އީގަލް ހިލްސްއިން ރަސްމާލެ މަޝްރޫއު ދެ މަސްތެރޭ ފަށައި، 5،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރު ފަށާނެ: ޒަރީރު

އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުން: އީގަލް ހިލްސްއިން އަޅައިދޭ 5،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭ ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ އީގަލް ހިލްސް

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސްއިން ރަސްމާލޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއު ކުރިއަށް އޮތް ދެ މަސް ތެރޭ ފަށައި، އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 5،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރުން ހިމެނޭހެން ހިންގާ މި މަޝްރޫއު ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އީގަލް ހިލްސްގެ ޚަރަދުގައި 5،000 ފުލެޓު އަޅަން އެއްބަސްވެފައިވާ ކަމަށެވެ.

އީގަލް ހިލްސް ކުންފުނިން އެ ފުލެޓުތައް އަޅަން 500 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

"ދެން އެކަން އަޅުގަނޑުމެންނަށް ފެށޭނެ ކަމަށް މި ގަބޫލުކުރެވެނީ މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، އެހެންވީމާ ވަރަށް އަވަހަށް 2027ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި އަޅުގަނޑުމެންނަށް މި 5،000 ޔުނިޓު ޑިވެލޮޕްކުރަން ފަށައިގަނެވޭނެ،" ޒަރީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި 5،000 ފުލެޓުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އީގަލް ހިލްސް ކުންފުނިންނެވެ.

މިނިސްޓަރު ޙަސަން ޒަރީރު: ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރާ 5،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރުން ހިމެނޭހެން ތާރީޚީ ބޮޑު މަޝްރޫއެއް ހިންގުމަށް، އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ މެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި މުނިފޫހިފިލުވުމާއި ވެލްނެސް ސެންޓަރުތައް ތަރައްގީކުރަން ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ.

މި މަޝްރޫއު ކުރިއަށް އޮތް ދެ މަހުގެ ތެރޭ ރަސްމީކޮށް އިފްތިތާހުކުރައްވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

https://sun.mv/227817

ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މާސްޓަޕްލޭންގައި 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މިއީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ބުނެއެވެ.

އީގަލް ހިލްސްއިން މިހާރު ވެސް ދަނީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއު އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް ތަރައްގީކުރަމުންނެވެ.

comment ކޮމެންޓް