އެޕަލް ކުންފުނިން ނެރުމަށް ތައްޔާރުވަމުންދާ އައިފޯންގެ 20 ވަނަ އަހަރީ މޮޑެލް ނުވަތަ "އައިފޯން 20 ޕްރޯ" ސީރީޒްގައި، މިހާރު ބޭނުންކުރަމުންދާ "ޑައިނަމިކް އައިލެންޑް" ގެ ބަދަލުގައި، ހަތަރު ފަރާތް ލެނބިފައިވާ "ކުއަޑް-ކާވްޑް" ބޯޑަރު ނެތް ޑިސްޕްލޭއަކާއެކު ޕަންޗް-ހޯލް ކެމެރާ ކަޓްއައުޓެއް ބޭނުންކުރުމުގެ އިބްތިދާއީ ޓެސްޓްތައް ކުރަމުންދާކަމަށް ލީކުވި މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
ޗައިނާގެ ވީބޯ މީޑިއާގައި މަޝްހޫރު ލީކްސް ހާމަކުރާ "ޑިޖިޓަލް ޗެޓް ސްޓޭޝަން" އިން ހާމަކޮށްފައިވާ ގޮތުގައި، އެޕަލްއިން ދަނީ މި އައު ސީރީޒްގެ ސްކްރީން ސައިޒްތަކާއި ރެޒޮލިއުޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޓެސްޓްކުރަމުންނެވެ.
މިގޮތުން ޓެސްޓް ކުރެވެމުންދާ އައިފޯން 20 ޕްރޯގައި ހިމެނެނީ 2686x1236 ޕިކްސެލްގެ ރެޒޮލިއުޝަން ހުރި 6.41 އިންޗީގެ ސްކްރީނެކެވެ. އަދި އައިފޯން 20 ޕްރޯ މެކްސްގައި ހިމެނެނީ 2912x1340 ޕިކްސެލްގެ ރެޒޮލިއުޝަން ހުރި 6.96 އިންޗީގެ ޑިސްޕްލޭއެކެވެ. މިއީ މިހާރު މާކެޓުގައި ހުރި އައިފޯން 18 ޕްރޯގެ 6.3 އިންޗީގެ (2622x1206 ޕިކްސެލް) ސްކްރީނާއި، އައިފޯން 18 ޕްރޯ މެކްސްގެ 6.9 އިންޗީގެ (2868x1320 ޕިކްސެލް) ސްކްރީނަށްވުރެ ކުޑަކޮށް ބޮޑު ސައިޒުތަކެކެވެ. ނަމަވެސް، އައު ޑިސްޕްލޭތަކުގައިވެސް މިހާރުގެ މޮޑެލްތަކެކޭ އެއްގޮތަށް އިންޗިއަކަށް 460 ޕިކްސެލްގެ ޑެންސިޓީ ހިފެހެއްޓޭނެކަމަށް ބެލެވެއެވެ.
މިހާރުގެ ޕްރޯ މޮޑެލްތަކުގައި ބޭނުންކުރާ ޑައިނަމިކް އައިލެންޑަކީ އެއްފަހަރާ ތިން "ލައިވް އެކްޓިވިޓީ" ދެއްކުމުގެ ގާބިލުކަން ލިބިފައިވާ ފީޗާއެކެވެ. ނަމަވެސް އައު ފޯނުގައި ބޯޑަރު ނެތް ޑިސްޕްލޭއަކާއެކު ޕަންޗް-ހޯލް ކަޓްއައުޓެއް ބޭނުންކުރުމަށް ޓެސްޓް ކުރަމުންދާއިރު، މިއަހަރުގެ ކުރީކޮޅު ލީކުވި ރެންޑާ ވީޑިއޯއަކުން ދައްކާގޮތުގައި ސްކްރީނުގައި އެއްވެސް ކަޓްއައުޓެއް ނުއިންނަގޮތަށް، ފްރަންޓް ކެމެރާއާއި ފޭސް އައިޑީ ހާޑްވެއާ ސްކްރީންގެ އަޑީގައި (އަންޑަ-ޑިސްޕްލޭ) ހިމެނުމުގެ މަސައްކަތްވެސް އެޕަލްއިން ދަނީ ކުރަމުންނެވެ.
އެޕަލްއިން ސެމްސަންގާއެކު ގުޅިގެން ހަތަރު ފަރާތް ލެނބިފައިވާ، އަދި ޕޯލަރައިޒާ ލޭޔަރެއް ނުހިމެނޭ ހާއްސަ ޑިސްޕްލޭއެއް ތަރައްގީކުރަމުންދާއިރު، ސްކްރީންގެ ލެނބުން ހުންނާނެ މިންވަރު ކަނޑައެޅުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ. މީގެއިތުރުން، ލެނބިފައިވާ ދާރަތަކުން އަލިކަން (ބްރައިޓްނެސް) މަޑުވުމުގެ މައްސަލަ ހައްލުކުރުމަށް އެޕަލްއިން ދަނީ ސެމްސަންގާއި އެލްޖީއާއެކު މަސައްކަތް ކުރަމުންނެވެ. މިއިން އެނގެނީ މި ޑިސްޕްލޭގެ ޑިޒައިނަށް އަދިވެސް އިތުރު ބަދަލުތައް އަންނަމުންދާ ކަމެވެ.
މި އައު ފޯނު ނެރުމަށް ހަމަޖެހިފައިވަނީ އަސްލު އައިފޯން ތައާރަފްކުރިތާ 20 އަހަރު ފުރުމާ ދިމާކޮށް 2027 ވަނަ އަހަރުއެވެ. މައުލޫމާތު ހާމަކުރި ފަރާތުން ބުނެފައިވާ ގޮތުގައި އެޕަލްއިން ވަނީ 2027 ގެ އައިފޯން ލައިނަޕްގެ މޯލްޑިން މަސައްކަތްތައް ފަށާފައެވެ. އަދި މިހާރު ވަގުތީ ނަމެއްގެ ގޮތުގައި "އައިފޯން 19" ބޭނުންކުރި ނަމަވެސް، 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި މޮޑެލްއަށް ތަފާތު ޚާއްޞަ ނަމެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެޕަލްއިން މި މައުލޫމާތުތައް ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާތީ، ފޯނު ނެރުމުގެ ކުރިން މިއިން ކޮންމެ މައުލޫމާތަކަށްވެސް ބަދަލު އައުން އެކަށީގެންވެއެވެ.