ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން އެންގީ، ސަރުކާރު މެނޭޖުނުކުރެވިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ އޮގަސްޓު 31ގައި ވަނީ، އެމްއެމްއޭއިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އާއި އޭގެ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކޮށްފައެވެ.
އަމިއްލަ ގެކޮޅުގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި އެ ކަމަށް އިޝާރަތްކުރައްވައި، ޔާމީން ވަނީ ވާހަކަދައްކަވަފާއެވެ.
އެ މަނިކުފާނު ވިދާޅުވީ ރިސޯޓުތަކަށް 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރަން ކެރުނު ހަމައެކަނި ރައީސަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެ ކަމުގައި ހިތްހަމަނުޖެހޭ ބަޔަކު ތިބި ނަމަވެސް އެއީ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނާ ކަމަށެވެ.
ޔާމީން: ވިދާޅުވީ، ރިސޯޓުތަކަށް 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުވީ، ސަރުކާރު މެނޭޖުނުކުރެވިގެން ކަމަށް -- ސަން ފޮޓޯ: މޫސާ ނަދީމްޔާމީން ވިދާޅުވީ، އެ ވާހަކައާ މެދު ވިސްނާލުން ރަނގަޅު ކަމަށާއި އިގުތިޞާދު ދަށްވެގެން ކުރީގެ ރައީސުން ރިސޯޓުތަކަށް ވަންނަ ހުރިހާ ޑޮލަރެއް މާރުކުރަން ލާޒިމެއް ނުކުރާ ކަމަށެވެ. އޭރު ދަރަންޏާއި ބޭރު ފައިސާއިން ކުރަން ޖެހޭ ކަންކަން ވެސް ކުރެވުނުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިސޯޓުތަކަށް ލިބޭ 'ހުރިހާ ޑޮލަރެއް' މާރުކުރަން އެންގުމުން މުޅި އެ ދާއިރާގައި އޮތީ ސަރުކާރަށް ނަފުރަތު ކަމަށް ޔާމީން ވިދާޅުވިއެވެ.
"...މިތާ ހިސާބުތަކުން ދައްކާފައި އަޅުގަނޑުމެނަށް ކިޔައިދީފި މިދިޔަ ދެ އަހަރުގެ ތެރޭގައި ނިސްބަތުން ކުރީގެ އަހަރުތަކާ އަޅާބަލާއިރު އެންމެ ބޮޑަށް ބޭރު ފައިސާ ވަދެފައި އޮތީ [ރައީސް] މުއިއްޒުގެ ސަރުކާރުގަޔޭ. އެހެންވީމަ ހަމަ ޓޯޓަލް މިސްމެނޭޖުމަންޓް ނޫންތޯ މިއީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން --- ސަން ފޮޓޯ/ ފަޔާޒު މޫސާޔާމީން މި ފަދައިން ވިދާޅުވިއިރު، ރައީސް ވަނީ، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓު އެމްއެމްއޭއަށް މާރުކުރަން ޖެހުނު ނަމަވެސް، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓައިގެން ނުވާނެ ކަމަށް ވިދާޅުވެ، އެ ބަދަލުތައް ދިފާއުކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަ ކަމަށް ވިދާޅުވިއެވެ.
މި އައު އިސްލާހުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށާއި، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ޚާއްސަކޮށް އަސާސީ މުދާ އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައެއް ރިސޯޓު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ބަދަލަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ ކަމާބެހޭ އިދާރާތަކުން ހިސާބުތަކާއި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.