ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އަނެއްކާވެސް އަންގައިފި

އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރަށް ހިންގުން އިތުރުވާތީ ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި ސާފުތާހިރުކަމަށް އިސްކަންދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަނެއްކާ ވެސް އަންގައިފިއެވެ.

އެ އެޖެންސީން މިކަމަށް އިލްތިމާސްކޮށްފައިވަނީ، މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ އެކަމަށް އާންމުންގެ ސަމާލުކަން ގެނައުމަށް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައެވެ. މިއީ މި ބައްޔާ ގުޅިގެން މި މަހުގެ ތެރޭގައި އެޗްޕީއޭއިން އާންމުންނަށް ސަމާލުވުމަށް އެންގި ދެވަނަ ފަހަރެވެ.

ބޭރަށް ހިންގާނަމަ ގޭގައި ދެވިދާނެ ފަރުވާތަކާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިދާނެ މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ ތަފްސީލުކޮށްދީފައެވެ. އެގޮތުން، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ލޮނުޕެކެޓާއި، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް ވަނީ އިރުޝާދުދީފައެވެ.

މީގެ އިތުރުން، އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން، ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެ އެޖެންސީން ބުނެފައިވެއެވެ. އަދި ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަކީ ވެސް ބަލި ފެތުރުން ކުޑަކުރުމަށް މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލީގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިވަރުން ސްކޫލަށް ނުފޮނުވުމަށާއި، މުވައްޒަފުން ވަޒީފާއަށް ނުނިކުމެ ގޭގައި އަރާމުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ގޭގައި ފަރުވާކުރި ނަމަވެސް، ބަލީގެ ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ޑޮކްޓަރަށް ދައްކަންޖެހޭ އަލާމާތްތަކުގެ ތެރޭގައި، މާ ބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވުމާއި، އާދަޔާ ހިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމުގެ އިތުރުން ގިނަގިނައިން ހޮޑުލެވުން ހިމެނޭ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، މި މަހުގެ ހަ ވަނަ ދުވަހު ވެސް އެޗްޕީއޭއިން ވަނީ މިފަދަ އިލްތިމާސެއް ކޮށްފައެވެ. އާންމުގޮތެއްގައި ސްކޫލު ބަންދު ދުވަސްވަރާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި މިފަދަ ބަލިތައް ފެތުރޭ މިންވަރު އިތުރުވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް މީގެ ކުރިން އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް