އީގަލް ހިލްސްގެ ޗެއާމަން: "ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ފައިދާވާނެ، ފުރިހަމަ މަސައްކަތެއް ކޮށްދޭނަން"

އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު: ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ފައިދާވާނެ، ފުރިހަމަ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ އީގަލް ހިލްސް

ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ހަވާލުވެފައިވާ، ޔޫއޭއީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި އީގަލް ހިލްސްއިން ރާއްޖޭގެ އިގުތިސާދަށާއި ރައްޔިތުންނަށް ފައިދާވާނެ، ފުރިހަމަ މަސައްކަތެއް ކޮށްދޭނެ ކަމަށް އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލާއްބާރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކުރިއަށްގެންދާ ރަސްމާލޭގައި އީގަލް ހިލްސްއިން އިންވެސްޓް ކުރުމަށް މިއަދު ވަނީ ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އަލާއްބާރު ވިދާޅުވީ، ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެންމެންގެ ނަޒަރުގައި ވެސް ދިވެހިރާއްޖެއަކީ ރީތި ހުވަފެނެއް ފަދަ ތަނެކެވެ. އަދި ދުނިޔޭގައި އޮތީ އެންމެ ރާއްޖެއެއް ކަމަށްވުމުން، ރާއްޖެއިން މަޝްވަރާކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމާއެކު އެކަމަށް ވަގުތުން އިޖާބަދެއްވި ކަމަށް އަލާއްބާރު ވިދާޅުވިއެވެ. އަދި ރާއްޖެއިން އިތުބާރުކޮށް މިފަދަ ފުރުސަތެއް ދިނުމުން، އެ މަސައްކަތް އެންމެ ފުރިހަމައަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ/ އީގަލް ހިލްސް

އަލާއްބާރު ވިދާޅުވީ، ވިޔަފާރީގެ އިތުރުން ރާއްޖޭގެ އިގްތިސާދަށާއި މުޖުތަމައަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދިނުމަކީ އޭނާގެ ހިތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، މުސްލިމެއްގެ ހައިސިއްޔަތުން މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ 30 އަހަރުގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، މަސައްކަތުގައި ގޯހެއް ހެދިއްޖެނަމަ އެކަން ގަބޫލުކޮށް މާފަށް އެދުމަކީ އެ ކުންފުނީގެ ސިޔާސަތު ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި ހެދުނު ގޯސްތަކުން ގިނަ ފިލާވަޅުތަކެއް ދަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މީގެ ކުރިން ހެދިފައިވާ ގޯސްތައް ކުރިއަށް އޮތް ތަނުގައި މަދުކޮށް، ދަސްވި ތަޖުރިބާގެ އަލީގައި ތިމާވެއްޓާއި މުޖުތަމައު ރައްކާތެރިކޮށް، ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް އުފައްދައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަލާއްބާރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުން ކަންކަން ދަސްކުރި ނަމަވެސް، އީގަލް ހިލްސްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހިތުގެ އިޚްލާސްތެރިކަމާއެކު މުޖުތަމައުގެ ފައިދާއަށް އިސްކަންދީގެން ކަމަށެވެ. އަދި މި މަސައްކަތްތަކުގައި އޭނާ އަމިއްލަފުޅަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، މޮޅު ޓީމަކާއެކު އެންމެ ފުރިހަމަ ނަތީޖާ ނެރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން: އީގަލް ހިލްސްއިން ރަސްމާލޭގައި 20 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ވަނީ އެއްބަސްވެފައި --- ފޮޓޯ: އެމްއޭސީއެލް

އީގަލް ހިލްސްއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާކެޓުތަކުގައި ބޮޑެތި، އެކި ބޭނުންތަކަށް ޚާއްސަ މަންޒިލްތައް ތަރައްގީކުރުމަށް އަމާޒުކޮށްގެން ހިންގާ އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. އެ ކުންފުނީގެ މަޝްރޫއުތަކުގައި އާންމުގޮތެއްގައި މީހުން ދިރިއުޅޭ ގޯތިގެދޮރާއި، ހޮޓާތަކާއި، ފިހާރަތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި އާންމު މައިދާންތައް ހިމެނެއެވެ.

ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ މަޝްރޫއުތައް ތިން ބައްރަކަށް ފެތުރިފައިވާއިރު، 20 ގައުމެއްގައި ކުންފުނީގެ ހަރަކާތްތައް ހިންގައެވެ. އަދި ކުންފުނީގެ ޕޯޓްފޯލިއޯގެ އަގު 40 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާކަމަށް ވެސް ބައެއް މަޝްރޫއުތަކުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/227817

ރާއްޖޭގައި އެ ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ކުރިއަށްގެންދާނީ ރަސްމާލޭގައި ހިއްކާފައިވާ 500 ހެކްޓަރުގެ ބިމުގައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގައި ބައިނަލްއަގުވާމީ ހޮޓާތަކާއި ރިސޯޓުތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ބޮޑު މެރީނާއެއް ހިމެނޭނެއެވެ. އެ މަޝްރޫއާއެކު ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު ދެ ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވަނީ، އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅައިދޭނެކަން ވެސް ހާމަކުރައްވައިފައެވެ.

comment ކޮމެންޓް