އޭއައި ބޭނުންކޮށްގެން ޕާކިސްތާނުގެ އަންހެން ފަންނާނުންނަށް ބިރުދެއްކި މައްސަލަ ހޫނުވެއްޖެ

ޕާކިސްތާނުގެ ބަތަލާއިން ކަމަށްވާ މާހިރާ ޚާން އަދި ކިންޒާ ޙާޝްމީ--ފޮޓޯ/އިންސްޓަގްރާމް

ޕާކިސްތާނުގެ މަޝްހޫރު އަންހެން ސެލެބްރިޓީންނަށް އަމާޒުކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަނިޔާވެރި އަދި އަބުރަށް އަރައިގަންނަ ފަދަ ޑީޕްފޭކް ވީޑިއޯތަކެއް އުފައްދައި އާންމުކުރި ޑިޖިޓަލް ކްރިއޭޓަރަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ޤައުމުގެ މަޝްހޫރު ފަންނާނުން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފިއެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ މުޙައްމަދު އަޙްސަން ނަމަކަށް ކިޔާ އެހެން ކްރިއޭޓަރަކު ނެރުނު ރީލް ވީޑިއޯއެއްގައި، "އެމް"ގެ ނަމުގައި ހިންގާ އިންސްޓަގްރާމް އެކައުންޓަކުން އާންމުކުރަމުންދާ އޭއައި ވީޑިއޯތަކަށް ފާޑުކިޔުމުންނެވެ.

އެ އެކައުންޓް ބަލައިފާސްކުރިއިރު، އެމް ނަމަކަށް ކިޔާ މި މީހާ ވަނީ ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ހަނިއާ އާމިރުގެ އިތުރުން އެހެން ފަންނާނުންނާއި އިންފްލުއެންސަރުންގެ އިތުރުން ބައިނަލްއަގުވާމީ ސެލެބްރިޓީންގެ ފޭކް މޫނު ބޭނުންކޮށްގެން އެ މީހުންނަށް އަނިޔާކޮށް، ކޮޅުފައިން ޖަހައި އަދި އަބުރަށް ހުތުރުއަރާ ފަދަ ވީޑިއޯތައް އުފައްދާފައެވެ. އަދި ބައެއް ވީޑިއޯތަކުގައި އޭއައި މެދުވެރިކޮށް އެ މީހުންނާއެކު ނަށާ މަންޒަރުތައް ވެސް ދައްކުވައިދީފައިވެއެވެ.

އަޙްސަން އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ، މިއީ ހަމައެކަނި އެކަކަށް އަމާޒުކޮށްގެން ހަދާފައިވާ ވީޑިއޯއެއް ނޫން ކަމަށާއި، އަންހެން ފަންނާނުންގެ ކަރާމާތް ނަގާލުމަށް މިއީ ގަސްދުގައި ހިންގާ އަމަލެއް ކަމަށެވެ. އަދި މިއީ އޭއައިގެ ވަރަށް ރަނގަޅު ބޭނުމެއް ކަމަށް ބުނެ، ބައެއް ފިރިހެނުން އެ ވީޑިއޯތަކަށް ސާބަސްދީ ކޮމެންޓްކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ. ނަމަވެސް އެ ޕޯސްޓު ވައިރަލްވިތާ 24 ގަޑިއިރުގެ ތެރޭގައި ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް، އެ މީހާއާމެދު ފިޔަވަޅު އަޅަން ގޮވާލާފައެވެ.

(އޭއައި) ބޭނުންކޮށްގެން އަނިޔާވެރި ޑީޕްފޭކް ވީޑިއޯތަކެއް އުފެއްދި މައްސަލައިގައި ޕާކިސްތާނުގެ ބަތަލާއިން ސޯޝަލް މީޑިއާގައި އަޑުއުފުލާފައި--ފޮޓޯ/އިންސްޓަގްރާމް

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާން ބުނީ، އަންހެން ސެލެބްރިޓީންނާ މެދު މުޖުތަމަޢުގެ ވިސްނުން މިފަދަ ގޮތަކަށް ހުރިނަމަ، އަންހެނުންނަށް ކުރާ އަނިޔާތައް އިތުރުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކިންޒާ ހާޝިމީ ވަނީ ޕަންޖާބާއި ސިންދު އަދި އިސްލާމާއާބާދު ސަރަހައްދުގެ ކަމާބެހޭ އިދާރާތައް ޓެގްކޮށް، މި މައްސަލަ ބެލުމަށް އެދިފައެވެ. މީގެއިތުރުން މިފަދަ އަމަލުތައް ހިންގާ މީހުން ހޯދައި ފުޅާދާއިރާއެއްގައި ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ނަމަވެސް ގާނޫނީ ސަޒާ ދޭންޖެހޭ ކަމަށް ބުނެ ޕާކިސްތާނުގެ މަޝްހޫރު ގިނަ ބަތަލާއިންތަކެއް ވަނީ ސޯޝަލް މީޑިއާގައި އަޑުއުފުލާފައެވެ.

މިފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. ޕާކިސްތާނުގެ "ޕްރިވެންޝަން އޮފް އިލެކްޓްރޯނިކް ކްރައިމްސް އެކްޓް" (ޕެކާ)ގައި އޭއައި މެދުވެރިކޮށް ހިންގާ ކުށްތަކަށް ޚާއްޞަ މާއްދާތަކެއް ނެތް ނަމަވެސް، އޮންލައިންކޮށް އަބުރުކަތިލުމާއި އަބުރާ ބެހުމުގެ މާއްދާތައް ބޭނުންކޮށްގެން ކޯޓުތަކުންނާއި ފުލުހުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ޕަންޖާބުގެ ޗީފް މިނިސްޓަރު މަރިޔަމް ނަވާޒްގެ ޑީޕްފޭކް ވީޑިއޯތަކެއް ހެދި މައްސަލައިގައި ވެސް ވަނީ ޤާނޫނީ ފިޔަވަޅު އަޅާފައެވެ.

އޭއައި ބޭނުންކޮށްގެން އަންހެނުންނަށް އަމާޒުކޮށްގެން ދޭ މިފަދަ ހަމަލާތަކަކީ މުޅި ދުނިޔޭގައިވެސް ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާ ކަމެކެވެ. އަންދާސީ ހިސާބުތަކުން ދައްކާ ގޮތުގައި އިންޓަނެޓްގައި ދައުރުވާ ޑީޕްފޭކް ވީޑިއޯތަކުގެ 90 އިންސައްތަ އަށްވުރެ ގިނައީ އަންހެނުންގެ ޖިންސީ ނާޖާއިޒު ފައިދާ ނެގުމަށް އުފައްދާފައިވާ މަންޒަރުތަކެވެ.

comment ކޮމެންޓް