އޭޝިއަން ގޭމްސް: 400 މީޓަރު އިންޑިވިޖުއަލް މެޑްލޭގައި ރިހާން ގައުމީ ރިކޯޑު އައުކޮށްފި

އޭޝިއަން ގޭމްސް 2026 ގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ރާއްޖޭގެ މުޙައްމަދު ރިހާން ޝިހާމް-- ފޮޓޯ: އެމްއޯސީ

ޖަޕާނުގެ އައިޗީ-ނަގޯޔާ ގައި ކުރިއަށްދާ އޭޝިއަން ގޭމްސް 2026 ގެ ފެތުމުގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ދިވެހި ޓީމުގެ މުޙައްމަދު ރިހާން ޝިހާމް ގައުމީ ރިކޯޑް އައުކޮށްފިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ ޓޯކިޔޯ އެކުއަޓިކް ސެންޓަރުގައި މިއަދު ބޭއްވި ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓުގައި ރިހާން ރިކޯޑް އައުކުރީ، 5 މިނިޓް 06.92 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިން ފެތުންތެރިން ވާދަކުރި މި ހީޓު ރިހާން ވަނީ ވާދަކުރި އިވެންޓުގެ ދެވަނަ ހޯދާފައެވެ.

އޭޝިއަން ގޭމްސް 2026 ގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ރާއްޖޭގެ މުޙައްމަދު ރިހާން ޝިހާމް-- ފޮޓޯ: އެމްއޯސީ

މީގެ ކުރިންވެސް މި ރެކޯޑު އޮތީ ރިހާންގެ އަތުގައެވެ. އެއީ މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި 5 މިނިޓް 09.68 ސިކުންތުން ރޭސް ނިންމައިގެންނެވެ. އިންޑިވިޖުއަލް މެޑްލީގެ އިތުރުން ދިވެހި ފެތުންތެރިން މިއަދު ވާދަކުރީ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އަދި އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކްގައެވެ.

އަންހެނުންގެ 100 މީޓަރު ފްރީސްޓައިލްގައި ވާދަކުރި މެރާލް އައިން ލަތީފް ރޭސް ނިންމީ އެއް މިނިޓް 04.37 ސިކުންތުންނެވެ. އަދި އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކްގައި ވާދަކުރި މަލައިކާލިންޑާ ޢިމްރާން ރޭސް ނިންމީ ދެ މިނިޓް 55.31 ސިކުންތުންނެވެ.

އޭޝިއަން ގޭމްސް 2026 ގެ އަންހެނުންގެ ފެތުމުގެ އިވެންޓެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

މާދަމާވެސް އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް، އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް، އަދި 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭގައި ދިވެހި ފެތުންތެރިން ފަތާނެއެވެ.

comment ކޮމެންޓް