އެެމެރިކާއަށް ބަރޯސާ ވިޔަސް ރައްކާތެރިކަން ނުލިބޭކަން ހޫޘީންގެ ހަމަލާތަކުން ހާމަވޭ: ވޮޝިންޓަން ޕޯސްޓް

ވޮޝިންޓަން (21 ސެޕްޓެމްބަރު 2026): ސައޫދީ އަރަބިއާ ފަދަ އެމެރިކާއަށް ބަރޯސާ ގައުމުތައް ދިފާއުކޮށްދިނުމުގެ ގާބިލްކަން އެމެރިކާގެ އަސްކަރިއްޔާގައި ނެތްމިންވަރާއި އެމެރިކާގެ އަސްކަރިއްޔާގެ ލިމިޓޭޝަންތައް ހުރި މިންވަރު ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުން ދާދިފަހުން ސައޫދީ އަށް ދިން ހަމަލާތަކުން ހާމަވެގެން ގޮސްފައިވާކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ވޮޝިންޓަން ޕޯސްޓް" އިން ބުނެފިއެވެ.

"ވޮޝިންޓަން ޕޯސްޓް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ޔަމަންގައި ވެރިކަންކުރާ ހޫޘީން ސައޫދީގެ ތެލާ ބެހޭ އިންފްރާސްޓްރަކްޗާ އަށް ތަކުރާރުކޮށް ދެމުން ގެންދާ ހަމަލާތަކާ އަދި މިދިޔަ ހޮނިހިރު ދުވަހު ސައޫދީ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އެއާޕޯޓްގެ ކައިރީގައިވާ ތެޔޮ ރައްކާކޮށްފައިވާ ޓޭންކްތަކަކަށް ހޫޘީން ދިން ހަމަލާތަކަށް ބަލާއިރު ސައޫދީ ފަދަ އެމެރިކާގެ ކިބައިން ހިޔާމަތް ހޯދާ ގައުމުތައް ހިމާޔަތް ކޮށްދިނުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ނެތްމިންވަރު ވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ.

މީގެ އިތުރުން ޔަމަންގައި ސައޫދީގެ މަދަދު ލިބިގެން ހަނގުރާމަކުރާ ޖަމާއަތްތަކާއި ބައިނަލްއަގްވާމީ ގޮތުން އިއުތިރާފުވާ ޔަމަންގެ ސަރުކާރަށް ސައޫދީ ދެމުންގެންދާ ޒަމާނީ ހަތިޔާރާއި އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ފައިސާއާއެކުވެސް އީރާނުގެ މަދަދު ލިބޭ ހޫޘީންގެ ކުރިމަތީގައި ބޮޑު ބައްޔަކުން އެ ފަރާތްތައް ވަނީ ބަލިވެފައެވެ. އަދި އެންމެ ދެތިން ދުވަސްތެރޭގައި ޔަމަންގެ މަޚާއާއި އެނޫންވެސް ސިޓީތަކާއި ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި ބާބުލްމަންދަބަށް އައްސޭރިވާ ހުރިހާ ސަރަހައްދުތަކެއް ހީވެސް ނުކުރެވޭފަދަ އަވަސް މިނެއްގައި ހޫޘީންގެ ބާރުގެ ދަށަށް ގެނަސް ހޫޘީން އެ ތަންތަން ހިފިއިރު އެކަން ހުއްޓުވަން އެމެރިކާ އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމަކީ އެމެރިކާއަށް ޑިޕެންޑް ވުމުން ލިބޭ ނަތީޖާއާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭކަންކަމެވެ.

އީރާނުގެ ރައްދު ހަމަލާތަކެއްގައި ހަލާކުކޮށްލާފައިވާ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް

ރިޕޯޓްތައް ބުނާގޮތުން މި ތަންތަން ހިފުން ހުއްޓުވުމަށް ޓަކައި ހޫޘީންނަށް ހުރަސްއެޅުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގައި ދިނުމަށް ސައޫދީ ވަލީއުލްއަހްދު ދެ ފަހަރެއްގެ މަތިން އެމެރިކާގެ ރައީސް ޓްރަމްޕަށް ދެންނެވިއެވެ. ނަމަވެސް ޓްރަމްޕް މި އެދުންތަކަށް އިޖާބަ ނުދެއްވައި ޔަމަންގެ މައްސަލައިގެ ތެރެއަށް އެއްވެސް ވަރަކަށް ވަނުމަށް ދެކޮޅު ހެއްދެވީއެވެ.

