މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު މިރޭ ބަންދުކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން އާންމުކުރި އެންގުމެއްގައިވާ ގޮތުން، މި މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓް ޕާކު ސަރަހައްދުން މަގުގެ އެއް ފަޅި ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ނަމަވެސް މަގުގެ އަނެއް ފަޅި އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މި ކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސްމާރުކޭޓާ ހިސާބުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ވަނީ ތާރުއަޅާފައެވެ. އަދި ދެވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދު ވަނީ ފުޅާކޮށްފައެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ އެމްޕީއެލް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން އިއުލާންކުރައްވާފައެވެ.
މި ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާއިރު، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް އަންނަނީ ހިންގަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ނޮވެމްބަރު 11، 2027 އާ ހަމައަށް އެ ބަނދަރު ތިލަފުއްޓަށް އެއްކޮށް ބަދަލުކުރެވޭނެއެވެ.