ކުޑަހުވަދޫ ހޮޓަލަކުން މަސްތުވާތަކެތީގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ދ. ކުޑަހުވަދޫގެ ހޮޓަލެއްގެ ތެރެއިން މަސްތުވާތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މާލޭ ދަފްތަރު ނަންބަރު ރސ 1384، ޒުލްކިފްލި ރަޝާދު އާދަމް (20އ) އާއި، ދ. ކުޑަހުވަދޫ ފްރެންޑްލީ، ނިހާލް ނަސީމް (30އ) ގެ އިތުރުން އެ ރަށު މާވެޔޮ، އަބްދުލްގައްޔޫމް އަބްދުއްސައްތާރު (44އ) އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި މި މީހުން ތިއްބައި ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަތޮޅުތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މި ތަކެތި އަތުލައިގަނެފައިވާއިރު، މިއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތިން މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް