އޭޝިއަން ގޭމްސް 2026: ބީޗް ވޮލީގައި އީރާން އަތުން ރާއްޖޭގެ ފިރިހެން ޓީމު ބަލިވެއްޖެ

އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ--- ފޮޓޯ: އެމްއޯސީ

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި އީރާނުން ރާއްޖެ ބަލިކޮށްފިއެވެ.

މިއަދު ކުޅުނު މެޗުން ދިވެހި ޓީމުގެ މައްޗަށް އީރާން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ އެއް ނަމްބަރު ބީޗް ޕެއާ، އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާގެ މައްޗަށް އީރާނުގެ އަބޮލްހައްސާން އާއި އާމިރް ޢަލީގެ ޕެއާ ކުރި ހޯދީ 21-12 އަދި 21-14 އިންނެވެ.

އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ--- ފޮޓޯ: އެމްއޯސީ

ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު އީރާނުގެ ޕެއާ ފަސޭހައިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ރާއްޖޭގެ ޕެއާއިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަކޮޅު އެއްވަރެއްގައި ހިފަހައްޓާފައެވެ. އެހެންނަމަވެސް ސެޓުގެ މެދަކާހަމައިން ލީޑުނެގި ގޮތަށް އީރާނުން ވަނީ އެ ސެޓުވެސް ކާމިޔާބުކޮށްފައެވެ.

ބީޗް ވޮލީގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ރާއްޖޭގެ އަންހެން ޕެއާ، އާމިނަތު އަރީޝާ އާއި ފާތުމަތު އަނާލް ފިލިޕީންސްގެ ޕެއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ފަތިހު 5:00 ގައެވެ.

އޭޝިއާ ބައްރުގެ 45 ޤައުމަކުން އެތުލީޓުން ވާދަކުރާ މި ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ސާފިން، އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީބޯޅައިގައެވެ.

comment ކޮމެންޓް