ގައުމީ ޓީމަށް ގޮންޖެހުންތަކެއް، ނަތީޖާއަށް އުންމީދުކުރަންވާނީ ހާލަތަށްވެސް ވިސްނައިގެން: އުރުބާނީ

ގައުމީ ފުޓުބޯޅަ ޓީމުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ ވާހަކަދައްކަނީ-- ސަން ފޮޓޯ: އަޙްމަދު ފިރްޔާލް

ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ މެޗުތަކަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ނެގުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ނަތީޖާ ނެރެން ބޭނުންވި ނަމަވެސް އުންމީދުތައް ކުރަންވާނީ ޓީމުގެ މިހާރުގެ ހާލަތަށް ވިސްނައިގެން ކަމަށް ގައުމީ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިސްތަވާން އުރްބާނީ ބުނެފިއެވެ.

އުރްބާނީ ފާހަގަކުރި ގޮތުގައި އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިންނަށް ޓީމާއެކު ދަތުރު ނުކުރެވޭއިރު، ޒުވާން ބައެއް ކުޅުންތެރިންގެ ކިޔެވުމުގެ ޓެސްޓްތަކެއް އޮތުމުންނާއި، ސީނިއާ ބައެއް ކުޅުންތެރިން އާއިލީ ޒިންމާތަކުގެ ސަބަބުން މި ފަހަރުގެ ސްކޮޑުގައި ނުހިމެނެއެވެ.

ނަމަވެސް، މި ހާލަތުގައި ވެސް ބޭނުންވަނީ އަލަށް ފުރުސަތު ލިބޭ ކުޅުންތެރިން ވާދަވެރި މެޗުތަކެއްގައި އުއްމީދީ ކުޅުމެއް ދައްކާތަން ބެލުން ކަމަށް އޭނާ ބުންޏެވެ. އަދި ގައުމީ ޓީމުގެ ނަތީޖާތަކަށް ފާޑުކިޔަންވާނީ މި ހުރިހާ ކަމަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް އޭނާ އިތުރަށް ބުންޏެވެ.

ގައުމީ ފުޓުބޯޅަ ޓީމުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ ވާހަކަދައްކަނީ-- ސަން ފޮޓޯ: އަޙްމަދު ފިރްޔާލް

ރާއްޖޭގައި އެންމެ ރޭ ޕްރެކްޓިސް ކުރުމަށްފަހު ގައުމީ ޓީމު މިއަދު ފުރާއިރު، މި މަހުގެ 24 ވަނަ ދުވަހު ޗައިނާގެ ޗޮންގްޖިންގައި އެ ގައުމާ ދެކޮޅަށް ކުޅޭނެއެވެ. އެއަށްފަހު ޓީމު ދަތުރުކުރާނީ ކިރްގިސްތާންގެ ވެރިރަށް ބިޝްކެކް އަށެވެ. އެގޮތުން، މި މަހުގެ 28 ގައި ކިރްގިސްތާނާ ދެކޮޅަށް ކުޅުމަށްފަހު، އަންނަ މަހުގެ 1 ވަނަ ދުވަހު ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.

ކުޅޭ ފުޓްބޯޅައިގައި ނަތީޖާ ނެރުމަށް އިސްކަން ނުދެނީތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ހަންގޭރީއަށް ނިސްބަތްވާ ކޯޗު ބުނީ، ބަލިވުމަކީ އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއް ނޫން ކަމަށާއި އޭނާއަކީވެސް އަބަދުވެސް ނަތީޖާ ނެރެން މަސައްކަތްކުރާ މީހެއް ކަމަށެވެ.

"ނަތީޖާ ނެރެން އަހަރެންވެސް ބޭނުން. 'ރިޒަލްޓް އޮރިއެންޓެޑް' ފުޓްބޯޅައެއް ކުޅޭނަމަ އަހަރެން ބޭނުންވާ ހުރިހާ ކަމެއްވެސް ފުރިހަމަވާންޖެހޭ. ރަނގަޅު ފިޓްނަސް ކޯޗެއް ގެންނަން ބޭނުންނަމަ އެކަން ވާންޖެހޭ. ރާއްޖޭން ބޭރުގައި ކުޅޭ ކުޅުންތެރިއަކު ގެންނަން ބޭނުންނަމަ އެކަންވެސް ވާންޖެހޭ. އެހެންވެ އަހަރެން މި ބުނަނީ، ގައުމީ ޓީމުގެ ކަންކަން ނިންމަން ޓެކްނިކަލް ކޮމިޓީއެއް އޮންނަންޖެހޭ ކަމަށް،" އުރްބާނީ ބުންޏެވެ.

ތިންވަނަ ފަހަރަށް ގައުމީ ޓީމުގެ ކޯޗުކަމާ އުރްބާނީ ހަވާލުވީ މި އަހަރުގެ ކުރީކޮޅުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއަށް މިހާތަނަށް މޮޅެއް ލިބުނީ މާޗު މަހު މާލޭގައި ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން އެކަންޏެވެ.

އޭގެފަހުން، މާޗު މަހު ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ސްރީ ލަންކާ އަތުން 3-2 އިން ބަލިވެ، ނޭޕާލާއި ބޫޓާނާ އެއްވަރުވެ ރާއްޖެ ކެޓީ ގްރޫޕުގެ ފުލުގައި އޮވެއެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ޖޫން މަހު މާލޭގައި ބޭއްވި 'ޑައިމަންޑް ޖުބިލީ' މުބާރާތުގައި އަފްގާނިސްތާން އަތުން 1-0 އިން ބަލިވިއިރު ފުރަތަމަ ފަހަރަށް ޕާކިސްތާން އަތުން 3-0 އިން ވަނީ ބަލިވެފައެވެ. އެ މުބާރާތުގެ ފަހު މެޗުގައި ރާއްޖެ އެއްވަރުވީ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ 1-1 އިންނެވެ.

comment ކޮމެންޓް