ވޮޝިންޓަން (22 ސެޕްޓެމްބަރު 2026) : ދުނިޔޭގެ މާލީ ނިޒާމުގެ އަސާސްތައް ބިނާކޮށްފައިވަނީ ހަމައެކަނި މުއްސަނދި ގައުމުތަކުގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ކަމަށާއި، އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިތައް ބަހާލާފައިވާ ގޮތް ވެސް ޒަމާނާ އެއްގޮތަށް އިސްލާހުކޮށް ސަލާމަތީ މަޖިލީހުން އެފްރިކާގެ ގައުމުތަކަށް ދާއިމީ ގޮނޑިއެއް ދޭންޖެހޭ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުންތައް ފެށެން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، އދ. ގެ ކަންކަން އިސްލާހުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން ގުޓެރޭސް ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ ނިޒާމު ބައްޓަންކޮށްފައިވަނީ މާލީ ގޮތުންނާއި ސިޔާސީ ގޮތުން ވަކި ގައުމުތަކަކަށް ޚާއްސަ ފައިދާތަކެއް ނެގޭގޮތަށް ކަމަށާއި، މިކަން ޒަމާނާ އެއްގޮތަށް ބަދަލުކޮށް އިސްލާހު ގެންނަން ޖެހޭކަމުގައެވެ.
މި ބަދަލުގެ ތެރެއިން އދ. ގެ ސަލާމަތީ މަޖިލީހުގެ ކޮމްޕޮޒިޝަން ބަދަލުވާފަދަ އިސްލާހުތައް ގެނައުމާއި، އައިއެމްއެފް އަދި ވޯލްޑް ބޭންކަށްވެސް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމުގައެވެ. ދުނިޔޭގައި އެންމެ ނިކަމެތިކޮށް އުޅެންޖެހިފައިވާ މީހުންގެ ނިސްބަތް އެންމެ ގިނައީ އެފްރިކާގައިކަން ފާހަގަކުރައްވަމުން، އެފްރިކާއަކީ ހުޅަނގުގެ އިސްތިއުމާރުގެ ގެއްލުން އެންމެ ބޮޑަށް ލިބުނު ބައްރުކަން ފާހަގަކުރެއްވިއެވެ.
ފަގީރު ގައުމުތަކުގެ ބޭނުންތައް ހާސިލުވާގޮތަށް އައިއެމްއެފް އަދި ވޯލްޑް ބޭންކަށް އިސްލާހުތައް ނުގެނެސްފިނަމަ، އެ ދެ މުއައްސަސާގެ ދައުރު ހަނިވެ އެނޫން ބޭންކުތަކުގެ ދައުރު ފުޅާވެގެންދާނެ ކަމަށާއި، މިހާރުވެސް އެ މަންޒަރު ފެންނަން ފަށައިފިކަމަށް ގުޓެރޭސް ވިދާޅުވިއެވެ. އައިއެމްއެފް އަދި ވޯލްޑް ބޭންކަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ނުފޫޒުގެ ދަށުގައިވާ މާލީ ދެ މުއައްސަސާއެވެ. އެ ދެ މުއައްސަސާއިން ލޯނު ހޯދުމަށް ދަތިކަމުން، ފަގީރު ގައުމުތަކުން އެ ގައުމުތަކުގެ ތަރައްގީގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ލޯނު ހޯދަމުން ގެންދަނީ ޗައިނާގެ އެގްޒިމް ބޭންކާއި، ޗައިނާ އިސްވެ އޮވެގެން އުފައްދާފައިވާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އަދި އިންޑިއާގެ އެގްޒިމް ބޭންކް ފަދަ ބޭންކުތަކުންނެވެ. ބްރިކްސް ބޭންކްވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން އިސްލާމިކް ބޭންކާއި، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި، ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުގެ ފަންޑުތަކަކީވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށް ފަސޭހައިން ލޯނު ލިބޭ މާލީ މުއައްސަސާތަކެވެ. ގުޓެރޭސް ވިދާޅުވި ގޮތުގައި މުއްސަނދިންނަށް އަމާޒުކޮށް އުފައްދާފައިވާ ބައިނަލްއަގުވާމީ މާލީ ނިޒާމު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާގޮތަށް ބަދަލުކުރަންޖެހޭ ކަމުގައެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ނުސީދާ ގޮތެއްގައި އިޝާރާތްކުރައްވައި ގުޓެރޭސް ވިދާޅުވީ، މުއްސަނދި ގައުމުތަކުގެ ވިސްނުން އަދިވެސް ހުރީ ފަގީރު ގައުމުތަކުގައިވާ ގުދުރަތީ ވަސީލަތްތަކާއި ނާދިރު މައުދަންތައް ފަދަ ތަކެތި ނުއަގުގައި ހޯދުމުގެ މައްޗަށެވެ. އެ މައުދަންތަކާއި ވަސީލަތްތައް އެ ގައުމުތަކުގައި އިންވެސްޓްކޮށްދީގެން އެ ގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހިކޮށްދޭ ގޮތަކަށް ނޫނެވެ.
މިގޮތުން އެފްރިކާގެ ގައުމުތަކުގައިވާ ވަސީލަތްތަކާއި ނާދިރު މައުދަންތައް އެ ގައުމުތަކުން ބޭރަށް ގެންދިއުމުގެ ބަދަލުގައި، އެތަކެތި އިންވެސްޓްކޮށްގެން އެ ގައުމުތަކުގެ އެތެރޭގައި ކާރުޚާނާތައް ގާއިމުކޮށް، ވަޒީފާތަކާއި ފުރުސަތުތައް އުފައްދައިގެން މެނުވީ ފަގީރު ގައުމުތަކުގެ ހާލަތު ރަނގަޅު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ގުޓެރޭސްގެ ވާހަކަފުޅުގައި އެފްރިކާގެ ގައުމުތައް ހޯދާ ކާމިޔާބީތައްވެސް ގުޓެރޭސް ފާހަގަކުރެއްވިއެވެ.
މިގޮތުން ކެންޔާގައި އުފައްދާ ކަރަންޓުގެ 90 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ އެއްޗަކަށް ހަދާފައިވުމާއި، އިތިއޯޕިއާއިން ދަނޑުވެރިކަން ފުޅާކޮށް އެތައް މިލިއަން ބަޔަކަށް ވަޒީފާ ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާއި، އަދި ރުވާންޑާއިން މަދަނީ ބޭނުންތަކަށް ޑްރޯންގެ ޚިދުމަތް ފުޅާކުރުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ.