އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލާމެދު ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ބޭރުގެ ޓުއާ އޮޕަރޭޓަރުން ދައުލަތުގެ ޓެކްސް އިދާރާ މީރާގައި ދަފުތަރުވާން މިއަދު ހުޅުވައިލައިފިއެވެ.
މީރާއިން ބުނީ، އިންބައުންޑް ޓޫރިޒަމްގެ ޚިދުމަތްތައް ދޭ ނަމަ، ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން މީރާގައި މިހާރު ދަފުތަރުވާން ޖެހޭނެ ކަމަށެވެ.
މީރާގައި ދަފުތަރުވުމަށްޓަކައި އޮންލައިންކޮށް ފުރަންޖެހޭ ފޯމުގައި ވިޔަފާރީގެ ހުއްދަ ހިމެނުމަށް އެ އިދާރާއިން އެދެއެވެ. އޭގެ އިތުރުން އެހެނިހެން ބަސްބަހުން ދޫކޮށްފައި ހުންނަ ލިޔެކިއުންތައް އިނގިރޭސިބަހަށް ތަރުޖަމާކުރުމަށް ފަހު ހުށަހެޅުމަށް ވެސް މީރާއިން އެދެއެވެ.
https://x.com/MIRAmaldives/status/2101976277632921708
މީރާގައި ދަފުތަރުވަނީ ފަރުދެއްނަމަ ހުށަހަޅަންޖެހޭނީ އެ ފަރުދެއްގެ ޕާސްޕޯޓުގެ ކޮޕީއެކެވެ. ވިޔަފާރިއެއް ނަމަ ޖެހޭނީ އެ ވިޔަފާރިއެއް ވުޖޫދުކުރިއިރު ދޫކުރި ލިއުމުގެ ކޮޕީއެކެވެ.
ފާހަގަކުރެވޭ ގޮތުގައި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން އަތުން ޓެކްސް ނަގާ ގޮތަށް ގާނޫނު ބަދަލުކުރުމާ ގުޅިގެން، އެ ބަދަލުތައް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ރާއްޖޭގެ ޓްރެވަލް އޭޖެންޓުންގެ އެސޯސިއޭޝަން (މަޓާޓޯ)އާއި ވިލާތުގެ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އޭޖެންޓުން ތަމްސީލުކުރާ ބައެއް އެސޯސިއޭޝަންތަކުން ދިވެހި ސަރުކާރާއި މީރާގައި އެދިފައިވެއެވެ.
އެގޮތުން މަޓާޓޯއިން ނެރުނު ބަޔާނެއްގައިވަނީ އެ ބަދަލުތައް ގެނައިއިރު ޓްރެވަލް ދާއިރާގެ ވިޔަފާރިވެރިންނާ ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ހުރިހާ އެޖެންޓުން މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ ތަންފީޒުކުރަން އުނދަގޫ ކަމެއް ކަމަށް މަޓާޓޯގެ ބަޔާނުގައިވެއެވެ. އަދި ބޭރުގެ އެތައް ހާސް ބައިވެރިންނެއް ޓެކްސް ގަވާއިދުތަކަށް ހޭލުންތެރިކުރުވައި، ބެލެހެއްޓުމުގެ ޒިންމާ ދިވެހި އެޖެންޓުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ކަންކަމުގެ ސަބަބުން ބޭރުގެ އޭޖެންޓުން ރާއްޖެ އިސްތިހާރުކުރުން މަދުކޮށް އެހެން ގައުމުތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު އޮތުމުން، އޭގެ ގެއްލުން އެންމެ ފުރަތަމަ ކުރާނީ ދިވެހި ކުދި ވިޔަފާރިތަކަށް ކަމާއި މެދުފަންތީގެ ވިޔަފާރިތަކަށް ކަން މަޓާޓޯއިން ފާހަގަކޮށްފައިވެއެވެ.
ވިލާތުގެ ޖަމިއްޔާތަކުގެ ތެރެއިން އިޓަލީވިލާތުގެ ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ އެސްޓޯއީ ކޮންފިންޑޫސްޓްރިއާ ވިއާގީގެ ރައީސް ޕިއާ އެޒާޔާ ސޮއިކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީނަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، އަހަރެއްގެ މައްޗަށް ދޮލު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އިޓަލީވިލާތުގެ މާކެޓަކީ ދިވެހި ފަތުރުވެރިކަމުގެ މުހިންމު މާކެޓެއް ކަމަށެވެ.
އެ ސިޓީގައިވަނީ، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކަށް ޖީއެސްޓީ ނިޒާމު ފުޅާކުރުމަށް ކަނޑައަޅައިފައިވާ މާއްދާތައް އުވައިލުމަށް ނުވަތަ އިސްލާހުކުރުމަށް ރިއާޔަތްކޮށްދިނުމަށާއި އެކަން ތަންފީޒުކުރުމުގެ ތާވަލު އަލުން މުރާޖައާކޮށް، ފުރިހަމަ ކޮމްޕްލަޔަންސް އޮނިގަނޑެއް އެކުލަވާލެވެންދެން އައު މާއްދާތަކަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ފްރާންސްގެ ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާ 'ލޭޒް އަންޓްރްޕްރީޒް ޑޫ ވޮޔާޖް' (އީޑީވީ)އާއި ވިޔަފާރި ޔޫނިއަން ސިންޑިކާ ޑެޒް އަންޓްރަޕްރީޒް ޑޫ ޓުއާ އޮޕަރޭޓިން (ސެޓޯ)އިން ޓެކްސް ކޮމިޝަނަރު ފާޠިމަތު އަމީޒާއަށް ފޮނުވި ސިޓީގައިވަނީ، ޓްރެވަލް ސިނާއަތާ މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން އެ ބަދަލަށް އަމަލުކުރުން 2027 ވަނަ އަހަރަށް ފަސްކޮށްދިނުމަށް އެދިފައެވެ.