދަކުރި މުއްދަތު އިތުރުކުރަންޖެހުނު ސަބަބު ސާބިތުކޮށްދޭނެ އެކަށީގެންވާ އެއްވެސް ސަބަބެއް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށެވެ.
އެމްޑީޕީން ބުނީ، ތިމާވެއްޓާ ގުޅޭގޮތުން ރާއްޖޭން ވެފައިވާ ވައުދުތައް ތަކުރާރުކޮށް ފަސްކުރުމަކީ މުސްތަގުބަލުގައި ތިމާވެށީގެ ގަވާއިދުތަކަށް ބޯލެނބުމަށް ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ތިމާވެށީގެ ރޮނގުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ކުރާ މަސައްކަތަށް ސަރުކާރުން ކުރާ ގޯނާއެއް ކަމަށާއި ރާއްޖޭގެ ވެށީގެ ދުޅަހެޔޮކަމަށް ކުރާ ފުރައްސާރައެއް ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.
އެ ބަޔާނުގައި ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ އަޒުމުގައި ނަމޫނާ ދައްކާ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން އަދާކުރަމުންދިޔަ ދައުރު އަލުން އަދާކުރަން ފަށަން ޖެހޭ ކަމަށެވެ.
އެހެންކަމުން ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކު މަދުކުރުމުގެ ސިޔާސަތަށް އަލުން އަމަލުކުރަން ފަށައި އެ ސިޔާސަތު ހަރުދަނާކުރާނެ ކަމަށް އެ ޕާޓީން ވަނީ ވައުދުވެފައެވެ.
އެމްޑީޕީން ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު މަދުކުރުމުގެ ސިޔާސަތަށް ފުރިހަމައަށް އަމަލުކުރުމަށް ވެސް ސަރުކާރަށް ގޮވައިލައިފައެވެ.
ރާއްޖެއަކީ އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ގިނަގިނައިން ބޭނުންކުރާ، އެފަދަ ކުނި އިތުރުވުމުގެ މައްސަލަ ބޮޑުވެފައިވާ ގައުމެކެވެ.
މިދިޔަ މަހު ސަރުކާރުން ވަނީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓައިލާފައެވެ. އެހެން ހެދުމުން ހޯލްސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ދެން ނުނަގާނެއެވެ. ނަމަވެސް އެހެން ހެދުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް، ކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ބިލުގައި ފާހަގަކޮށްފައިވެއެވެ.