ދިވެހިބަސް ބޭނުންކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި

ދިވެހިބަހުގެ އެކަޑަމީ: ދިވެހިބަސް ބޭނުންކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ދިވެހިބަހުގެ އެކަޑަމީއިން އިލްތިމާސްކޮށްފި --- ސަން ފޮޓޯ

ދިވެހިބަސް ބޭނުންކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ދިވެހި ބަހުގެ އެކަޑަމީއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ދިވެހިބަހުގެ އެކަޑަމީއިން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ވަނީ، ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަސް ކަމަށްވުމުން ދައުލަތުގެ ރަސްމީ އެންމެހައި މުއާމަލާތުތައް ކުރަންވާނީ ދިވެހިބަހުންކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އޮފީސްތަކާއި އިދާރާތަކާއި ތަންތަނަށް ނަން ކިޔުމުގަޔާއި ނަން ބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަންދޭންވާނެ ކަމަށް އެކަޑަމީއިން ވަނީ ބުނެފައެވެ.

އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެތަނަކަށް ކިޔާ ނަން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން އެއާ އެއްގޮތަށް އަމަލުކުރުމަކީ ލާޒިމް ކަމެއް ކަމަށް އެކަޑަމީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކަޑަމީއިން ވަނީ ގާނޫނެއްގައި ވަކިގޮތަކަށް އަމަލުކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ވާނަމަ އެ ގާނޫނަށް އަމަލުކުރަން ޖެހޭނެކަމަށް އެކަޑަމީއިން ވަނީ ބުނެފައެވެ.

ނަމަވެސް އެއާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ގާނޫނޫއަސާސީގެ ރޫހާ އެއްގޮތަށް ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް ދިވެހިބަހުގެ އެކަޑަމީއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް