ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ބާއްވާ ބައިނަލްއަޤްވާމީ އެންމެ މުހިންމު ބައްދަލުވުން ކަމަށްވާ، އދ. ގެ އާންމު މަޖިލީހުގެ ޖަލްސާތަކަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި، ޑިޕްލޮމެޓުން އަދި ނުފޫޒުގަދަ ފަރާތްތައް އެމެރިކާގެ ނިއުޔޯކަށް އެއްވެއެވެ.
މުޅި ދުނިޔެއަށް ބޮޑެތި އަދި ގުޅިލާމެހިފައިވާ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ، ކުދި އަދި ބޮޑެތި ހުރިހާ ގައުމުތަކަކަށް އެއްވެސް ގައުމަކަށް އެކަނި ޙައްލުނުކުރެވޭނެ މައްސަލަތަކާމެދު މަޝްވަރާކޮށް، ޙައްލު ހޯދުމަށް ފުރުސަތު ލިބޭ މުހިންމު ވަގުތެކެވެ. އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ކުރިއެރުމުން ފެށިގެން ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ މެދު މަޝްވަރާކޮށް، އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތަކުން އަރައިގަތުމުގެ އުއްމީދު އާކުރުމަށް މި މަޖިލީހަކީ ވަރަށް މުހިންމު މަންސައެކެވެ.
މި އަހަރުގެ އާންމު މަޖިލިސް ފެށުމުގެ ކުރިން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ، މުޅި އިންސާނިއްޔަތަށް ނުރައްކާވާ ފަދަ ކަންކަން ހިނގަމުންދާ މި ދަނޑިވަޅުގައި، ޤައުމުތަކުގެ ވެރިން އެކުގައި މަސައްކަތްކޮށް، އެއްބަސްވެވޭ ޙައްލުތަކެއް ހޯދުމަށް ގޮވާލައްވާފައެވެ.
"ދުނިޔޭގެ ބާރުތައް ބަދަލުވަމުން އެބަދޭ. ދުނިޔެ ބަދަލުވަމުންދާއިރު އަޅުގަނޑުމެންގެ މުއައްސަސާތައް ވެސް އެއާ އެކު ބަދަލުވާންޖެހޭ،" ގުޓެރެސް ވިދާޅުވިއެވެ.
އަދި ބައިނަލްއަގްވާމީ އެއްބާރުލުން ކުރިއަށްވުރެ ބޮޑަށް މިހާރު ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ހަފްތާގެ ތެރޭގައި ކުރިއަށްދާ ޖަލްސާތަކުގެ ތެރެއިން، އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "2026 ކްލައިމެޓް ސަމިޓް" ގައި ގައުމުތަކުގެ ވެރިންނާއި، ހަކަތަ އުފައްދާ ބޮޑެތި ފަރާތްތަކުގެ އިތުރުން މޫސުމީ ކަންކަމަށް ވަކާލާތުކުރާ ފަރާތްތައް ބައިވެރިވާނެއެވެ. މި ސަމިޓުގައި އަވަސް މުއްދަތެއްގެ ތެރޭގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ އިންސާފު ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ކަނޑުގެ ލޮނގަނޑު އުފުލުމުގެ ނުރައްކަލާ ގުޅޭ ޚާއްސަ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ ރާއްޖެ ފަދަ ބިމުގެ އުސްމިން ތިރި ގައުމުތަކަށް އޮތް ނުރައްކާތަކަށް ޙައްލު ހޯދުމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި މިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ސިޔާސީ އެއްބާރުލުން ހޯދުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ އދ. އަކީ ހަމައެކަނި ވާހަކަދައްކާ ޕްލެޓްފޯމެއް ނޫން ކަމަށާއި، އެއީ މުޅި އިންސާނިއްޔަތަށް ވެފައިވާ ވަައުދެއް ކަމަށެވެ.
އަދ.ގެ 81ވަނަ އާންމު މަޖިލީހުގެ މަތީފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި، އިސް ބޭފުޅުންވަނީ ނިއުޔޯކަށް ވަޑައިގެންފައެވެ.