ޓްރަމްޕް މިކަމަށް ދެކޮޅު ހެއްދެވި އެއް ސަބަބަކީ ގަލްފުގައި އީރާންއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން ހޫޘީންނާ ދެކޮޅަށް އެއްގަމުން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަކީ އެމެރިކާ ސިފައިންނަށް އުުފުލޭވަރުގެ ބުރައަކަށް ނުވާތީއެވެ. އަނެއް ސަބަބަކީ ހަމައެކަނި ވައިގެ މަގުން ހަމަލާދީގެން ހޫޘީން ބަލިކުރުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމަކަށްވާތީ ކަމަށް "ވޮޝިންޓަން ޕޯސްޓް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓް ބުނެއެވެ.

އެމެރިކާއަށް އޮތް ހަމައެކަނި ޗޮއިސް އަކީ ވައިގެ މަގުން ހޫޘީންނަށް ހަމަލާދިނުން ކަމަށްވާއިރު މިފަދަ ހަމަލާތަކެއް ދީފިނަމަ އެމެރިކާގެ ޓޭންކަރުތަކަށާއި އާގު ބޯޓުތަކަށާއި އަސްކަރީ އުޅަނދުތަކާއި ސަޕްލައި އުޅަނދުތަކަށްވެސް ހޫޘީން ހަމަލާތައް ދޭނެކަން އެނގުމަކީ ޓްރަމްޕް މިކަމަށް ފަސްޖެހުނު މައިގަނޑު ސަބަބުކަމަށް މި ރިޕޯޓް ބުނެއެވެ.

ރަތްކަނޑުގައި ދަތުރުކުރުމާ އަދި ބާބުލް މަންދަބު ހުރަސްކުރުން މަނާވާނީ ހަމައެކަނި ސައޫދީ އުޅަނދުތަކަށް ކަން ހޫޘީންވަނީ އިއުލާން ކޮށްފައެވެ. މިކަމުގައި ހޫޘީންގެ ބޭނުމަކީ މި މައްސަލައިގެ ތެރެއަށް އެމެރިކާ ނުވަންނާނެކަމުގެ ޔަގީންކަން ހޯދުމެވެ. ނަމަވެސް މިހާލަތްތަކުން ފެންނަން އޮތް ހަގީގަތަކީ ސައޫދީ އަރަބިއާ ފަދަ ދިފާއީ ގޮތުން އެމެރިކާއަށް ބަރޯސާ ގައުމުތައް ދިފާއުކޮށްދިނުމުގެ ގާބިލްކަން އެމެރިކާގެ އަސްކަރިއްޔާގައި ނެތްމިންވަރާއި އެމެރިކާއަށް ބަރޯސާވެގެން ދިފާއު ނުވެވޭނެކަމުގެ ހަގީގަތާއި އެމެރިކާގެ އަސްކަރިއްޔާގައި ލިމިޓޭޝަންތައް ހުރި މިންވަރުކަމަށް މި ރިޕޯޓް ބުނެއެވެ.

އަނެއްކޮޅުން ހޫޘީންފަދަ އެއްގަމަށް ވަރުގަދަ އަދި ހަނގުރާމައިގެ ހުނަރާއި ތަޖުރިބާހުރި ބާރުގަދަ ޖަމާއަތަކާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަ ކުރުމަކީ އެމެރިކާއަށް ވަރަށް ދަތިކަމަކަށްވާއިރު (އަފްޣާނިސްތާނުން ވެސް މިމަންޒަރު ފެނިފައިވާއިރު) ވައިގެ މަގުން ހަނގުރާމަކޮށްގެން ހަނގުރާމައިގެ މަގްސަދު ހާސިލް ނުކުރެވޭކަމާއި ހަމައެކަނި ވައިގެ މަގުން ބޮންއަޅައިގެން ހަނގުރާމަ ނިންމައިނުލެވޭ މައްސަލަ އެއީ އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބަލިފައިކަން މި ރިޕޯޓްގައި ފާހަގަކޮށްފައިއެވެ.

އީރާން އާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމައިގާވެސް އެމެރިކާ ސިފައިންނަށް ދިމާވާ މައިގަނޑު ދެ މައްސަލައަކީ މިއެވެ. އީރާނުގެ މައްޗަށް އެމެރިކާއަށް ކާމިޔާބު ނުހޯދެނީ އެއްގަމުން ހަނގުރާމަ ކުރަން އެމެރިކާ ޖެހިލުންވުމާއި ވައިގެ މަގުން ހަމަލާދީގެން އީރާން ބަލިނުކުރެވޭ މައްސަލަކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކިންގް ޚާލިދު އެއާޕޯޓާ ކައިރީ ހިސާބަކަށް ހޫޘީން ދީފައިވާ ހަމަލާއެއް

އީރާން ފަދަ އަމިއްލަ ޓެކްނޮލޮޖީގައި ގިނަ އަދަދަކަށް ހަތިޔާރު އުފައްދާ ބާރުގަދަ ގައުމަކާ ދެކޮޅަށް ހަނގުރާމަ ކުރަންޖެހިއްޖެނަމަ ހަތިޔާރު ހުސްވެ ހަތިޔާރަށް ޖެހޭ މައްސަލަވެސް އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވާކަން މި ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އީރާނުގެ މިސައިލްތަކުން ސަލާމަތް ވުމަށްޓަކައި ގިނަ އަދަދަކަށް އެންޓި ޑިފެންސް ބެޓްރީތައް ބޭނުންކުރަން ޖެހުމުގެ ސަބަބުން އެބާވަތުގެ އެމިއުނިޝަންގެ ސްޓޮކް މަދުވާ މައްސަލަ އެމެރިކާއަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވެފައިވާ ވަރަށް ނާޒުކު މައްސަލައެއްގެ ގޮތުގައި މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހޫޘީންގެ މިސައިލް ހަމަލާތައް ސައޫދީ ގެ ހައްސާސްތަންތަަނަށް އާދަޔާ ޚިލާފަށް އަރަނީ ސައޫދީ އަށް ބޭނުންވާ އެންޓި ޑިފެންސް ބެޓްރީތަކާއި އޭގެ މިސައިލްތައް އެމެރިކާގެ ފަރާތުން ސައޫދީއަށް ނުލިބޭތީ ކަމަށް މި ރިޕޯޓް ބުނެއެވެ. ހޫޘީންގެ ހަމަލާތައް ސައޫދީއަށް ދިފާއު ނުކުރެވު ނަމަވެސް ސައޫދީން ހޫޘީންގެ އަމާޒުތަކަށް (ފައިޓާޖެޓްތަކުން) ވަރަށް ވަރުގަދައަށް ވައިގެ ހަމަލާތައް ދެއެވެ.

ނަމަވެސް ހޫޘީންނަކީ މިފަދަ ވައިގެ ހަމަލާތަކަކުން ބަލިކޮށްލެޥޭ ވަރަށްވުރެ ފަރުބަދަތަކުގެ އަޑީގައި އަސްކަރީ ގިނަ މަރުކަޒުތަކެއް ހަދައިގެން އުޅޭ ބާރުގަދަ ޖަމާއަތެއްކަންވަނީ ހާމަވެފައެވެ. ޣައްޒާގެ ހަނގުރާމައިގެ ދުވަސްވަރު އިސްރާއިލުންވެސް ހޫޘީންނަށް ވައިގެ އެތަށް ސަތޭކަ ހަމަލާތަކެއް ދިނެވެ. ނަމަވެސް ހޫޘީންގެ ރައްދު ހަމަލާތައް ހުއްޓުމަކަށް ގެނައުމުގައި އިސްރާއީލުގެ އަސްކަރިއްޔާ ވަނީ މުޅިން ނާކާމިޔާބު ވެފައެވެ.

ހޫޘީން ބުނާގޮތުން އެޖަމާއަތުން ސައޫދީ އަށް ހަމަލާދެނީ ސައޫދީން ޔަމަންއާ ދެކޮޅަށް އަޅާފައިވާ ހަތް އަހަރުވީ ހިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމުގެ ބޭނުމުގައެވެ. ދަތިކުރުމާއި ހިސާރުގެ ފިޔަވަޅުތަކުން ޔަމަންގެ އެތަށް މިލިޔަން ބަޔަކު ބަނޑަށް ޖެހިފައިވާކަމަށް ހޫޘީން ބުނެއެވެ. މި ހިސާރު އުވައިނުލާނަމަ ރަތްކަނޑާއި ބާބުލްމަންދަބު ހުރަސްކޮށް އެއްވެސް ވަރަކަށް ތެޔޮ ވެސް އަދި އެހެން އެއްޗެއްވެސް ބޭރުކުރުމާއި އެތެރެކުރުމުގެ ފުރުސަތު ސައޫދީއަށް ނުދޭނެކަން ހޫޘީންވަނީ ހާމަކޮށްފައެވެ.

ގަލްފުގެ ގައުމުތަކާއި އުުރުދުން ފަދަ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ބޭސްތައް ދިފާއު ކުރުމުގައިވެސް އެމެރިކާ ފެއިލް ވެފައިވާކަން އީރާން އާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައިގެ ރައްދުގައި އީރާން ދިން ހަމަލާތަކުންވެސްވަނީ ހާމަވެގެން ގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު