އޭޝިއަން ގޭމްސް: ޝޫޓިންގެ ފިރިހެން ކެޓަގަރީން މާއިދާއި އުމަރު ގައުމީ ރެކޯޑު އާކޮށްފި

އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގެ 10 މީޓަރު އެއާ ރައިފަލް ކެޓަގަރީން ގައުމީ ރެކޯޑު އައުކުރި އަޙްމަދު މާއިދު މުޙައްމަދު-- ފޮޓޯ: އެމްއޯސީ

ޖަޕާނުގެ ނަގޯޔާގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ޝޫޓިން މުބާރާތުގައި ދިވެހިރާއްޖޭގެ ފިރިހެން ޝޫޓިން ޓީމުގައި ހިމެނޭ އަޙްމަދު މާއިދު މުޙައްމަދާއި އުމަރު މުޙައްމަދު ނަޝީދު ގައުމީ ރެކޯޑު އައުކޮށްފިއެވެ.

ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި ކުރިއަށްދިޔަ ފިރިހެނުންގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި ވާދަކުރި ދިވެހި އެތުލީޓުންގެ ތެރެއިން އަޙްމަދު މާއިދު މުޙައްމަދާއި އުމަރު މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ.

މިއަދުގެ އިވެންޓުގެ ރެލީގައި އެންމެ ފުރަތަމަ ގައުމީ ރެކޯޑު އާކުރީ އުމަރު މުޙައްމަދު ނަޝީދެވެ. އޭނާ ވަނީ 610.2 ޕޮއިންޓް ހޯދައި، ކުރިން އޮތް ގައުމީ ރެކޯޑު މުގުރާލާފައެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ވާދަކުރި އަޙްމަދު މާއިދު މުޙައްމަދު ވަނީ 614.5 ޕޮއިންޓް ހޯދައި އުމަރު ހެދި ރެކޯޑު އަލުން އާކޮށް، އެ އިވެންޓުގެ ގައުމީ ރެކޯޑު އައުކޮށްފައެވެ.

އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގެ 10 މީޓަރު އެއާ ރައިފަލް ކެޓަގަރީން ގައުމީ ރެކޯޑު އައުކުރި އުމަރު މުޙައްމަދު ނަޝީދު-- ފޮޓޯ: އެމްއޯސީ

މި އިވެންޓުގެ ގައުމީ ރެކޯޑު މީގެ ކުރިން އޮތީ މިއަދުގެ އިވެންޓުގައި ވާދަކުރި އިބްރާހީމް ޝިފާންގެ އަތުގައެވެ. ޝިފާން އެ ރެކޯޑު ގާއިމުކުރީ 2025 ވަނަ އަހަރު ތައިލެންޑުގެ ބެންކޮކްގައި ބޭއްވި އޭޝިއަން ކަޕް ޝޫޓިން މުބާރާތުގައި 605.5 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ އިވެންޓުގައި ޝިފާން ވަނީ 597.3 ޕޮއިންޓް ހޯދާފައެވެ.

ދުނިޔޭގެ ފެންވަރުގެ ގޭމްސްއެއްގައި ދިވެހި އެތުލީޓުން ކުރިއެރުން ހޯދިއިރު، މިއަދުގެ އިވެންޓުގައި ތަފާތު ގައުމުތަކުން ޖުމްލަ 47 ޝޫޓަރުން ވަނީ ވާދަކޮށްފައެވެ. މި އިވެންޓުގެ އެއްވަނަ 635.4 ޕޮއިންޓާއެކު ހޯދާފައިވަނީ މުޅި ދުނިޔޭގެ ޝޫޓިން ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ޝޫޓަރު ކަމަށްވާ ޗައިނާގެ ޝަންގް ލީހައޯއެވެ.

މި ކާމިޔާބީއަށްފަހު، ދިވެހި ޝޫޓިން ޓީމުން ދެން އެންމެ އަވަހަށް ތައްޔާރުވާނީ މާދަމާ ބާއްވާ 10 މީޓަރު އެއާ ރައިފަލް މިކްސް ޓީމް އިވެންޓުގައި ވާދަކުރުމަށެވެ.

comment ކޮމެންޓް