ސަން ޕޯލް: ވަކިވަކި އިންޝުއަރެންސް ދޭކަށް ތާއީދެއް ނުކުރޭ، އެންމެންނަށް ވެސް ދޭންވީ އާސަންދަ!

ދައުލަތުގެ އެކި ވަޒީފާތަކަށް ޚާއްސަކޮށްގެން ވަކި ހެލްތު އިންޝުއަރެންސް ނިޒާމުތަކެއް ހިންގުމުގެ ބަދަލުގައި، ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާ އެކު އާސަންދަ ދިނުމަށް ގިނަ ބަޔަކު ތާއީދުކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ، ދައުލަތުގެ އެކި ވަޒީފާތަކަށް ހާއްސަ ހެލްތު އިންޝުއަރެންސް ނިޒާމެއް އޮންނަން ޖެހޭތޯ ބެލުމަށް "ސަން އޮންލައިން" އިން މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ޕޯލްގެ ނަތީޖާއިންނެވެ. މި ޕޯލްގައި އާންމުންގެ ގިނަ ބަޔަކު ވަނީ އެ މީހުންގެ ހިޔާލު ފާޅުކޮށް، ދައުލަތުގެ ޚަރަދުގައި ވަކި ބަޔަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމާ މެދު ދެކޭ ގޮތް ހާމަކޮށްފައެވެ.

މި ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން، ނުވަތަ 42 އިންސައްތަ މީހުން ވޯޓު ދީފައިވަނީ "އެންމެންނަށް ވެސް ދޭންވީ އާސަންދަ" މި އިހުތިޔާރަށެވެ. ދައުލަތުގެ ވަކި ވަޒީފާތަކަށް ޚާއްސަ އިންޝުއަރެންސް ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް 36.5 އިންސައްތަ މީހުން ވޯޓު ދީފައިވާއިރު، އެފަދަ ނިޒާމެއް އޮންނަން ނުޖެހޭ ކަމަށް 21.5 އިންސައްތަ މީހުން ވަނީ ވޯޓު ދީފައެވެ.

މި ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ބަޔަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށް ވުރެ، މުޅި ނިޒާމު އެއްގޮތް ކުރުމަށް އާންމުންގެ ބޮޑު ބައެއް ތާއީދުކުރެއެވެ. ޕޯލްގެ ނަތީޖާއިން ފެންނަ ގޮތުގައި، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ނުގެންގުޅުމަށް ގިނަ ބަޔަކު އެދެއެވެ. އަދި ޚާއްސަ އިންޝުއަރެންސް އޮންނަން ނުޖެހޭ ކަމަށް ބުނި މީހުންނާއި، އެންމެންނަށް އާސަންދަ ދިނުމަށް ތާއީދުކުރި މީހުން އެއްކޮށްލުމުން، 63.5 އިންސައްތަ މީހުން މިހާރު އޮތް ވަކިވަކި އިންޝުއަރެންސް ނިޒާމުތަކާ ދެކޮޅުކަން ހާމަވެއެވެ.

ހުރިހާ ދިވެހި ރައްޔިތުންނަށް ދޭ އާސަންދައިގެ އިންޝުއަރެންސް މިހާރު ވެސް ދައުލަތުން ފޯރުކޮށްދެމުން އަންނައިރު، އޭގެ އިތުރުން ވެސް ވަކި ވަކި ވަޒީފާތަކަށް ޚާއްސަ، އެއްވެސް ލިމިޓެއް ނެތް އިންޝުއަރެންސް ޕެކޭޖުތަކެއް ދައުލަތުން ޚަރަދުކޮށްގެން ރާއްޖޭގައި ހިންގައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ އިތުރުން އެ މީހުންގެ އާއިލާތަކަށް ދޭ އިންޝުއަރެންސް ހިމެނެއެވެ. މި ޚާއްސަ އިންޝުއަރެންސްތަކުގެ އިތުރުން، އެ ފަރާތްތަކަށް އާސަންދަ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީ ވެސް ލިބެމުންދާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން، ދައުލަތުގެ ބަޖެޓުން އެއް ބަޔަކަށް ސިއްހީ ފަރުވާގެ ގޮތުގައި ދެ ފަހަރަށް ހަރަދުކުރަން ޖެހޭކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި ވަނީ އުފެދިފައެވެ. ޚާއްސަކޮށް، މަޖިލިސް މެންބަރުންނަށް ދޭ އިންޝުއަރެންސްގައި އެއްވެސް ލިމިޓެއް ނެތުމާއި، ރާއްޖެއިން ބޭރުގެ އަގުބޮޑު ހޮސްޕިޓަލުތަކުން ފަރުވާ ހޯދޭގޮތަށް އޮތުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަމުން އަންނަ އާސަންދަ ނިޒާމަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ދިމާވެފައެވެ. ފާއިތުވި އަހަރުތަކުގައި އާސަންދައަށް ކަނޑައަޅާ ބަޖެޓަށް ވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުވެފައިވާއިރު، މި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ސިއްހީ ފަރުވާއަށް ދޭ ސަބްސިޑީތައް މުރާޖައާކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. މި ބަދަލުތަކާ އެކު، ދައުލަތުގެ އެކި މުއައްސަސާތަކަށް ދޭ ޚާއްސަ އިންޝުއަރެންސްތައް ވެސް މުރާޖައާކުރުމަށް އާންމުންގެ ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް